ކުޅިވަރު

ކޮސްޓަ ރީކާ އިން ޖަޕާން ބަލިކޮށްފި

ފީފާ ވޯލްޑް ކަޕްގައި މިއަދު ހަވީރު ކޮސްޓަ ރީކާ އިން 1-0 ގެ ނަތީޖާއަކުން ޖަޕާން ބަލިކޮށްފި އެވެ.

މިއަދުގެ މެޗަށް ނުކުތްއިރު ގްރޫޕުގެ ފުރަތަމަ މެޗުގައި ކޮސްޓަ ރީކާ އިން ސްޕެއިންއާ ދެކޮޅަށް ކުޅުނު މެޗުގައި 7-0 އިން ވަނީ ބަލިވެފަ އެވެ. ލަދުވެތި ނަތީޖާއަކުން ބަލިވި ނަމަވެސް މިއަދުގެ ޖަޕާންއާ ދެކޮޅަށް ކޮސްޓަ ރީކާ އިން ރަނގަޅު ކުޅުމެއް ދެއްކި އެވެ.

މި ގްރޫޕުގެ އެއްވަނައިގައި އޮތް ސްޕެއިން އާއި ދެވަނައިގައި އޮތް ޖަޕާން އަދި ތިންވަނައިގައި އޮތް ކޮސްޓަ ރީކާ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ޕޮއިންޓެއް ނުލިބެނީ ފުރަތަމަ މެޗުގައި ޖަޕާން އަތުން ބަލިވި ޖަރުމަނަށެވެ. ޖަރުމަނު މިރޭ ނުކުންނާނީ ސްޕެއިންއާ ދެކޮޅަށެވެ.

ޖަޕާން އަތުން މޮޅުވުމާ އެކު ކޮސްޓަ ރީކާ އަށް ވަނީ އަނެއް ބުރަށް ދިއުމުގެ ފުރުސަތު ފަހިވެފަ އެވެ. އެކަމަކު ދެވަނަ ބުރަށް ދެވޭނީ ގްރޫޕުގެ ފަހު މެޗުގައި ސްޕެއިންއާ ދެކޮޅަށް ކުޅެ ނަތީޖާ ނެރެގެންނެވެ.

މިއަދުގެ މެޗުގައި ދެޓީމަށް ވެސް ނުރައްކާތެރި ހަމަލާތަކެއް ފޮނުވައެއް ނުލެވުނެވެ. ދެވަނަ ހާފުގައި ޖަޕާނުން ބޮޑަށް ކުރިއަށް ޖެހިގެން ކުޅުނުއިރު ކޮސްޓަ ރީކާ އިން ބޮޑަށް އުފެއްދީ ކައުންޓަ އެޓޭކެވެ.

މެޗުގެ ހަމައެކަނި ގޯލު ކޮސްޓަ ރީކާ އިން ޖެހީ 81 ވަނަ މިނެޓުގަ އެވެ. މި ގޯލު އެޓީމަށް ޖަހައިދިނީ ފުލާ ސްޕެންސް އެވެ. ފުލާ އަށް ލިބުނު ބޯޅަ ފޮނުވާލުމުން ކީޕަރު އަތުގައި ޖެހިފައި އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. މިއި ގައުމީ ޓީމަށް އޭނާ ކާމިޔާބުކޮށްދިން ތިން ވަނަ ގޯލެވެ.

ކޮސްޓަ ރީކާ އިން ލީޑު ނެގުމުން ޖަޕާނުގެ މުޅި ޓީމު ވަނީ ކުރިއަށް ޖެހި ގޯލެއް ޖެހޭތޯ މަސައްކަތްކޮށްފަ އެވެ. މެޗުގެ ފަހުކޮޅު ޖަޕާނުން ނުރައްކާތެރި ބައެއް ހަމަލާތައް ވެސް ފޮނުވާލި އެވެ. އެކަމަކު ނަތީޖާ ހަމަހަމަ ކުރެވޭ ގޮތެއްނުވި އެވެ.