ރައީސް އޮފީސް

އޮޅިގެން ފޮނުވުނު ސިޓީއާ ގުޅިގެން މައާފަށް އެދިއްޖެ

ރައްޔިތުންގެ މަޖިލީހަށް އޮޅިގެން ފޮނުވުނު ސިޓީއަކާ ގުޅިގެން ދިވެހި ސަރުކާރުން ޗައިނާ ސަރުކާރުގެ ކިބައިން މައާފަށް އެދިއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުއްވީ ޗައިނާގެ ސަފީރު ކަމަށް ބޭފުޅަކު އައްޔަންކުރެއްވުމަށް މަޖިލީހުގެ ރުހުން ހޯދުމަށެވެ.

ސޯޝަލްމީޑިއާގައި އާންމުކޮށްފައިވާ ސިޓީގައި ޗައިނާގެ ރަސްމީ ނަން ލިޔެވިފައިވަނީ ނުބައިކޮށެވެ. އެގޮތުން މި ސިޓީގައި ޗައިނާގެ ރަސްމީ ނަމުގެ ގޮތުގައި ލިޔެވިފައިވަނީ "ރިޕަބްލިކް އޮފް ޗައިނާ" އެވެ. ނަމަވެސް އެއީ ޗައިނާ އާއި ވަކިވެ ގަނެގެން އުޅޭ ޓައިވާންްގެ ރަސްމީ ނަމުގެ ގޮތުގައި ބޭނުންކުރާ ނަމެވެ.

ޗައިނާގެ ރަސްމީ ނަމަކީ "ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ" އެވެ. ޗައިނާ ގަބޫލުކުރާ ގޮތުގައި ޓައިވާނަކީ ޗައިނާގެ ބައެކެވެ. އެހެންވެ ދިވެހި ސަރުކާރުން ސިޔާސީ ގުޅުންވެސް ގާއިމުކޮށްފައި ނެތް ގައުމަކަށް ސަފީރަކު އައްޔަންކުރަން ސިޓީ ފޮނުވާފައިވާ ކަމަށް ބުނެ އެތައް ބަޔަކު ވަނީ ސޯޝަލްމީޑިއާގައި ސަރުކާރަށް ފާޑުކިޔާފަ އެވެ.

ސަރުކާރުގެ މިސިޓީއާއި ގުޅިގެން ޗައިނާ ސަރުކާރުގެ ކިބައިން ދިވެހި ސަރުކާރުން މައާފަށް އެދިފައިވާ ކަން ހާމަކުރީ ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވެންގް ލިޒިން އެވެ.

ސަފީރު ވިދާޅުވީ ދިވެހި ސަރުކާރުގެ ސިޓީއާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ޗައިނާގެ އޮފިޝަލުންނަށް އެކަން ހިނގި ގޮތް އޮޅުންފިލުވައިދީ މައާފަށް އެދިފައިވާ ކަމަށެވެ. އަދި ދިވެހި ސަރުކާރުން ޗައިނާއާ އެކު ދަމަހައްޓަމުން އައި ޒަމާންވީ ގުޅުން ދަމަހައްޓާނެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ދީފައިވާ ކަމަށްވެސް ސަފީރު ވިދާޅުވި އެވެ.