ރައްޔިތުންގެ މަޖިލިސް

54 ޕަސަންޓް މަސައްކަތް ނިންމުމަށްފަހު މަޖިލިސް ޗުއްޓީއަށް

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ފަހު ޖަލްސާ ނިންމާލިއިރު މިދައުރުގައި ޖުމުލަ 105 މަސައްކަތެއް ނިންމައިފި އެވެ.

މަޖިލީހުގެ ތިންވަނަ ދައުރު ކުރިއަށް ދިޔައީ އޮގަސްޓް މަހުގެ 18 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށެވެ. މިއަދުގެ ޖަލްސާތައް ނިންމާލުމަށްފަހު މަޖިލިސް މިއަދު ވަނީ ޗުއްޓީ އަށް ގޮސްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ދެން ކުރިއަށް ދާނީ އަންނަ އަހަރު މަޖިލިސް އާ ދައުރަކަށް ހުޅުވުމަށްފަހު އެވެ.

މަޖިލީހުގެ ތިންވަނަ ދައުރުގައި ޖުމުލަ 42 ބިލެއްގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެ އެވެ. މީގެތެރެއިން ނިންމާފައިވަނީ 25 ބިލުގެ މަސައްކަތެވެ. 17 ގަރާރެއްގެ މަސައްކަތް ކުރެވުނުއިރު ހަ ގަރާރުގެ މަސައްކަތް ނިންމާފައިވެ އެވެ. އަދި ސަރުކާރުން ހުށަހެޅި 11 މައްސަލައެއް އެޖެންޑާކޮށް 10 މައްސަލައެއް ނިންމި އެވެ.

މި ދައުރަށް މަޖިލީހުގެ ރިޔާސަތުން ހަތަރު މައްސަލައެއް ހުށަހެޅިއިރު ކުރީ ދައުރުގެ ދެ މައްސަލައަކަށް ވެސް މިދައުރުގައި މަސައްކަތް ކުރެވުނެވެ. މީގެތެރެއިން ނިންމާފައިވަނީ ހަތަރު މައްސަލަ އެކެވެ.

މެންބަރުން މިދައުރުގައި ހުށަހަޅުއްވާފައިވާ ތިން މައްސަލަ އަކާއި ކުރީ ދައުރުގެ ފަސް މައްސަލައެއް މިދައުރަށް އެޖެންޑާކޮށް ތިން މައްސަލައެއް ވަނީ ނިންމާފަ އެވެ. އެހެނިހެން މައްސަލަތަކާއި ގުޅޭ 10 ރިޕޯޓެއް ހުށަހަޅާ ފަސް ރިޕޯޓްގެ މަސައްކަތް މިދައުރުގައި ވަނީ ނިންމާފަ އެވެ.

ސުވާލު ކުރުމަށް މެންބަރުންނަށް ލިބޭ ފުރުސަތުގެ ދަށުން 89 ސުވާލެއް ކުރުމަށް މެންބަރުން ވަނީ ހުށަހަޅުއްވާފަ އެވެ. މީގެތެރެއިން 43 ސުވާލެއް މަޖިލީހުގެ ތަޅުމަށް ހުށަހެޅި ޖަވާބު ހޯދާފައިވެ އެވެ.

ތިންވަނަ ދައުރުގައި ނުވަ ކުއްލި މައްސަލައެއް ހުށަހަޅާ އެޖެންޑާކޮށް މަސައްކަތް ނިންމާފައިވެ އެވެ.

މިއަދު ނިންމާލި މިއަހަރުގެ ތިންވަނަ ދައުރުގައި ބާއްވާފައިވަނީ 43 ޖަލްސާ އެވެ. މި ޖަލްސާތަކަށް 125 ގަޑި އިރާއި 11 މިނެޓް ހޭދަކޮށްފައިވެއެވެ.

މިއަހަރުގެ ތިންވަނަ ދައުރުގައި 192 މަސައްކަތެއް ކޮށްފައިވާއިރު ތިންވަނަ ދައުރުގައި 105 މަސައްކަތެއް ނިންމާފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ. އަދި ނިންމުނު މަސައްކަތްތަކުގެ އިންސައްތަ އަކީ 54.7 ކަމަށްވެސް ބުންޏެވެ.