އިންޑޮނީޝިޔާ އަށް ދާދިފަހުން އައި ވަރުގަދަ ބިންހެލުމެއްގައި ހަލާކުވި ގެތަކުގެ ތެރޭގައި ރަހުމަތު ކާޓިނީގެ ގެ ހިމެނެ އެވެ.
ބިންހެލުން އައިއިރު ރަހުމަތު ބަލިވެ އިނދެ ވިހަން އިނީ ތައްޔާރުވެފަ އެވެ. ބިންހެލުމުގައި ގެ ވެއްޓުނުއިރު ރަހުމަތުގެ ފުރާނަ ސަލާމަތްވީ ހަނި ގޮތަކަށެވެ.
ރަހުމަތުގެ ފިރިމީހާ ސޯލިހީން، އޭނާގެ ފުނޑުފުނޑުވެފައިވާ ގޭގެ ތެރެއިން ރަހުމަތު ސަލާމަތްކޮށްގެން ނެރުނުއިރު މި ލިބުނު ބޮޑު ޝޮކްގެ ސަބަބުން ރަހުމަތުގެ ބަނޑުގައި ވޭންވަރު ނަގަން ވަނީ ފަށާފަ އެވެ. އެހެންވެ އެ ހިސާބުގައި އޮތް ދަނޑެއްގައި ވަގުތީ ގޮތުން އަޅާފައިވާ މެޑިކަލް ސެންޓަރަށް ރަހުމަތު ގެންދިއުމަށް އޭނާގެ ފިރިމީހާ އަވަސްވެގަތެވެ. ނަމަވެސް ފުނޑުފުނޑުވެ ހަލާކުވި ގެ ތަކުގެ ތެރެއިން ލާފައި އޭނާ އެތަނުން ނެރުމަކީ ސޯލިހީންނަށް ވަރަށް އުނދަގޫ ކަމަކަށް ވިއެވެ. އެކަމަކު އެތައް ގަޑިއެއްގެ އިރު އޭނާ ގޮވައިގެން ހިނގާފައި އާއި ބައެއް ފަހަރަށް އުފުލައިގެން އަދި ދުއްވާ އެއްޗަކާ ހަމައަށް ދެވުމުން އެއަށް ލައިގެން ސޯލިހީން ވަނީ އޭނާގެ އަންހެނުން މި ހެލްތު ސެންޓަރަށް ގެންގޮސްފަ އެވެ.
ބިންހެލުމުގައި ޖާވާގެ ދެކުނުގެ ސަރަހައްދުން 271 މީހުން މަރުވެ އެތައް ހާސް ބަޔަކު ޒަޚަމްވީއިރު ސޯލިހީން އާއި އޭނާގެ އަންހެނުން ވަނީ ހަތަރުވަނަ ދަރިފުޅަށް މަރުހަބާ ކިޔާފަ އެވެ.
"މި ބިންހެލުން ވެފައިވަނީ އަހަރެންގެ އަންހެނުންނަށް ލެއްވި ރަހުމަތަކަށް. ސަބަބަކީ އަންހެނުންނަށް ފަރުވާ ދޭނެ ސްޕެޝަލިސްޓް ޑޮކްޓަރުން ލިބުނުކަން. އެހެން ނޫންނަމަ އަހަރެންގެ އަންހެނުން ވިއްސާނީ އަވަށުގައި ތިބި ފޫޅުމައިން،" ސޯލިހީން ބުންޏެވެ.
ރަހުމަތު ވިއްސި އަންހެނުންގެ ޚާއްސަ ޑޮކްޓަރު މޮނިކާ ވުލަންޑާރީ ވިދާޅުވީ ކުޑަކުޑަ ކޭމްޕެއް ތެރޭގައި ބޭހާއި މެޑިކަލް އިކްއިޕްމަންޓް އިންތިހާއަށް މަދުވެފައިވާ ވަގުތެއްގައި އަންހެން މީހާ ވިއްސުން އެހާ ފަސޭހަ ކަމަކަށް ނުވި ކަމަށެވެ. އަދި ބިންހެލުމާ ގުޅިގެން ފުލުފުލުގައި ލޮޅުންތައް އަރަމުން ދިއުމުގެ ސަބަބުން އެމީހުންގެ މަސައްކަތްތައް އިތުރަށް އުނދަގޫވި ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
ދުނިޔޭގެ ގައުމުތަކުގެ ތެރެއިން އިންޑޮނީޝިޔާ އަކީ އެންމެ ގިނައިން ބިން ހެލުން އަންނަ އެއް ގައުމެވެ. އެ ގައުމުގެ ރަށްތަކަށް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ބިން ހެލުމުގެ ތަޖުރިބާތައް ކުރަން ޖެހެ އެވެ.
ހޯމަ ދުވަހު އައި ވަރުގަދަ ބިންހެލުމަށްފަހު މިހާތަނަށް 160 އަށް ވުރެ ގިނަ ލޮޅުންތައް އަރާފައި ވެއެވެ. މިފަހަރުގެ ބިންހެލުން އައީ ވަރަށް ގިނަ މީހުން ތޮއްޖެހިފައިވާ ފަގީރު ހިސާބުގަނޑަކަށް ވެފައި ގެތައް އަޅާފައި ހުރީ ވަރަށް ބަލިކޮށް ކަމަށް ވާތީ ގިނަ ގެތަކެއް ވަނީ ބިމާހަމަވެފަ އެވެ. އަދި މަރުވި މީހުންގެ އަދަދު އެހާ ބޮޑަށް އިތުރުވީ ވެއްޓުނު ގެތަކުގެ ތެރޭގައި ގިނަ ބަޔަކު ތާށިވުމުގެ ސަބަބުންނެވެ.