ޑިފެންސް މިނިސްޓްރީ

ޓެރަރިޒަމާ ދެކޮޅު މަސައްކަތުގައި ބޭރުގެ އެހީ ވަރަށް ބޮޑު: މާރިޔާ

ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ބޭރުގެ އެހީ ވަރަށް ބޮޑު ކަމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ޑިފެންސް މިނިސްޓަރު މިހެން ވިދާޅުވީ ޓެރަރިޒަމްގެ ނުރައްކާ ކުޑަކޮށް ސަލާމަތީ ކަންކަން އިތުރުކުރުމަށް އެހީތެރިކަން ދިނުމަށް، ޔޫރަޕިއަން ޔުނިއަންގެ މާލީ އެހީގައި، އދ. އާއި ދިވެހި ސަރުކާރު ގުޅިގެން ފަށާ ހާއްސަ ޕްރޮގްރާމެއް ފެށުމުގެ ރަސްމިއަޔާތުގައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ފުލުހުންގެ އިސްކަންދަރު ކޮށީގައި ބޭއްވި މިރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ފަހުގެ ތާރީހުތަކުގައި ރާއްޖޭގައި ހިނގާފައިވާ ހާދިސާތަކަށް ބަލާއިރު، ޓެރަރިޒަމްގެ ބިރުވެރިކަން މުޅި މުޖުތަމައަށް އެބައޮތް ކަމަށެވެ.

ޓެރަރިޒަމް ހުއްޓުވުމުގައި ރާއްޖެއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މި ދާއިރާއިން މަސައްކަތް ކުރާނެ މީހުން މަދުވުމާއި، ބޭނުންވާ ވަސީލަތްތައް މަދުުވުން ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޓެރަރިޒަމްއާއި ހައްދުފަހަނައަޅާ ދިއުން ހުއްޓުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގައި އީޔޫއާއި އދގެ އެހީތެރިކަން ރާއްޖެއަށް އަބަދުވެސް ލިބެމުންދާ ކަންވެސް ޑިފެންސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ރާއްޖެއިން ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ބޭރުގެ އެހީ ވަރަށް ބޮޑު. މިކަމުގައި އެންމެ ބޮޑަށް ދިމާވަނީ މާލީ ދަތިކަން. ނަމަވެސް މި ކުރާ މަސައްކަތުގައި ބޭރުގެ މާލީ ބޮޑު އެހީއެއް ދަނީ ލިބެމުން،" މާރިޔާ ވިދާޅުވި އެވެ.

ޓެރަރިޒަމްގެ ނުރައްކާ ކުޑަކުރުމަށް 18 މަސް ދުވަހަށް ހިންގާ މި ޕްރޮގްރާމަކީ ދެ މިލިއަން ޔޫރޯގެ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ބޭނުމަކީ ރާއްޖޭގައި ޓެރަރިޒަމާއި ހައްދުފަހަނައަޅާ ދިއުން އޮތް މިންވަރު ދެނެގަތުމާއި މިކަމަށް ހުރި ގޮންޖެހުންތައް ދެނެގަތުމެވެ. މި މަސައްކަތްތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މެއި މަހުން ފެށިގެން 2024 ވަނަ އަހަރުގެ މެއި މަހުގެ ނިޔަލަށެވެ.