ލައިފްސްޓައިލް

ދުންފަތާ ދުރުވެގެން ބައެއް ކަހަލަ ކެންސަރާ ދުރުވެވިދާނެ

ދުނިޔޭގެ ކެންސަރު ރިސާޗް ފަންޑުން ކޮށްފައިވާ ފަހުގެ ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި ތުރޯޓު ކެންސާ (ކަރުތެރެއަށް ޖެހޭ ކެންސަރު) އެވްރެޖްކޮށް 155،500 މީހުންނަށް ކޮންމެ އަހަރަކުވެސް ޖެހެ އެވެ. އަދި މި އެންމެންނަށް ވެސް ބަލި ޖެހުމާއި އެމީހުންގެ ލައިފްސްޓައިލް އާ ގުޅުން ހުރި ކަމަށްވެ އެވެ.

މި އޮގަނައިޒޭޝަނުން ގަބޫލުކުރާ ގޮތުގައި ސިއްހަތަށް ފައިދާ ހުރި ގޮތަށް ކެއުން ބައްޓަން ކުރުމާއި، އެކްޓިވް ދިރިއުޅުމެއް އުޅުން އަދި ބަރުދަން އިތުރުވިޔަ ނުދީ ހިފެހެއްޓުމާއި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލައިގެން މި ބާވަތުގެ ކެންސަރު ޖެހޭ މީހުންގެ އަދަދު 40 ޕަސެންޓް މަދު ކުރެވިދާނެ އެވެ.

ކެންސާ ރިސާޗް ޔޫކޭއިން ބުނެފައިވާ ގޮތުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަކީ ކެންސަރު ޖެހުމުން ދުރުވާނެ ކަމެކެވެ. ޖާނަލް ޕީއެލްއޯސްގައިވާ ރިޕޯޓެއް ބުނާ ގޮތުން އިންގްލެންޑުން އެކަނިވެސް އަހަރަކު 27،200 މީހުންގެ ކަރުތެރެއަށް ކެންސަރު ޖެހެ އެވެ. މިއަދަދު 16500 އަށް މަދުކޮށްލެވިދާނެ ކަމަށް އެ ފަރާތުން ގަބޫލު ކުރެ އެވެ.

"ދުންފަތުގެ އިސްތިއުމާލުކުރުމާ ގުޅިފައިވަނީ ހަމައެކަނި ތުރޯޓު ކެންސަރެއް ނޫން. ފުއްޕާމޭގެ ކެންސަރާއި، އަނގައިގެ ކެންސަރާއި، ކަރުތެރެއަށް ޖެހޭ ކެންސަރު އަދި ބްލެޑާ ކެންސަރު ޖެހުމުގައި ވެސް ދުންފަތުގެ އިސްތިއުމާލުކުރުމާ ގުޅުންތަކެއްވޭ. އަދި ތުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ތެރޭގައި މި ބާވަތުގެ ކެންސަރުތައް ޖެހޭ މީހުން މާ ގިނަ،" ރިސާޗްގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ހިތުގެ ބަލިތައް، ހާޓް އެޓޭކް، ސްޓްރޯކް އަދި ޑިމެންޝިއާ ފަދަ ބަލިތައް ވެސް ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ މެދުގައި މާ ގިނަ. މިކަން ހުއްޓާލައިގެން މިފަދަ މައްސަލަތަކާ ދުރުހެލިވެވޭނެ،" ދިރާސާ ރިޕޯޓުގައި ވެއެވެ.

"ކަރުތެރެއަށް ޖެހޭ ކެންސަރުގެ އެންމެ ފުރަތަމަ އަލާމާތަކީ އަޑަށް އަންނަ ބަދަލު. ވާހަކަ ދައްކާއިރު ކުރިން އަޑު ހުންނަ ގޮތް ބަދަލުވެ އަޑު ކުރެހިފައި ހުރުން ނުވަތަ ކުރަކިވުން މިއީ ބަލީގެ އަލާމާތެއް. އަދި ހަތަރު ހަފުތާ އާއި ހަ ހަފުތާ އާ ދެމެދުގެ މުއްދަތަކަށް ވުރެ ދިގު މުއްދަތަކަށް ކަރުތެރޭގައި ހުންނަ ފާރު ފަސޭހަ ނުވެ ހުރުމާއި އެއްޗެތި ދިރުވަން އުނދަގޫވުން މިއީ ވެސް ކެންސަރުގެ އަލާމާތްތައް. އަދި ކަރުގައި ރިއްސުމާއެކު ކަންފަތުގެ ރިހުން މިއީ ވެސް ޑޮކްޓަރަކަށް އަވަހަށް ދައްކަން ޖެހޭނެ ކަމެއް،

ބޫޕާ ހެލްތު ކްލިނިކްސްގެ އެސޯސިއޭޓް ކްލިނިކަލް ޑައިރެކްޓަރު ޑރ. ނަވީން ޕޫރީ އިންޑިޔާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.
ގިނަ ކެންސަރު ތަކަކާއި ދުންފަތުގެ އިސްތިއުމާލު ކުރާ ގުޅުން ވާކަމަށް ސައިންސްވެރިންގެ ހޯދުންތަކުން ދެއްކި ނަމަވެސް އެކަމުގެ އެކަށީގެންވާ މައުލޫމާތު ނުލިބޭ މީހުން ވަރަށް ގިނަ އެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރުމުން ހަށިގަނޑަށް ލިބޭ ގެއްލުންތަކާ ގުޅޭ ގޮތުން ކުށް ހީތައް ކުރެވިފައިވާ މީހުން ވެސް ވަރަށް ގިނަ އެވެ.

އެގޮތުން ގިނަ ދުވަސް ތަކެއް ވަންދެން ދުންފަތުގެ އިސްތިއުމާލު ކުރަމުންދިޔަ މީހަކަށް ވަންޏާ އެ ކަން ހުއްޓާލިޔަސް ދެން ކުރާނެ މާ ފައިދާއެއް ނެތް ކަމަށް ހީވާ ކަމަށާއި މިގޮތަށް ހީކޮށް ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާނުލައި ކުރިޔަށް ގެންދިއުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. ދުންފަތުގެ އިސްތިއުމާލުކުރާ މީހަކު އެކަން ހުއްޓާލާތާ ފުރަތަމަ ގަޑިއެއްހާއިރު ތެރޭގައި ވެސް އޭނާގެ ހަށިގަނޑަށް އެކަމުގެ އެދެވޭ ރަނގަޅު ބަދަލުތައް އަންނަން ފަށާނެ ކަމަށާއި މި ބަހަނާ ދައްކާފައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ލަސް ނުކުރުމަށް ވެސް އޭނާ އިލްތިމާސް ކުރެއްވި އެވެ.