ކުޅިވަރު

މެސީ އާޖެންޓީނާ މޮޅުކޮށްދީ، ޓީމަށް ދިރުން ގެނެސްދީފި

ފީފާ ވޯލްޑް ކަޕްގައި މިރޭ ލިއޮނެލް މެސީގެ އެހީތެރިކަމާ އެކު 0-2 އިން މެކްސިކޯ ބަލިކޮށް އާޖެންޓީނާ އިން މުބާރާތުގައި ކުރިއަށް ދިއުމުގެ ފަހި ފުރުސަތެއް ހޯދައިފި އެވެ.

މުބާރާތުގައި އާޖެންޓީނާ ފުރަތަމަ ކުޅުނު މެޗުގައި ސައުދީ އަރަބިއާ އަތުން ހައިރާން ކުރުވަނިވި ގޮތަކަށް 2-1 އިން ވަނީ ބަލިވެފަ އެވެ. އެ މެޗުން ބަލިވުމުން ޕްރެޝަރުވެ މިރޭ މެކްސިކޯ ބަލިކުރަން އެޓީމަށް މަޖުބޫރުވި އެވެ.

މުހިއްމު މޮޅާ އެކު އާޖެންޓީނާ މިހާރު އޮތީ ތިން ޕޮއިންޓާ އެކު ދެވަނައިގަ އެވެ. މި ގްރޫޕުގެ އެއްވަނައިގައި އޮތީ އިއްޔެ ސައުދީ އަރަބިއާ 0-2 އިން ބަލިކުރި ޕޮލެންޑެވެ. ގޯލުގެ ތަފާތުން ތިން ވަނައިގައި އޮތީ ތިން ޕޮއިންޓް ލިބިފައިވާ ސައުދީ އަރަބިއާ އެވެ. ފުލުގައި އޮތް މެކްސިކޯ އަށް އަދި ލިބުނީ އެންމެ ޕޮއިންޓެކެވެ.

ގްރޫޕްގެ ފަހު މެޗުގައި އާޖެންޓީނާ ނުކުންނާނީ ޕޮލެންޑާ ދެކޮޅަށެވެ. މެކްސިކޯ ކުޅޭނީ ސައުދީ އަރަބިއާއާ އެވެ. މި މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުން ކޮންމެ ޓީމަކަށް ވެސް ދެވަނަ ބުރުން ފުރުސަތު ލިބިދާނެ އެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި އެންމެ ނުރައްކާތެރި ހަމަލާ ހިލޭ ޖެހުމަކުން ފޮނުވާލީ މެކްސިކޯގެ އަލެކްސިސް ވެގާ އެވެ. އޭނާ ފޮނުވާލި ހިލޭޖެހުން ގޯލުގެ މަތީ ކަނަށް ދަނިކޮށް އާޖެންޓީނާގެ ގޯލްކީޕަރު، އެމިލިއާނޯ މާޓީޏޭޒް ވަނީ އެ ބޯޅަ ހިފައިފަ އެވެ. ފުރަތަމަ ހާފުގައި އާޖެންޓީނާ އިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ނުރައްކާތެރި ހަމަލާއެއް އުފެއްދިފައެއްނުވެ އެވެ.

އާޖެންޓީނާ އިން މެޗުގެ ނަތީޖާ އަނބުރާލީ ދެވަނަ ހާފުގަ އެވެ. 64 ވަނަ މިނެޓުގައި އެޓީމުގެ ފުރަތަމަ ގޯލު ޖެހީ މެސީ އެވެ. އަރިމަތިން އެންހެލް ޑި މާރިއާ ޖައްސާލި ބޯޅަ ހޯދުމަށް ފަހު މެސީ ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. މިއީ ވޯލްޑް ކަޕްގައި ކުޅުނު 21 މެޗުގައި މެސީ ޖެހި އަށް ވަނަ ގޯލެވެ. މެސީއާ ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ވޯލްޑް ކަޕްގައި ޖަހާފައިވަނީ އަށް ގޯލެވެ.

އާޖެންޓީނާގެ ދެވަނަ ގޯލު ޖެހީ ބެންފީކާގެ ފޯވާޑް އެންޒޯ ފެނާންޑޭޒް އެވެ. ކޯނަރެއްގައި މެސީ ޖައްސާލި ބޯޅަ ހޯދައި ކައިރީގައި ހުރި މެކްސިކޯގެ ކުޅުންތެރިޔާ ކަޓުވާލުމަށް ފަހު އެންޒޯ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

ވޯލްޑް ކަޕްގައި މާދަމާ ހަތަރު މެޗު ކުޅޭނެ އެވެ. އެންމެ ފުރަތަމަ ކުޅޭނީ ޖަޕާން އާއި ކޮސްޓަ ރީކާގެ މެޗެވެ. މާދަމާ އެންމެ ފާހަގަކޮށްލެވެނީ ދަންވަރު 12 ޖަހާއިރު ޖަރުމަނާއި ސްޕެއިން ވާދަކުރާ މެޗެވެ. ސްޕެއިން އަތުން ބަލިވެއްޖެ ނަމަ ޖަރުމަނު ވޯލްޑް ކަޕުން ކަޓާނެ އެވެ.