ފޮރިން މިނިސްޓްރީ

ޗައިނާއިން ބޭއްވި ފޯރަމެއް ދިވެހި ސަރުކާރުން ބޮއިކޮޓްކޮށްފި

ޗައިނާއިން އިންތިޒާމުކޮށްގެން ބޭއްވި "ޗައިނާ - އިންޑިއަން އޯޝަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން"ގައި ދިވެހި ސަރުކާރުގެ ފަރާތުން ބައިވެރިވެފައި ނުވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ދިވެހި ސަރުކާރުން މިހެން ބުނެފައި މިވަނީ ޗައިނާގެ ފޮރިން މިނިސްޓްރީއާ ގުޅިގެން ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން އެޖެންސީ (ސިޑްކާ) އިން މި މަހުގެ 21 ވަނަ ދުވަހު ބޭއްވި ފޯރަމުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެފައިވާ ކަމަށް ސިޑްކާ އިން ބުނި ބުނުން ދޮގުކުރުމުގެ ގޮތުން ނެރުނު ބަޔާނެއްގަ އެެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ ވަކިވަކި ފަރުދުން ނުވަތަ ވަކިވަކި ފަރުދުންގެ ގްރޫޕަކުން އެ ފޯރަމުގައި ބައިވެރިވުމަކީ ދިވެހި ސަރުކާރުން ރަސްމީކޮށް ތަމްސީލުކުރާ ކަމަކަށް ނުވާނެ ކަމަށެވެ.

ޗައިނާއިން އިންތިޒާމުކޮށްގެން ބޭއްވި "ޗައިނާ - އިންޑިއަން އޯޝަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން"ގައި ބައިވެރިވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު އެވެ.

"ފޯރަމްގައި ދިވެހި ސަރުކާރުން ބައިވެރި ނުވާނެ ކަމަށް ނޮވެމްބަރު 15 ގައި ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީއަށް ވާނީ އަންގާފައި،" ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ހާރިޖީ ސިޔާސަތު ކަނޑައަޅައި ތަންފީޒުކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރެއް ކަމަށާއި ރާއްޖޭން ބައިވެރިވާ ބައިނަލްއަގުވާމީ ބައްދަލުވުންތަކުގައި ބައިވެރިވާނެ މީހުން ކަނޑައަޅައި އެކަން ހަމަޖައްސަނީ ޑިޕްލޮމެޓިކް ޗެނަލްތަކުން ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.

އިންޑިއާ ކަނޑުގެ ގައުމުތައް ބައިވެރިކޮށްގެން ޗައިނާއިން ބޭއްވި ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމްގައި އިންޑިއާ ކަނޑުގެ 19 ގައުމެއްގެ އިތުރުން ބައިނަލްއަގްވާމީ ތިން ޖަމިއްޔާއެއްގެ މަންދޫބުން ވެސް ބައިވެރިވި އެވެ.