ބޮލީވުޑް

އާލިއާ އާއި ރަންބީރުގެ ދަރިފުޅަށް އަރަބި ނަމެއް

އާލިއާ ބަޓް އާއި ރަންބީރު ކަޕޫރަށް ދަރިއަކު ލިބުމާއެކު އެކުއްޖާއަށް ކިޔާނެ ނަމެއް ނޭނގިގެން އެމީހުންގެ ފޭނުން ސޯޝަލް މީޑިއާގައި ވަރަށް ފޯރި ހިއްޕާލައިގެން އުޅުނެވެ.

މިމަހުގެ ހަވަނަ ދުވަހު އުފަންވީ މި ކުއްޖާއަށް ނަން ކިޔައި އެ ނަން އާލިއާ ވަނީ އިއްޔެ ޝެއާކުރި ޕޯސްޓެއްގައި ހާމަކޮށްފަ އެވެ.

އިންސްޓަގްރާމްގައި އާލިއާ ޝެއާކުރި ޕޯސްޓުގައި ބުނެފައިވާ ގޮތުގައި އޭނާ އާއި ރަންބީރަށް ލިބުނު އަންހެން ދަރިފުޅުގެ ނަމަކީ ރާހާ އެވެ. އަދި އެ ނަމަކީ ރާހާގެ ބައްޕަ ފަރާތު މާމަ (ރަންބީރުގެ މަންމަ ނީތޫ ސިންގް) ޚިޔާރުކުރި ނަމެއް ކަމަށްވެސް އާލިއާ ބުނެފައިވެ އެވެ.

"އަހަރެމެންގެ ދަރިފުޅުގެ ނަމަކީ ރާހާ. އެއީ އޭނާ ދެކެ އެންމެ ލޯބިވާ އެންމެ ރަނގަޅު މާމަ ދިން ނަމެއް. ރާޙާގެ މާނަ އަކީ ސާފު ތޯހިރު އަދި އިލާހީ މަގު. ސަވާހިލް ބަހުން ރާހާގެ މާނަ އަކީ އުފާ. ސަންސްކްރިތު ބަހުން ރާޙާގެ މާނަ އަކީ ދަރިފަސްކޮޅު. އަދި ބަންގްލާ ބަހުން ރާހާގެ މާނައަކީ އަރާމާއި ރާހަތު އަދި ހިތްހަމަޖެހުން. އަރަބިން ރާހާގެ މާނައަކީ އަމާންކަން. މި ބަހުގެ މާނައިގެ ތެރޭގައި އުފާވެރިކަން، މިނިވަންކަން އަދި ނިއުމަތް ވެސް ހިމެނޭ،" އާލިއާ ޝެއާކުރި ޕޯސްޓުގައި ވެއެވެ.

އާލިއާ އިތުރަށް ލިޔެފައިވާ ގޮތުގައި ދަރިފުޅު ފުރަތަމަ ފަހަރަށް އުރާލަން ލިބުމާއެކު ވެސް އޭނާއަށް ކީ ނަމުގެ މާނައިގައި ހިމެނޭ ހުރިހާ އިހްސާސްތަކެއް އެމީހުންނަށް ހަގީގަތުގައި ވެސް ކުރެވުނެވެ.

މީގެ ކުރިން އާލިއާ ޝެއާ ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި ތުއްތު ދަރިފުޅުގެ މަންމަ އާއި ބައްޕަގެ ހައިސިއްޔަތުން އޭނާ އާއި ރަންބީރު ވަނީ ދަރިފުޅާ ހެދި ރަނގަޅަށް މޮޔަވެފަ އެވެ. ދަރިފުޅު ލިބުމުން އެމީހުންނަށް ކޮށްފައިވަނީ އެފަދަ އިހްސާސްތަކެކެވެ.