ހަބަރު

ބައިނަލްއަގްވާމީ ޤުރުއާން މުބާރާތެއްގައި ރާއްޖެ ބައިވެރިވެއްޖެ

ކުވައިތުގައި ބާއްވާ ބައިނަލްއަގްވާމީ ޤުރުއާން މުބާރާތުގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ. މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރާނެ ދެ ބައިވެރިޔަކު ވެސް މިހާރު ވަނީ ހޮވާފައެވެ.

"އިންޓަނޭޝަނަލް ޕްރައިޒް ފޯ މެމޮރައިޒިން ރިސައިޓޭޝަން އެންޑް ދަ ތަޖުވީދު އޮފް ދަ ހޮލީ ގްރުއާން"ގެ ނަމުގައި ބާއްވާ މި މުބާރާތް އޮންނާނީ އަންނަ އޭޕްރީލް މަހުގެ 13 އިން 20 ށެވެ.

މިއީ 13 އަހަރާއި 25 އަހަރާ ދެމެދުގެ އުމުރު ފުރައިގެ މީހުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މުބާރާތް ބަހާލެވިފައިވަނީ ހަތަރު ކެޓަގަރީއެއްގެ މައްޗަށެވެ. އޭގެތެރެއިން ރާއްޖެ ބައިވެރިވަނީ، ދެ ކެޓަގަރީއެއްގަ އެވެ. އެއީ މުޅި ގުރުއާން ތަޖުވީދުގެ މަގަށް ނުބަލާ ކިޔުމުގެ ބައިގަ އާއި މުޅި ޤުރުއާން ތަޖުވީދުގެ މަގަށް، މަޝްހޫރު ގާރީންގެ ރާގުތަކަށް ދިގުކޮށް ކިޔެވުމުގެ ބައިގަ އެވެ.

މުޅި ޤުރުއާން ތަޖުވީދުގެ މަގަށް ނުބަލާ ކިޔެވުމުގެ ބައިގައި ރާއްޖެ ތަމްސީލުކުރާނީ އަލްހާފިޒް ސުލްތާން މުހައްމަދު ލަތީފެވެ. އަދި މުޅި ޤުރުއާން ތަޖުވީދުގެ މަގަށް، މަޝްހޫރު ގާރީންގެ ރާގުތަކަށް ދިގުކޮށް ކިޔެވުމުގެ ބައިގައި ރާއްޖެ ތަމްސީލުކުރާނީ އައްޠާލިބް މުހައްމަދު ނަބީހް ރާޝިދެވެ. މި ދެ ބައިވެރިންނަކީ ވެސް އަރަބިއްޔާގެ ދެ ދަރިވަރުންނެވެ.