ފީފާ ވޯލްޑް ކަޕްގައި ރޭ ސްޕެއިން އާއި ޖަރުމަނު ވާދަކުރި މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.
މި ނަތީޖާއާ އެކު މި ގްރޫޕުން ވެސް އަނެއް ބުރު ކަށަވަރުވާނީ ފަހު މެޗުތަކަށް ފަހު އެވެ. ވޯލްޑް ކަޕްގެ ދެވަނަ ބުރުން މިހާތަނަށް ޖާގަ ހޯދި ހަމައެކަނި ޓީމަކީ ފްރާންސެވެ. ގްރޫޕް ސްޓޭޖުގެ ދެމެޗުން މޮޅުވި ހަމައެކަނި ޓީމަކީ ވެސް ފްރާންސެވެ. ފްރާންސް ވަނީ 2018 ވަނަ އަހަރު ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދާފަ އެވެ.
ރޭގެ މެޗަށް ފަހު ސްޕެއިން މި ގްރޫޕުގެ އެއްވަނައިގައި އޮތީ ހަތަރު ޕޮއިންޓާ އެކު އެވެ. ދެވަނައިގައި އޮތް ޖަޕާން އާއި ތިން ވަނައިގައި އޮތް ކޮސްޓަ ރީކާ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. މި ދެޓީމު އިއްޔެ ވާދަކުރި މެޗު ކޮސްޓަ ރީކާ ވަނީ 1-0 އިން ކާމިޔާބުކޮށްފަ އެވެ. ރޭ ޕޮއިންޓެއް ހޯދި ނަމަވެސް ޖަރުމަނު އޮތީ ގްރޫޕުގެ ފުލުގަ އެވެ.
ސްޕެއިން އިން ކޮސްޓަ ރީކާ ކޮޅަށް ފުރަތަމަ މެޗުގައި ހަތް ގޯލު ޖެހުމާ އެކު ރޭގެ މެޗު ބޮޑަށް ބުރަވާނެކަމަށް ބެލެވުނީ އެޓީމު ކޮޅަށެވެ. އެކަމަކު ސްޕެއިންއާ ދެކޮޅަށް ޖަރުމަނު ރަނގަޅު ކުޅުމެއް ދެއްކި އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޖަރުމަނުގެ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ ބޮލުން ޖެހި ގޯލު، އެވަގުތު އޭނާ އޮފްސައިޑް މަގާމެއްގައި ހުރުމުން ވީއޭއާރުގެ އެހީގައި ކެންސަލްކުރީ އެވެ.
ދެވަނަ ހާފުގައި ސްޕެއިން އަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބު ކޮށްދިނީ ފޯވާޑް އަލްވާރޯ މޮރާޓާ އެވެ. 62 ވަނަ މިނެޓުގައި މޮރާޓާ މި ގޯލު ޖެހީ ޖޯޑީ އަލްބާ ނަގައިދިން ހުރަހަކުންނެވެ. އޭގެފަހުން ވެސް ސްޕެއިން އިން ވަނީ ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސްކޮށްފަ އެވެ.
ވޯލްޑް ކަޕްގެ އުއްމީދު ޖަރުމަނުން ދެމެހެއްޓީ 83 ވަނަ މިނެޓުގައި މިކްލަސް ފުލްކްރުގް ޖެހި ގޯލުންނެވެ. ޖަމާލް މުސިއާލާގެ އެހީތެރިކަމާ އެކު ފުލްކްރުގް ޖެހި ގޯލާ އެކު ޖަރުމަނުން މެޗު އެއްވަރުކުރި އެވެ.
މިއީ ފުލްކްރުގް ގައުމީ ޓީމަށް ކުޅުނު ތިންވަނަ މެޗުގައި ޖެހި ދެވަނަ ގޯލެވެ. 29 އަހަރުގެ ފޯވާޑަށް ކޯޗު ހަންސީ ފްލިކް ފުރުސަތު ދިނީ ވޯލްޑް ކަޕްގެ ކުރިން ޓިމޯ ވާނާ އަށް އަނިޔާވުމުންނެވެ. ފުލްކްރުގް ފުރަތަމަ ޖަރުމަނަށް ކުޅުނީ ވޯލްޑް ކަޕްގެ ކުރިން އޮމާންއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގަ އެވެ. އެ މެޗުން ޖަރުމަނު މޮޅުވީ އޭނާގެ ގޯލަކުންނެވެ.
މި ގްރޫޕުގެ ފަހު މެޗުތައް ކުޅޭނީ އަންނަ ބުރާސްފަތި ދުވަހު އެވެ. އެދުވަހު ޖަރުމަނުން ކޮސްޓަ ރީކާއާ ދެކޮޅަށް ނުކުންނައިރު ޖަޕާން އާއި ސްޕެއިން ވާދަކުރާނެ އެވެ. މިހާރު އޮތްގޮތުން އަނެއް ބުރަށް ދާން ޖަރުމަނުން ކޮސްޓަ ރީކާ ބަލިކުރަން ޖެހޭނެ އެވެ. އެވަރުން ވެސް ދެވަނަ ބުރު ކަށަވަރުކުރަން ސްޕެއިންގެ ނަތީޖާ އަށް ބަރޯސާވާން ޖެހޭނެ އެވެ.
ވޯލްޑް ކަޕްގައި މިރޭ ކުޅޭނީ ގްރޫޕް ޖީ އަދި އެޗްގެ މެޗުތަކެވެ. ތިނެއް ޖަހާއިރު ކުޅޭނީ ގްރޫޕް ޖީގައި ހިމެނޭ ކެމެރޫން އާއި ސާބިއާ އެވެ. މި ގްރޫޕުގައި ބްރެޒިލް އާއި ސްވިޒަލެންޑް ވާދަކުރާ މެޗު އޮންނާނީ ނުވައެއް ޖަހާއިރު އެވެ. ގްރޫޕް އެޗްގައި މިއަދު ހަވީރު ހައެއް ޖަހާއިރު ގާނާ އާއި ސައުތު ކޮރެއާ ވާދަކުރާއިރު މިރޭ ޕޯޗުގަލް ނުކުންނާނީ އުރުގުއޭއާ ދެކޮޅަށެވެ.