ކުޅިވަރު

ވަރުގަދަ ބެލްޖިއަމް ބަލިކޮށް މޮރޮކޯ ދެވަނަ ބުރާ ގާތަށް

ފީފާ ވޯލްޑް ކަޕްގައި މިރޭ ވަރުގަދަ ބެލްޖިއަމް 0-2 އިން ބަލިކޮށް ވޯލްޑް ކަޕްގެ ދެވަނަ ބުރުގެ ޖާގައަކާ ގާތަށް މޮރޮކޯ ޖެހިލައިފި އެވެ.

ފޯރިގަދަ ކުޅުމެއް ފެނުނު މެޗުން މޮޅުވެ މޮރޮކޯ މިހާރު ވަނީ ގްރޫޕުގެ އެއްވަނަ އަށް އަރައިފަ އެވެ. ހަތަރު ޕޮއިންޓުގައި އޮތް މޮރޮކޯގެ ފަހަތުން ދެވަނައިގައި އޮތީ ތިން ޕޮއިންޓް ހޯދާފައިވާ ބެލްޖިއަމް އެވެ. ތިންވަނައިގައި އޮތް ކްރޮއޭޝިއާ އަށް އެއް ޕޮއިންޓް ލިބިފައިވާއިރު ފުލުގައި އޮތް ކެނެޑާ ވަނީ ފުރަތަމަ މެޗުން ބަލިވެފަ އެވެ.

މޮރޮކޯ ފަހު މެޗުގައި ނުކުންނާނީ ކެނެޑާއާ ދެކޮޅަށެވެ. ފުރަތަމަ މެޗުގައި ކްރޮއޭޝިއާއާ އެއްވަރުކޮށް މިރޭ ބެލްޖިއަމް ބަލިކުރުމުން މޮރޮކޯ އަށް އަނެއް ބުރުގެ ފުރުސަތު ވަނީ ބޮޑުވެފަ އެވެ. މޮރޮކޯ އަނެއް ބުރަށް ދަތުރުކޮށްފި ނަމަ ބެލްޖިއަމް ނޫނީ ކްރޮއޭޝިއާ މުބާރާތުން ކަޓާނެ އެވެ. އެންމެ ފަހުގެ ވޯލްޑް ކަޕްގެ ދެވަނަ ކްރޮއޭޝިއާ ހޯދިއިރު ބެލްޖިއަމް އަކީ ތިންވަނަ ޓީމެވެ.

މިރޭގެ މެޗުގައި މޮރޮކޯ އިން ވަނީ ބެލްޖިއަމަށް ދޫނުދީ އެއް ފެންވަރެއްގައި މޮޅަށް ކުޅެފަ އެވެ. މެޗުގެ ފުރަތަމަ ހާފު 0-0 އިން ނިމުނަސް މޮރޮކޯ އިން ހަމަލާތައް ތަނަވަސްކުރި އެވެ. އަދި ފުރަތަމަ ހާފުގެ ފަހުކޮޅު ހިލޭ ޖެހުމަކުން ބޯޅަ ގޯލަށް ވެސް ވައްދާލި އެވެ. ހަކީމް ޒިޔެޗް ވައްދާލި މި ހިތްގައިމު ހިލޭޖެހުން ވީއޭއާރު ބެލުމަށް ފަހު ކެންސަލްކުރީ، ގޯލަށް ބޯޅަ ވަން ވަގުތު އޮފްސައިޑް މަގާމެއްގައި ހުރެ މޮރޮކޯގެ ކުޅުންތެރިއަކު އެ ބޯޅަ އަށް ހަރަކާތް ކުރުމުންނެވެ.

ދެވަނަ ހާފު ވެސް މޮރޮކޯ ފެށީ އެ ޖޯޝުގަ އެވެ. އެކަމަކު މި ހާފުގައި ބޯޅަ ހިފަހައްޓައިގެން ގިނަވަގުތު ކުޅުނީ ބެލްޖިއަމް އެވެ. މޮރޮކޯ ބޮޑަށް ބެލީ ކައުންޓަ އެޓޭކުގައި ހަމަލާ އުފައްދާށެވެ. މޮރޮކޯގެ ފުރަތަމަ ގޯލު 73 ވަނަ މިނެޓުގައި ހިލޭ ޖެހުމަކުން ޖެހީ އަބްދެލްހާމިދު ސަބްރީ އެވެ. ކޯނަރު ދަނޑިއާ ކައިރިން ފޮނުވާލި ހިލޭ ޖެހުން ވަނީ ގޯލުގެ ކައިރި ކަނަށެވެ. އެ ބޯޅަ ހުއްޓުވަން ބެލްޖިއަމްގެ ކީޕަރު ތިބައު ކޯޓުއާ އަށް އެއްވެސް ކަމެއް ނުކުރެވުނެވެ.

މޮރޮކޯ އިން އިތުރު ވަގުތުގައި އުފެއްދި ކައުންޓަ އެޓޭކެއްގައި ދެވަނަ ގޯލު ޖެހީ ޒަކަރިއާ އަބޫޚަލް އެވެ. މިއީ ހަކީމް ޒިޔެޗް ނަގައިދިން ހުރަހަކުން އޭނާ ޖެހި ގޯލެވެ.

ވޯލްޑް ކަޕްގައި މިރޭ އަދި ދެ މެޗު ކުޅޭނެ އެވެ. ނުވައެއް ޖަހާއިރު ފަށާ މެޗުގައި ބައްދަލުކުރާނީ ކެނެޑާ އާއި ކްރޮއޭޝިއާ އެވެ. މިރޭގެ ފަހު މެޗުގައި ޖަރުމަނާއި ސްޕެއިން ވާދަކުރާނެ އެވެ.