ދުނިޔެ

އިމްރާން ޚާންގެ ޕާޓީގެ ސެނެޓަރަކު ހައްޔަރުކޮށްފި

އިމްރާން ޚާންގެ ޕާޓީ -- ޕާކިސްތާން ތަހުރީކޭ އިންސާފް (ޕީޓީއައި)ގެ ސެނެޓަރު، އައުޒަމް ޚާން ސަވާތީ އަނެއްކާ ވެސް ހައްޔަރުކޮށްފި އެވެ.

ޕާކިސްތާނުގެ ފެޑެރަލް އިންވެސްޓިގޭޝަން އޭޖެންސީ (އެފްއައިއޭ) އިން ސަވާތީ މި ފަހަރު ހައްޔަރުކުރީ އަސްކަރީ އޮފިޝަލުންނާ ބެހޭ ގޮތުން ހަޑިހުތުރު ބަހުރުވައިން މީހަކު ކުރި ޓްވީޓެއްގެ ފަހަތުގައި ވަނީ އޭނާ ކަމަށް ތުހުމަތުކޮށެވެ.

ސަވާތީ، 74، އަކީ އިމްރާން ޚާން ސަރުކާރުގެ މިނިސްޓާ ފޮ ޕާލަމެންޓަރީ އެފެއާޒް އެވެ. އަދި އޭގެ ކުރިން އޭނާ ވަނީ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.

އައުޒަމް ޚާން ސަވާތީ އޮކްޓޯބަރު 13 ގައި ހައްޔަރުކުރީ ސިފައިންގެ ވެރިޔާ ޖެނެރަލް ގަމަރު ޖާވިދު ބަޖަވާއާ ބެހޭ ގޮތުން ކުރެއްވި ޓްވީތަކާ ވިދިގެންނެވެ. އެހެންނަމަވެސް މާގިނަ ދުވަސްތަކެއް ނުވެ -- އޮކްޓޯބަރު 22 ގައި އެނާ ވަނީ ހައްޔަރުން ދޫކޮށްލާފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ނޮމެވްބަރު 19 ގައި މީހަކު ކުރި ޓްވީޓަކަށް ސަވާތީ ދެއްވި ރައްދު އޮފިޝަލުންނަށް ކަމުނުދިޔައީ އެވެ.

އެއީ ކޮން މީހެއްކަން ހާމަވެފައި ނެތް މީހަކު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ޕާކިސްތާން މިހާރު އޮތް ހާލަތަށް ވައްޓާލައި ގައުމު ހަލާކުކޮށްލީ އަސްކަރިއްޔާ އަޑިން ކުޅެގެން ކަމަށެވެ.

މި ޓްވީޓަށް ޖަވާބު ދެއްވުމަށް ސަވާތީ ޓްވީޓް ކުރައްވައި ވިދާޅުވެފައި ވަނީ "ތިބާއަށް ޝުކުރިއްޔާ!" އެވެ. އަދި އެހެން މީހަކު ކުރި ޓްވީޓަކަށް ވެސް ސަވާތީ ވަނީ ރައްދު ދެއްވާފަ އެވެ.

އެ މީހަކު ކުރި ޓްވީޓްގައި ބުނެފައި ވަނީ ގައުމު ސަލާމަތްކުރެވެން އޮތް ގޮތަކީ ނުތާހިރު ޖެނެރަލުންތައް މަގާމުން ދުރުކޮށް އަސްކަރިއްޔާއިން ބޭރުކޮށްގެން ކަމަށެވެ.

މި ޓްވީޓަށް ވެސް ސަވާތީ ވަނީ "ތިބާއަށް ޝުކުރިއްޔާ!" އޭ ވިދާޅުވެ ރައްދު ޖަވާބެއް ދެއްވާފަ އެވެ.

ފެޑެރަލް އިންވެސްޓިގޭޝަން އޭޖެންސީން ބުނާ ގޮތުން އެފަދައިން ނަންކިޔައި ކުށްވެރި ކުރުމަކީ ދައުލަތަށް ގެއްލުން ލިބިދާނެ ކަމެއް ކަމަށެވެ. އަދި އެއީ ސިފައިންނާ ބެހޭ ގޮތުން އާންމުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދަން ކުރާ ހަރުކަށި އަމަލެއް ކަމަށެވެ.

ސަވާތީ ހައްޔަރުކުރުމާ ގުޅިގެން އިމްރާން ހާން ވަނީ އެކަން ކުށްވެރި ކުރައްވާފަ އެވެ. އިމްރާން ޓްވީޓް ކުރައްވައި ވިދާޅުވީ ދައުލަތަށް ޚިދުމަތް ކުރައްވާފައި ހުރި އިއްޒަތްތެރިއަކު ހައްޔަރުކުރުމަށް އަވަސްވެގަތުމުން ހައިރާންވެ ވަޑައިގެންފި ކަމަށެވެ.