ދުނިޔެ

އީރާން ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަންގެ މެންބަރަކަށް ވުމަށް ޕާލިމެންޓުން ތާއީދުކޮށްފި

ޔޫރޭޝިއާ (ޔޫރަޕާއި އޭޝިއާ) ސަރަހައްދުގެ ސަލާމަތީ، އިގުތިސާދީ އަދި ސިޔާސީ ޖަމާއަތެއް ގޮތަށް އުފަންވެފައި އޮތް ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ގައި ބައިވެރިވުމަށް އީރާންގެ ޕާލިމެންޓުން ތާއީދުކޮށްފި އެވެ.

އީރާން މީގެ ކުރިން އޮތީ އެސްސީއޯ އޮބްޒާވާ -- ވަގުތީ މެމްބަރެއްގެ ގޮތުގަ އެވެ.

އެސްސީއޯގައި މިހާރު ހިމެނޭ ގައުމުތަކަކީ ޗައިނާ، އިންޑިއާ، ކަޒަކިސްތާން، ކްރިގިސްތާން، ރަޝިއާ، ތަޖިކިސްތާން، ޕާކިސްތާން އަދި އުޒްބެކިސްތާން އެވެ.

އެސްސީއޯ އޮބްޒަވާ ދަރަޖަގާއި މިހާރު ތިބި ގައުމުތަކަކީ އަފްޣާނިސްތާން، ބެލަރޫސް އަދި މޮންގޯލިއާ އެވެ. ބައިވެރިންގެ ގޮތުގައި އާރުމޭނިއާ، އަޒަރުބައިޖާން، ކެމްބޯޑިއާ، ނޭޕާލް ސްރީ ލަންކާ އަދި ތުރުކީ ވެސް ހިމެނެ އެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އެސްސީއޯ ސަމިޓްގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަތަކުގައި އެ ޖަމާއަތުގެ މެމްބަރަކަށް އަންކާރާ ވުމަށް ތުރުކީން ވިސްނާނެ ކަމަށް ވިދާޅުވި އެވެ.

ޝަންހާއީ ކޯއޮޕަރޭޝަން އޯގަނައިޒޭޝަން އަކީ ދުނިޔެއަށް ހުޅުވާލާފައި އޮތް ޖަމާއަތަށް ވުމުން މެމްބަރަކަށް ވުމަށް އަމިއްލަ ގައުމުން ނިންމުމަށް ފަހު އެހެން ހުރަސްތަކެއް ނޯވެ އެވެ. އެކަމަކު ގައުމަކަށް މެމްބަރުކަން ދިމުމަށް އެގްޒެކެޓިވް ކޮމެޓީއަށް ފެންނަ ގޮތެއް ވެސް އޮވެ އެވެ.

އީރާނުން އެސްސީއޯގެ ފުރިހަމަ މެމްބަރަކަށް ވުމަށް މަސައްކަތްކުރާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ. އެހެން ނަމަވެސް އީރާނާ ގުޅިފައި ހުރި ދާޚިލީ އަދި ޚާރިޖީ މައްސަލަތަކާ ހެދި ގައުމުގެ ސިޔާސަތު ވަކި ގޮތަށް ބައްޓަން ނުކުރެވި ލަސްވެގެން ދިޔައީ އެވެ.

އުޒްބެކިސްތާންގެ ވެރިރަށް ސަމަރުގަންދުގައި ސެޕްޓެމްބަރު މަހު އޮތް ޝަންހާއީ ކޯއޮޕަރޭޝަން އޯގަނައިޒޭޝަންގެ ބައްދަލުވުމުގައި އޮބްޒާވަރެއް ގޮތުގައި އީރާން ބައިވެރިވި އެވެ.

މި ބައްދަލުވުމަށް ވަޑައިގެން އީރާންގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުލާހިޔާން ވަނީ އެސްސީއޯގައި އީރާން ބައިވެރިވާނެ ކަމަށް ވިދާޅުވެ "މެމޮރޭންޑަމް އޮފް ކޮމިޓްމަންޓްް" ގައި ސޮއިކުރައްވާފަ އެވެ.

ޝަންހާއީ ކޯއޮޕަރޭޝަން އޯގަނައިޒޭޝަންގެ ވިސްނުން ބޮޑަށް އޮންނަނީ މެމްބަރު ގައުމުތަކުގެ މެދުގައި އިގުތިސޯދު ކުރިއަރުވައި ސިނާއީ މަސައްކަތްތެރި ކަމަށް އެހިތެރިވެ އެއްބާރުލުމަށެވެ.