ހުޅުމާލޭގެ ބީޗް ކްލަބް ކިޔާ ކެފޭއަކަށް ވަދެ ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނި މީހާގެ ބަންދައް ހަތް ދުވަސް ޖަހައިފި އެވެ.
އުމުރުން 38 އަހަރުގެ މި މީހާ ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހުގެ ރެ އެވެ. އޭނާގެ ބަންދަށް ކޯޓުން މުއްދަތު ޖެހީ އިއްޔެ އެވެ.
މި މީހާގެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރީ އެވަގުތު ކެފޭގައި ތިބި އާންމުންގެ ބައެއް ކަމަށް އެނގިފައިވެ އެވެ.
ގޮވާ އެއްޗެއް އޮތް ކަމަށް ބުނެ އިންޒާރު ދިނުމަކީ ގާނޫނީ ކުށަކަށްވާއިރު ޓެރަރިޒަމްގެ އަމަލެއްގެ ބިރެއް ނުވަތަ އިންޒާރެއް ދިނުމަކީ ހަތަރު އަހަރާއި ހަ އަހަރާ ދެމެދުގެ ޖަލު ހުކުމެއް ލިބޭ ބޮޑު ކުށެކެވެ.
ބޮމެއް އޮތް ކަމަށް ބުނެ އިންޒާރު ދިން މީހަކު ހައްޔަރުކޮށްފައިވާއިރު ފުލުހުން ވަނީ މިމަހު 14 ވަނަ ދުވަހު ޓެރަރިޒަމް ހަމަލާއެއް ދޭން އުޅުނު ބަޔަކު ހައްޔަރުކޮށް ޓެރަރިސްޓް ހަމަލާއެއް ފެއިލްކޮށްލާފަ އެވެ. އެ މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ އައްޑޫ ސިޓީން 10 ފިރިހެނުންނާއި މާލެއިން ދެ ފިރިހެނުން އަދި ކ. ގުރައިދޫން ދެ ފިރިހެނުން ނެވެ. މި އެންމެންނަކީ ވެސް ދިވެހިން ނެވެ.