އެޓާނީ ޖެނެރަލް

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގައި ރާއްޖެ ކުރިއެރުން ހޯދާފައިވޭ: އޭޖީ

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް އަދި ހައްގުތައް ކުރިއަރުވަން ރާއްޖެއިން ގިނަ ކަންތައްތަކެއް ކޮށް ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.

ޖެނީވާގައި ކުޑަކުދިންގެ ހައްގުތަކާބެހޭ މުއާހަދާ ނުވަތަ ކޮންވެންޝަން އޮން ދި ރައިޓްސް އޮފް ދަ ޗައިލްޑް (ސީއާރްސީ) ގެ ރިވިއު ކުރާ ކޮމެޓީގެ މިހާރު ކުރިއަށްދާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަނިލް ވިދާޅުވީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރަން ރާއްޖެއަށް ތަފާތު ގިނަ ގޮންޖެހުންތަކަކާ ވެސް ކުރިމަތިވި ކަމަށެވެ. އަދި ވިދާޅުވީ ގޮންޖެހުން ތަކަކާއި ކުރިމަތިވަނީ އަވަހަށް ކަންކަން ބަދަލު ކުރަން މަސައްކަތް ކުރާތީ ކަމަށާއި އަދި ދިވެހި މުޖުތަމައު އޮތީ މިފަދަ ކަންކަން ބަލައިގަންނަން ތައްޔާރަށް ނޫން ކަމަށެވެ.

އަނިލް ވިދާޅުވީ ރާއްޖެއިން ހޯދުނު ކުރިއެރުންތަކުގެ ތެރޭގައި މިހާރު އެކުލަވާލެވިފައިވާ ކުޑަކުދިންގެ ހައްގުތަކާބެހޭ ބިލާއި، ކުޑަކުދިންގެ ޖިނާއި އަދުލުގެ ނިޒާމާ ބެހޭ ބިލު އަދި ޖިންސީ ހަމަހަމަ ކަމާއި ގުޅޭ ބިލަކީ ފާހަގަ ކުރެއްވޭ ކަމަށެވެ. މީގެ އިތުރުން ތައުލީމު ހާސިލް ކުރާ ކުޑަކުދިންގެ އަދަދު މަތި ވުމާއި މާބަނޑު ދުވަސްވަރު މަރުވާ އަންހެނުންގެ އަދަދާއި ޅަފަތުގައި މަރުވާ ކުދިންގެ އަދަދު ދަށްވެފައި ވުމަކީވެސް ލިބިފައިވާ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އަނިލް ވިދާޅުވި އެވެ.

ރާއްޖެއިން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމުގައި ސާބިތުކަމާއެކު ދެމި އޮންނާނެ ކަމުގެ ޔަގީންކަން އަނިލް މިއަދު ދެއްވި އެވެ.

މިމަހުގެ 29 އަށް ޖެނީވާގައި ކުރިއަށްގެންދާ ކުޑަކުދިންގެ ހައްގުތަކާބެހޭ މުއާހަދާ ނުވަތަ ކޮންވެންޝަން އޮން ދި ރައިޓްސް އޮފް ދަ ޗައިލްޑް (ސީއާރްސީ) ކޮމެޓީގެ ބައްދަލުވުމަކީ ގައުމުތަކުން ސީއާރްސީ މުއާހަދާގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރަމުންދާ މިންވަރު ދެނެގަތުމުގެ ބައްދަލުވުމެކެވެ.

މި ބައްދަލުވުމާއި ބެހޭގޮތުން އެޗްއާރްސީއެމުން ބުނީ ސީއާރްސީން ގައުމުތައް ރިވިއު ކުރުމުގައި ގައުމުތަކުންނާއި، ޔޫއެންގެ ފަރާތްތަކުން އަދި ގައުމީ ހިއުމަން ރައިޓްސް ކޮމިޝަންތަކުންނާއި މަދަނީ ޖަމިއްޔާތަކުން ފޮނުވާ ރިޕޯޓުތަކާއި އަދި ކޮމެޓީ ބައްދަލުވުމުގައި ދައުލަތުގެ ފަރާތުން ބައިވެރިވެ ކޮމިޓީއާއެކު ކުރެވޭ މަޝްވަރާތަކަށް ބަލާނެ ކަމަށާއި އޭގެ ފަހުން ގައުމުތަކުގެ ކުޑަކުދިންގެ ހައްގުތަކުގެ ދާއިރާގައި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ފާހަގަކުރުމަށްފަހު ކޮމެޓީއިން ހުށަހެޅުންތަކެއް ނުވަތަ ނިންމުންތަކެއް ހުށަހަޅާނެ ކަމަށެވެ.

މި ބައްދަލުވުމުގައި "ކޮންކްލޫޑިން އޮބްޒަވޭޝަނެއް" ހުށަހަޅަން ހަމަޖެހިފައިވަނީ ފެބްރުއަރީ ހަތަރެއް ގަ އެވެ.

އެޗްއާރްސީއެމުން ބުނީ ކުޑަކުދިންގެ ހައްގުތަކުގެ ހާލަތު ބަޔާންކޮށް މިދިޔަ އޭޕްރިލް މަހުގެ 27 ވަނަ ދުވަހު ސީއާރްސީ ކޮމެޓީއަށް، އެކޮމިޝަނުން ހުށަހަޅާފައިވާނެ ކަމަށެވެ. އަދި 2013 ވަނަ އަހަރުގެ ފެބްރުއަރީ 21 ގައި ދިވެހި ދައުލަތުން "ސްޓޭޓް ރިޕޯޓް" ހުށަހަޅާފައިވާ ކަމަށާއި މިދިޔަ އަހަރުގެ ޖުލައި 20 ގައި މި މުއާހަދާ ތަންފީޒުކުރާ މިންވަރާ ބެހޭގޮތުން އިތުރަށް ސާފުކުރަން ބޭނުންވާ ކަންކަން ފާހަގަކޮށް "ލިސްޓް އޮފް އިޝޫޒް" ދިވެހި ދައުލަތަށް ހުށަހަޅާފައިވާނެ ކަމަށެވެ.