ފިނިޕޭޖް

މާވެލްއިން "ބްލޭޑް"ގެ ރީމޭކެއް ހަދަނީ

މާވެލް ސްޓޫޑިއޯޒްއިން މާވެލް ސިނަމެޓިކް ޔުނިވާސްއަށް "ބްލޭޑް"ގެ ރީމޭކެއް ހަދަނީ އެވެ.

"ބްލޭޑް" އަކީ މާވް ވުލްފްމޭން ހެދި ވެމްޕަޔާ މަރާ ވިޖިލަންޓީ ކެރެކްޓާ އެކެވެ. 1998 ގައި ވެސްލީ ސްނައިޕްސް ވަނީ "ބްލޭޑް" ފިލްމް ފްރެންޗައިޒްގައި މި ރޯލް ކުޅެފަ އެވެ.

ބްލޭޑްގެ ރީމޭކްގައި ލީޑް ރޯލް އަދާކުރާނީ މަހެރްޝާލާ އަލީ އެވެ.

މަރެހްޝާލާ އަލީ އަކީ "މޫންލައިޓް" ގައި އާއި "ގްރީން ބުކް"ގައި އޭނާ ކުޅުނު ރޯލުތަކަށް އޮސްކާ އެވޯޑް ހާސިލްކޮށްފައިވާ ތަރިއެކެވެ. މީގެ އިތުރުން އާރޮން ޕިއޭރް އާއި ޑެލްރޯއީ ލިންޑޯ މި ފިލްމުގައި ހިމެނެ އެވެ.

"އިޓާނަލްސް" ފިލްމްގެ ނިމޭ ސީންގައި ޑޭން ވިޓްމަން (ކިޓް ހެރިންގްޓަން) އަށް އިބަނީ ބްލޭޑް ކިޔާ ހަތިޔާރެއް ހޯދެ އެވެ. ޑޭން މި ހަތިޔާރު ނަގަން އުޅެނިކޮށް، މީހަކު "ތިކަމަށް ޔަގީންކަމާއެކު ތައްޔާރުތޯ، މރ. ވިޓްމަން؟" ސުވާލުކުރާ އަޑު އިވެ އެވެ. އެ އަޑު ވައްތަރީ މަހެރްޝާލާ އަލީގެ އަޑާއެވެ. އެހެންކަމުން އެއީ ބްލޭޑްގެ ޕްރިވިއުއެއްތޯ ގިނަ މީހުން ދަނީ ޝައްކުކުރަމުންނެވެ.

މި ފިލްމްގެ ޑައިރެކްޓަރު ބައްސާމް ތޯރިގް ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ހިޔާލު ތަފާތުވުންތަކަކާ ގުޅިގެން މި ފިލްމުން ވަކިވެފަ އެވެ. އޭރު ފިލްމް އެޓްލާންޓާގައި މި މަހު ޝޫޓްކުރުމަށް ތައްޔާރުވަމުންދިޔަ އެވެ. އެހެން ޑައިރެކްޓަރެއް ގެނެސް އެ ހިސާބުން ކުރިއަށް ގެންދިއުމުގެ ބަދަލުގައި، މާވެލް އިން ވަނީ މި ފިލްމްގެ ކަންތައްތައް ވަގުތީގޮތުން މެދުކަނޑާލާފަ އެވެ. އެއަށްފަހު އާ ސްކްރީން ރައިޓަރަކާއި ޑައިރެކްޓަރެއް ވަނީ މި މަހު މި ފިލްމާ ގުޅިފަ އެވެ.

މި ފިލްމް ދެން ޑައިރެކްޓް ކުރާނީ ޔާން ޑިމޭންޖް އެވެ. މި ފިލްމްގެ ޕްރޮޑަކްޝަން އެޓްލާންޓާގައި ފައްޓާނީ 2023 ގައެވެ. އަދި ރިލީޒްކުރާނީ 06 ސެޕްޓެމްބަރު 2024 ގައެވެ.