ދުނިޔެ

ޔުކްރޭނަށް ހޭދަކުރުމަކީ ޔޫރަޕަށް ބުރަބޮޑު ކަމެއް: ނޭޓޯ

ޔުކްރޭނަށް އަސްކަރީ ގޮތުންނާއި މާލީ ގޮތުން ހޭދަކުރުމަކީ ހުޅަނގުން ކުރާހިތުން ކުރާ ކަމެއް ކަމަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޮލްޓަންބާގް ވިދާޅުވެއްޖެ އެވެ.

އޭނާ އަދި ވިދާޅުވީ އެއީ ކިތަންމެ ކުރާހިތުން ކުރި ކަމެއް ނަމަވެސް ޔުކްރޭނަށް ހޭދަކުރުން ޔުރަޕަށް މިހާރު ބޮޑުކަމަކަށް ވެއްޖެ ކަމަށެވެ.

ޔުކްރޭންގެ ދިފާއުގައި ހޭދަކޮށް އެހީތެރިވުމަކީ ހުޅަނގަށް ލާޒިމުކަމެއް ކަމަށްވެސް ސްޓޮލްޓަންބާގް ވިދާޅުވި އެވެ.

ތަކެތީގެ އަގުބޮޑުވުމަކީ ދުނިޔެއަށް މިވަގު އޮތް އެންމެ ބޮޑު މައްސަލަ ކަމަށް ވިދާޅުވެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވި ގޮތުގައި ޔޫރަޕްގެ ގޭބިސީތަކަށް ވެސް އެ އުނދަގޫ ފޯރާ ކަމަށެވެ.

ޔޫރަޕްގެ ސަރުކާރުތަކުން އަމިއްލަ ފަރުދުންނަށް ކުރަން ޖެހޭ ހޭދައިގެ އިތުރު ހޭދައެއް ކުރަން ޖެހުމަކީ އަހަރީ ބަޖެޓްގައި ހިމަނައިގެން ކުރާ ކަމަކަށް ނުވި ނަމަވެސް ގައުމުގެ މާލިއްޔަތަށް ބުރަބޮޑުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ސްޓޮލްޓަންބާގް ވިދާޅުވީ ހަރަދު ކިތަންމެ ބޮޑުވެގެން ދިޔަ ނަމަވަސް އިއްތިހާދެއް ގޮތުގައި އޮތް ޔޫރަޕްގެ ގައުމުތަކުން އެކަށީގެންވާ ގޮތުގައި ޔުކްރޭނަށް އަޅާނުލައިފި ނަމަ ބެލެވޭނީ ޒިންމާއިން ރެކުނީ ކަމަށެވެ.

ޔުކްރޭނަށް އެހީވުމަކީ -- އަދި ހަނގުރާމަ ކިތަންމެ ދިގުލައިގެން ދިޔަ ނަމަވެސް، އަސްކަރީ ގޮތުންނާއި މާލީ ގޮތުން އެހީތެރިވުމަކީ ޔޫރަޕްގެ އިއްތިހާދުން އެއްބަސްވެފައި އޮތް ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ހުޅަނގުން ޔުކްރޭނަށް އެހީވުމަކީ ރަޝިއާ ދެކޭ ގޮތުގައި ހަނގުރާމާގައި ބައިވެރިވުމެވެ. ރަޝިއާ ބުނާ ގޮތުން -- ސީދާ ގޮތުން އަދި ނުސީދާ ގޮތުން ނަމަވެސް ޔުކްރޭނަށް އެހީތެރިވެ ހަތިޔާރު ފޯރުކޮށް ދިނުމުގައި ރަޝިއާގެ ގަބޫލުކުރުމަކީ އެ ބަޔަކާ ދެކޮޅަށް ހަމަލާ ދެވިދާނެ ކަމެވެ. އަދި ޔުކްރޭނަށް ކޮންމެ ގައުމަކުން އަސްކަރީ އެހީތެރިކަން ފޯރުކޮށްދިން ނަމަވެސް އެ ޝިޕްމަންޓަކަށް ހަމަލާދިނުމަކީ ރަޝިއާއަށް އޮތް ހައްގެއް ގޮތުގައި ގަބޫލުކުރާނެ ކަމަށް ވެސް ރަޝިއާ އޮތީ ބުނެފަ އެވެ.