ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އެފްގައި މިރޭ ކްރޮއޭޝިއާ އިން 4-1 އިން ކެނެޑާ ބަލިކޮށް އަނެއް ބުރަށް ދިއުމުގެ އުއްމީދު އާކޮށްފި އެވެ.
މޮޅާ އެކު ކްރޮއޭޝިއާ ވަނީ ހަތަރު ޕޮއިންޓް ހޯދައި އެއްވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. މިވަގުތު ދެވަނައިގައި އޮތް މޮރޮކޯ ވެސް ވަނީ ހަތަރު ޕޮއިންޓް ހޯދާފަ އެވެ. ކްރޮއޭޝިއާ ކުރީގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ. ބެލްޖިއަމް ތިން ޕޮއިންޓާ އެކު ތިން ވަނައިގައި އޮތްއިރު ދެ މެޗުން ބަލިވެ ކެނެޑާ އޮތީ ފުލުގަ އެވެ. ދެ މެޗުން ބަލިވުމުން ކްރޮއޭޝިއާ ވޯލްޑް ކަޕުން ކެޓީ އެވެ.
މި ގްރޫޕުން އަނެއް ބުރަށް ދާ ޓީމުތައް ކަށަވަރުވާނީ ފަހު މެޗުތަކަށް ފަހު އެވެ. ފަހު މެޗުގައި މޮރޮކޯ އިން ކެނެޑާއާ ދެކޮޅަށް ނުކުންނާތީ އެޓީމު އަނެއް ބުރަށް ދިއުމުގެ ފުރުސަތު ބޮޑެވެ. މޮރޮކޯ އިން ކެނެޑާ ބަލިކޮށްފި ނަމަ ކްރޮއޭޝިއާ އާއި ބެލްޖިއަމް ތެރެއިން ކޮންމެވެސް އެއް ޓީމެއް ވޯލްޑް ކަޕުން ކަޓާނެ އެވެ. ފަހު މެޗުގައި ބެލްޖިއަމާ އެއްވަރުކޮށްލައިގެން ވެސް ކްރޮއޭޝިއާ އަށް ދެވަނަ ބުރުން ފުރުސަތު ލިބޭނެ އެވެ.
މިރޭގެ މެޗު ފަށައިގެން ދެވަނަ މިނެޓުގައި ކެނެޑާ އިން ވަނީ ލީޑު ނަގައިފަ އެވެ. ބޮލުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލްފޮންސޯ ޑޭވީސް އެވެ. ޑޭވީސް ވެފައިވަނީ ކެނެޑާ އަށް ވޯލްޑް ކަޕްގައި ފުރަތަމަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އަށެވެ. މީގެ ކުރިން 1986 ވަނަ އަހަރު އެގައުމު ވާދަކުރި ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ތިން މެޗުން ބަލިވިއިރު ގޯލެއް ވެސް ނުޖެހުނެވެ.
ކެނެޑާ އިން ލީޑު ނެގި ނަމަވެސް ކްރޮއޭޝިއާ އިން ވަނީ ފަހަތުން އަރައި މޮޅުވެފަ އެވެ. އެޓީމުގެ ފުރަތަމަ ގޯލު 36 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަންދްރޭ ކްރަމަރިޗް އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މާކޯ ލިވާހާ ވަނީ އެޓީމަށް ލީޑު ނަގައިދީފަ އެވެ.
ކްރޮއޭޝިއާ އިން ލީޑު ނެގުމުން ކެނެޑާ އަށް މެޗުގެ ތެރެއަށް އަނބުރާ އަންނަން އުނދަގޫވި އެވެ. މެޗުގެ ދެވަނަ ހާފުގައި ވެސް ފެނުނީ ކްރޮއޭޝިއާ އިން މޮޅަށް ކުޅެ ހަމަލާތައް އުފެއްދި ތަނެވެ. ކްރޮއޭޝިއާގެ ތިން ވަނަ ގޯލު 70 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކްރަމަރިޗް އެވެ. އޭގެފަހުން މެޗުގެ އިތުރު ވަގުތުގައި ކްރޮއޭޝިއާގެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ ލޮވްރޯ މޭޔާ އެވެ.
މި މެޗަކީ ވޯލްޑް ކަޕްގެ ތާރީހުގައި އެއް މެޗެއްގައި ކްރޮއޭޝިއާ ހަތަރު ގޯލު ޖެހި ދެވަނަ ފަހަރެވެ. މީގެ ކުރިން ވޯލްޑް ކަޕް މެޗެއްގައި ކްރޮއޭޝިއާ ހަތަރު ގޯލު ޖެހީ 2014 ވަނަ އަހަރު ކެމެރޫން ކޮޅަށެވެ.
ވޯލްޑް ކަޕްގައި މިރޭ ދެން ކުޅޭނީ ޖަރުމަނާއި ސްޕެއިން ވާދަކުރާ މެޗެވެ. އަނެއް ބުރުގެ އުއްމީދެއް ހޯދުމަށް މިރޭ ސްޕެއިން އަތުން މޮޅުވާން ޖަރުމަނަށް މަޖުބޫރުވާނެ އެވެ. މި ގްރޫޕުގައި ހިމެނޭ ކޮސްޓަ ރީކާ އިން މިއަދު ވަނީ 1-0 އިން ޖަޕާން ބަލިކޮށްފަ އެވެ.