ހަބަރު

ފަތުރުވެރިންނަށް ހަމަލާދިން މައްސަލާގައި ހަ މީހަކު ހައްޔަރު ކޮށްފި

އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ފަތުރުވެރިންތަކަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައާއި ގުޅިގެން ހަ މީހަކު ހައްޔަރު ކޮށްފި އެވެ.

ހުޅުމާލޭގައި ދިން ވަޅީގެ ހަމަލާ އާ ގުޅިގެން ފުލުހުން މިރޭ ބޭއްވި ނިއުސް ބްރީފިންގައި ބުނީ، އެ މައްސަލައާއި ގުޅިގެން މިހާތަނަށް ހަ މީހަކު ހައްޔަރު ކޮށްފައި ކަމަށެވެ. ހައްޔަރުކޮށްފައިވަނީ މުޅިންވެސް ދިވެހިންނެވެ.

ފުލުހުން ބުނީ މި ހާދިސާއާއި ގުޅިގެން ތަހުގީގު ފަށާފައިވާ ކަމަށާ މިއީ ތަހުގީގުގެ އެންމެ ކުރީކޮޅު ކަމުން މިވަގުތު ބައެއް މައުލޫމާތުތައް ހާމަކުރެވެން ނެތް ކަމަށެވެ.

"މި ކަން ކުރި އެންމެހައި ފަރާތްތައް ހޯދައި، ގާނޫނުގެ ކުރިމައްޗަށް ގެންނާނަން. އޭގެ ތެރޭގައި މިކަމުގައި އެހީތެރިވި ފަރާތްތައް ހިމެނޭ." ފުލުހުން ވިދާޅުވިއެވެ.

ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން މިރޭ ބޭއްވި ބްރީފިންގައި ބުނީ މީހުން މެރުމަށްވެސް ފަސްނުޖެހޭ ހިސާބަށް ހަރުކަށި ވެފައިވާ 14،000 މީހެއްގެ ލިސްޓެއް އޮތް އިރު އެ ލިސްޓުގައި ތިބި މީހުންނާއި ފަތުރުވެރިންނަށް ދިން ހަމަލާ އާ ގުޅިގެން ހައްޔަރު ކުރި މީހުން އަޅާކިޔާފައި ނުވާ ކަމަށެވެ.

މި އަމަލު ހިންގި ކަމުގެ ޒިންމާ ނަގާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމު ކުރުމާއެކު ވީޑިއޯގެ ސައްހަކަން ދަނީ ބަލަމުން ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެ ވީޑިއޯތައް ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ޝެއާ ކުރަމުން ދާއިރު ޝެއާ ކުރުމަކީ ގާނޫނީ ކުށެއް ކަމަށާއި އެއީ ކަންބޮޑުވާ ކަމެއް ކަމަށް ފުލުހުން ބުންޏެވެ.

"ހަނދާންކޮށްލަދޭން ބޭނުންވަނީ މިކަމަކީ ގާނޫނީ ކުށެއްކަން. އެހެންވީމަ އާއެކު ތަހުގީގެއް ކުރިއަށްގެންދަން ޖެހޭ ނަމަ އެކަން ކުރަން ޖެހިދާނެ" ފުލުހުން ބުންޏެވެ.

އިތުރަށް ފުލުހުން ބުނީ ރާއްޖޭގައި މަސައްކަތް ކުރާ ތުރުކީ މީހަކަށް މިދިޔަ ޑިސެމްބަރު 28 ވަނަ ދުވަހުގެ ރޭ ދިން ވަޅީގެ ހަމަލާ އާއި އަންގާރަ ދުވަހު ރޭ ދިން ހަމަލައާ ގުޅުން ހުރީ ކިހާ މިންވަރަކަށްތޯ ވެސް ބަލަމުންދާ ކަމަށެވެ. އެހެންނަމަވެސް، މި ދެ ހަމަލާ ހުރި ގުޅުމެއް އޮތްތޯވެސް ބަލަމުންދާ ކަމަށެވެ.

ހުޅުމާލޭގައި ހަމަލާދީފައި ވަނީ ޗައިނާ ދެ ފަތުރުވެރިޔަކަށާއި އޮސްޓްރޭލިއާގެ ފަތުރުވެރިއަކަށެވެ.