ހުޅުމާލޭގައި ބިދޭސީންތަކަކަށް ހަމަލާ ދިން މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރޭ، ހުޅުމާލޭ ރެޑްބުލް ދަނޑު ކައިރިން ހަމަލާދީފައި ވަނީ ޗައިނާ ދެ ފަތުރުވެރިޔަކަށާއި އޮސްޓްރޭލިއާގެ ފަތުރުވެރިއަކަށެވެ. ފުލުހުން މިއަދު ހެނދުނު ބުނެފައި ވަނީ އެ މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް ތިން ވަނަ މީހަކު ވެސް އެ މައްސަލާގައި ހައްޔަރުކޮށްފައިވާ ދާދި ދެންމެއަކު ފުލުހުން ބުންޏެވެ.
ތިން މީހުންނަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލާފައިވާ އިރު މި ހަމަލާގެ ޒިންމާ ޓެރަރިސްޓް ޖަމާއަތަކުން ނަގާ ކަމަށްބުނެ އައިއެސްގެ ދިވެހި ޓެލެގްރާމްގައި ވަނީ ވީޑިއޯއެއް އާންމު ކޮށްފަ އެވެ. އެ ވީޑިއޯގައި މޫނު ފޮރުވައިގެން ތިބީ ވެސް ތިން މީހެކެވެ. މި ހަމަލާ ދިނީ ހަރުކަށި ބައެއްކަން ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.