ހުޅުމާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމުގެ ގޮތުން ބަހާއި ބައިސްކަލް ދުއްވުމަށް ހާއްސަ ލޭނެއް ކަނޑައަޅަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.
އެޗްޑީސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލެގައި ދިރިއުޅޭ މީހުންނަށާއި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރާތްކުރާ މީހުންނަށް ފަސޭހަ ކަމާއިއެކު ދަތުރުފަތުރު ކުރެވޭނެ ފަދަ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން 2015 ވަނަ އަހަރު ހަދާފައިވާ ޓްރާންސްޕޯޓް މާސްޓާޕްލޭންގެ ދަށުން ހުޅުމާލެގެ މަގުތަކަށް ބަދަލުގެނައުމަށް ނިންމާފައިވާ ކަމަށެވެ. މިގޮތުން ހުޅުމާލެ ނިރޮޅުމަގާއި އެހެން ބޮޑެތި މަގުތައް ލޭންތަކަށް ބަހާލައި ކުރެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.
"މިއީ ހުޅުމާލޭގައި ގިނަ މީހުން އާބާދުވުމާއި ގުޅިގެން ދުނިޔޭގެ ސްޓޭންޑަޑަށް ހުޅުމާލޭގެ މަގުތައް ގެނެވުމަށާއި ޓްރެފިކްގެ މައްސަލައަށް ހައްލު ހޯދައި ދިނުމުގެ ގޮތުން ކުރެވިގެންދާ ވަރަށް މުހިއްމު މަސައްކަތެއް،" އެޗްޑީސީގެ ބަޔާނުގައިވެ އެވެ.
ހުޅުމާލޭގެ މައި މަގުތަކުގައި 13.2 މީޓަރުގެ ފުޅާމިން ހުންނަ ކަމަށާއި 4 ލޭނަކަށް ބަހާލައިގެން އެއްފަހަރާ 4 ވެހިކަލް އެއް މަގުން ދުއްވޭނެ ގޮތަށް ޕްލޭން އެކުލަވާލާފައިވާ ކަމަށްވެސް އެޗްޑީސީއިން ބުނެ އެވެ.
މަގުތަކަށް ގެންނަ ބަދަލުތައް:
- ބަސް ދުއްވަން ވަކި ލޭނެއް ކަނޑައެޅުން
- ބައިސްކަލު ދުއްވަން ވަކި ލެނެއް ކަނޑައެޅުން
- ސައިކަލަށް ވަކި ލޭނެއް ކަނޑައެޅުން
"ހުޅުމާލެގައި ބައިސިކަލް ލޭނެއް ކަނޑައެޅުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ އެހެނިހެން އުޅަދުތަކަށް ދަތިނުވާ ގޮތަށް މަގުގެ އެއްފަޅިން ބައިސްކަލް ދުއްވުމަށް ހާއްސަ ސަރަހައްދެއް ކަނޑައެޅުން. ބައިސްކަލް ދުއްވާ ރޫޓު ފާހަގަކުރުމުގެ ގޮތުން ނޫކުލަ ބޭނުންކުރެވޭނެ،" އެޗްޑީސީ އިން ނެރުނު ބަޔާނުގައި ވެއެވެ. މިބަދަލާއިއެކު މަގުގައި ހިނގާފައި އުޅޭ މީހުންނަށް ފަސޭހަވާނެ ގޮތަށް ޑިރެކްޝަނަލް ތީރުތަކެއް މަގުގެ ތާރުމަތީގައި ކުރެހިފައި ހުންނާނެ އެވެ.
މި ބަދަލުތައް ގެނައުމަށްޓަކައި ހުޅުމާލެގެ ނިރޮޅުމަގުގެ އިތުރުން ސެންޓްރަލް ޕާކް ވަށައިގެން އޮންނަ މަގުގައި އެޗްޑީސީ އިން ވަނީ މަސައްކަތް ފަށާފަ އެވެ. އަދި މި ބަދަލާއި އެކު ހުޅުމާލެގެ ނިރޮޅުމަގުގައި އެއްވެސް ގޮތަކަށް ވެހިކަލް ޕާކު ކޮށްފައި ނުބެހެއްޓޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
"ނިރޮޅުމަގުގައި އެއްވެސް ގޮތަކަށް ވެހިކަލް ޕާކު ކުރެވިފައި ނުބެހެއްޓޭނެ. ނަމަވެސް ނިރޮޅުމަގުގައި ހުންނަ ފްލެޓުތަކާއި ގެތަކުގެ ކައިރީގައި ޕާކްކުރުމުގެ އިންތިޒާމު އަޅުގަނޑުމެން ހަމަޖައްސައިދޭނަން،" އެޗްޑީސީ އިން ބުނެ އެވެ.
މިގޮތުން މިހާރު ވެސް ހުޅުމާލެގެ އެކި ސަރަހައްދުތަކުގައި ގިނަ ޕާކިން ލޮޓްތަކެއް ގާއިމުކުރެވިފައިވާއިރު ޕާކު ކުރެވޭނެ އިތުރު ތަންތަން ގާއިމުކުރުމުގެ މަސައްކަތް އެޗްޑީސީ އިން އަންނަނީ ކުރަމުންނެވެ.
ހުޅުމާލޭގައި ހާއްސަ ލޭންތަކެއް ކަނޑައަޅާ މި ލޭނާއި އެއްގޮތަށް ދަތުރުފަތުރުގެ ކަންކަން ކުރަން ފެށުމުން އާންމުންނަށް ފަސޭހަވާނެ ކަމަށް އެޗްޑީސީ އިން ގަބޫލުކުރެ އެވެ.