ކުޅިވަރު

ކެމެރޫންއާ އެއްވަރުވެ ސާބިއާގެ އުއްމީދަށް ހިޔަނި އެޅިއްޖެ

ފީފާ ވޯލްޑް ކަޕްގައި މިއަދު ކެމެރޫންއާ 3-3 އިން އެއްވަރުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް ސާބިއާ އިން ކުރަމުން އަންނަ އުއްމީދަށް ހިޔަނި އެޅިއްޖެ އެވެ.

މެޗު އެއްވަރުވީ ސާބިއާ ދެގޯލުގެ ލީޑެއްގައި އޮއްވަ އެވެ. އަނެއް ބުރަށް ސާބިއާ އަށް ދެވޭނީ ފަހު މެޗުގައި ސްވިޒަލެންޑް ބަލިކޮށްގެންނެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ސާބިއާ ވަނީ ބްރެޒިލް އަތުން ބަލިވެފަ އެވެ. މިއަދު މޮޅު ލިބުނު ނަމަ އެޓީމަށް އަނެއް ބުރުގެ ފަހި ފުރުސަތެއް އޮތީހެވެ.

ރިގޮބާޓް ސޯންގާ ޖެހުނު މައްސަލައަކާ ގުޅިގެން މިއަދުގެ މެޗަށް ނުކުތުމުގެ ކުރިން ގާނާގެ އެއްނަންބަރު ގޯލްކީޕަރު އަންދްރޭ އޮންނާނާ ވަނީ ޓީމުން ބޭރުކޮށްލާފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ޓީމާ ވަކިވެ އޮނާނާ މިހާރު ވަނީ އެނބުރި ގައުމަށް ދާން ދަތުރު ފަށާފަ އެވެ.

މި ގްރޫޕުގެ އެއްވަނައިގައި އޮތް ބްރެޒިލް އާއި ދެވަނައިގައި އޮތް ސްވިޒަލެންޑަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. މި ގްރޫޕުގައި މިރޭ ނުވައެއް ޖަހާއިރު މިދެޓީމު ވާދަކުރާނެ އެވެ. ގްރޫޕުގެ ތިން ވަނައިގައި ސާބިއާ އޮތްއިރު ފުލުގައި އޮތީ ކެމެރޫން އެވެ. މި ދެޓީމަށް ވެސް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ގޯލު 29 ވަނަ މިނެޓުގައި ޖެހީ ކެމެރޫންގެ ޖީން-ޗާލްސް ކަސްޓެލީޓޯ އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ސާބިއާ އިން ދެ ގޯލު ޖަހައި ލީޑު ނެގި އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މި ގޯލުތައް ކާމިޔާބުކޮށްދިނީ ސްޓްރަހިންޖާ ޕަވްލޮވިޗް އާއި ސާޖް މިލިންކޮވިޗް-ސަވިޗް އެވެ.

ދެވަނަ ހާފު ފެށިގެން ވެސް ސާބިއާ އިން ވަނީ މޮޅަށް ކުޅެ ހަމަލާތައް އުފައްދާފަ އެވެ. މެޗުގައި ސާބިއާގެ ތިންވަނަ ގޯލު 53 ވަނަ މިނެޓުގައި ޖެހީ އަލެކްސަންޑަ މިޓްރޮވިޗް އެވެ.

މިޓްރޮވިޗްގެ ގޯލަށް ފަހު ކެމެރޫނުން ވަނީ ކުޅުން ރަނގަޅުކޮށް ގާތްގާތުގައި ދެ ގޯލު ޖަހައިފަ އެވެ. މި ދެގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ވިންސެންޓް އަބޫބަކުރު އާއި އެރިކް ޗުޕޯ-މޯޓިން އެވެ. އަބޫބަކުރު އަކީ އާއްމުކޮށް ފުރަތަމަ އެގާރައިގައި ހިމެނޭ ތަޖުރިބާކާރު ކުޅުންތެރިއެކެވެ. އެކަމަކު މިއަދު ކުޅެން އެރީ ބެންޗުންނެވެ.

ސާބިއާ ވޯލްޑް ކަޕަށް ކޮލިފައިވީ ޕޯޗުގަލް ހިމެނުނު ގްރޫޕުގެ އެއްވެސް މެޗަކުން ބަލިނުވެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. އެހެންވެ ވޯލްޑް ކަޕްގައި އެޓީމުން މިފަހަރު ރަނގަޅު ނަތީޖާތަކެއް ނެރޭނެ ކަމަށް ބެލެވުނެވެ. ކެމެރޫން އަތުން މުހިއްމު ތިން ޕޮއިންޓް ގެއްލުމާ އެކު އަނެއް ބުރަށް ދިއުމުގެ އަމިއްލަ ބާރު މިވަގުތަށް ސާބިއާ އަށް ވަނީ ގެއްލިފަ އެވެ.