ކުޅިވަރު

ވޯލްޑް ކަޕް މި ފެށުނީ އަދިކިރިޔާ: މެސީ

ފީފާ ވޯލްޑް ކަޕް ފެށުނީ އަދިކިރިޔާ ކަމަށާއި، ބާކީ އޮތް ކޮންމެ މެޗަކީ ވެސް ފައިނަލެއް ކަމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ބުނެފި އެވެ.

ގްރޫޕް ސީގައި ރޭ އާޖެންޓީނާ އިން ވަނީ 0-2 އިން މެކްސިކޯ ބަލިކޮށް މުބާރާތުގައި ކުރިއަށް ދިއުމުގެ އުއްމީދު އާކޮށްފަ އެވެ. މޮޅާ އެކު އާޖެންޓީނާ މިހާރު އޮތީ ތިން ޕޮއިންޓާ އެކު ގްރޫޕުގެ ދެވަނައިގަ އެވެ. އެއްވަނައިގައި އޮތީ ހަތަރު ޕޮއިންޓް ހޯދާފައިވާ ޕޮލެންޑެވެ.

ފަހު މެޗުގައި އާޖެންޓީނާ ނުކުންނާނީ ޕޮލެންޑާ ދެކޮޅަށެވެ. ކޮންމެ ނަތީޖާތަކުން އެ މެޗު ކާމިޔާބު ކުރިޔަސް އާޖެންޓީނާ އަށް އަނެއް ބުރަށް ދެވޭނެ އެވެ. ގްރޫޕުގެ ފަހު މެޗުގައި މެކްސިކޯ އާއި ސައުދީ އަރަބިއާ ވާދަކުރާނެ އެވެ. ސައުދީ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު މެކްސިކޯ އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

"އަހަރެމެންނަށް މިހާރު ދޫދެވެން ނެތް. ދެން ހުރީ ހުސް ފައިނަލް. މެކްސިކޯ މެޗު ކާމިޔާބުކުރުން މަޖުބޫރުކަން އަހަރެމެންނަށް އެނގުނު. މި ފެށުނީ އާ ވޯލްޑް ކަޕެއް" މެޗަށް ފަހު މެސީ ބުންޏެވެ.

ރޭގެ މެޗުގައި އާޖެންޓީނާގެ ފުރަތަމަ ގޯލު ދެވަނަ ހާފުގައި ކާމިޔާބުކޮށްދިނީ މެސީ އެވެ. އޭރިޔާ ބޭރުން މެސީ އަށް ލިބުނު ޖާގައިގެ ބޭނުންހިފައި ގޯލުގެ ތިރީ ކަނަށް މެސީ ވަނީ ބޯޅަ ވައްދާލައިފަ އެވެ. އޭގެފަހުން މެސީގެ އެހީތެރިކަމާ އެކު އާޖެންޓީނާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ އެންޒޯ ފެނާންޑޭޒް އެވެ.

މިފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުގައި ސައުދީ އަރަބިއާ އަތުން ބަލިވުމާ އެކު މެސީ އާއި އާޖެންޓީނާ އަށް ޕްރެޝަރާ ކުރިމަތިވި އެވެ. މެސީ ބުނީ އެ މެޗުން ބަލިވުމުގައި ބައިވަރު ސަބަބުތައް ހުރި ކަމަށެވެ. މިގޮތުން މިއީ ބައެއް ކުޅުންތެރިންނަށް ފުރަތަމަ ވޯލްޑް ކަޕަށް ވުމުން ޕްރެޝަތު ކުރިމަތިވި ކަމަށް މެސީ ބުންނެވެ.

މެސީ ވަނީ އާޖެންޓީނާ އެންމެ ފަހުން ކުޅުނު ހަ މެޗުގައި ވެސް ލަނޑު ޖަހައިފަ އެވެ. މިއީ އާޖެންޓީނާގެ ޖާޒީގައި މެސީ އަށް މީގެ ކުރިން ކުރެވިފައިވާ ކަމެއް ނޫނެވެ.

ރޭ ޖެހި ގޯލާ އެކު މެސީ ވަނީ ވޯލްޑް ކަޕްގައި ކުޅުނު 21 މެޗުގައި އަށް ގޯލު ހަމަކޮށްފަ އެވެ. އާޖެންޓީނާ އަށް ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިނީ 10 ލަނޑު ޖެހި ގެބްރިއެލް ބަޓިސްޓޫޓާ އެވެ. ބަޓިސްޓޫޓާގެ ފަހަތުން މެސީއާ އެކު ދެވަނައިގައި އުޅެނީ ކުރީގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާ އެވެ.

އާޖެންޓީނާ އިން މުހިއްމު މޮޅު ރޭ ހޯދީ މިފަހަރުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވާ ލުސައިލް ސްޓޭޑިއަމްގަ އެވެ. ރޭގެ މެޗު ބެލުމަށް 88،966 ސަޕޯޓަރުން ދަނޑަށް ވަނީ ވަދެފަ އެވެ. މިއީ 1994 ވަނަ އަހަރު އެމެރިކާގައި ކުޅުނު ވޯލްޑް ކަޕް ފައިނަލަށް ފަހު، ވޯލްޑް ކަޕް މެޗެއް ބަލަން އެންމެ ގިނަ މީހުން ވަން ފަހަރެވެ. އެފަހަރު ފައިނަލް ބަލަން 94،194 ސަޕޯޓަރުން ދަނޑަށް ވަނެވެ.