ކުޅިވަރު

ސްވިޒަލެންޑް ބަލިކޮށް ބްރެޒިލް ދެވަނަ ބުރު ޔަގީންކޮށްފި

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ޖީގައި މިރޭ ސްވިޒަލެންޑް 0-1 އިން ބަލިކޮށް ބްރެޒިލް ވޯލްޑް ކަޕްގެ ދެވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

ދުނިޔޭގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ ބްރެޒިލަކީ މިފަހަރުގެ ވޯލްޑް ކަޕް ފޭވަރިޓުންގެ ތެރޭގައި ހިމެނޭ އެއް ޓީމެވެ. ބްރެޒިލަށް އެންމެ ފަހުން ވޯލްޑް ކަޕް ކާމިޔާބު ކުރެވުނީ 2002 ވަނަ އަހަރު އެވެ. 20 އަހަރު ފަހުން ވޯލްޑް ކަޕް ކާމިޔާބުކުރުމަށް ނުކުތް ބްރެޒިލްގައި މިފަހަރު އޮތީ ވަރުގަދަ ޓީމެކެވެ.

މިއީ ވޯލްޑް ކަޕްގެ ތާރީހުގައި ސްވިޒަލެންޑް އަތުން ބްރެޒިލަށް މޮޅެއް ލިބުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން މިދެޓީމު ވާދަކުރި ދެ މެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެ. އެންމެ ފަހުން 2018 ވަނަ އަހަރު ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފު 30 ވަރަކަށް މިނެޓު ވަންދެން ސްވިޒަލެންޑުން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފަ އެވެ. އެކަމަކު ފުރަތަމަ ހާފުގެ ފަހު 15 މިނެޓު މޮޅަށް ކުޅުނީ ބްރެޒިލުންނެވެ. މި ހާފުގައި ބްރެޒިލްގެ ވިނީޝަސް އަށް ހުސްކޮށް ލިބުނު ފުރުސަތެއް އޭނާ އަށް ރަނގަޅަށް ފޮނުވާނުލެވުމުން ލިބުނީ ކީޕަރަށެވެ.

މެޗުގެ ދެވަނަ ހާފުގައި ބްރެޒިލުން މޮޅަށް ކުޅެ ސްވިޒަލެންޑަށް ޕްރެޝަރުކުރި އެވެ. މި ހާފުގައި ބްރެޒިލްގެ ވިނީޝަސް ޖެހި ގޯލެއް ވީއޭއާރުގެ އެހީ ހޯދުމަށް ފަހު ރެފްރީ ވަނީ ކެންސަލްކޮށްފަ އެވެ. މި ގޯލު ގަބޫލުނުކުރީ, ވިނީޝަސް އަށް ޕާސް ދިން ރިޗާލިސަން އަށް ބޯޅަ ލިބުމުގެ ކުރިން އޭނާ އޮފްސައިޑްގައި ހުރުމުންނެވެ.

ބްރެޒިލުން ގޯލެއް ޖެހޭތޯ ބެންޗުގައި ތިބި ފޯވާޑުން ވެސް އެރުވި އެވެ. މިގޮތުން ދެވަނަ ހާފުގައި ރޮޑްރީގޯ އާއި ގެބްރިއަލް ޖީސުސް އަދި އެންތަނީ ސަންޓޯސް އަށް ކޯޗު ޓީޓޭ ފުރުސަތުދިނެވެ. ބްރެޒިލުން މެޗުގައި ލީޑު ނެގީ 83 ވަނަ މިނެޓުގައި ކަސެމީރޯ ޖަހައިދިން ގޯލުންނެވެ. އޭނާގެ ފަޔަށް އެރި ބޯޅަ އެއް ފަހަރުން ޖަހައި ވައްދާލީ ގޯލުގެ ކަނަށެވެ.

މި ގްރޫޕުގެ އެއްވަނައިގައި ބްރެޒިލް އޮތީ ހަ ޕޮއިންޓާ އެކު އެވެ. ދެވަނައިގައި އޮތް ސްވިޒަލެންޑަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ސާބިއާ އާދި ފުލުގައި އޮތް މޮރޮކޯ އަށް ވެސް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

ގްރޫޕުގެ ފަހު މެޗުގައި ބްރެޒިލް ނުކުންނާނީ ކެމެރޫންއާ ދެކޮޅަށެވެ. ފަހު މެޗުގައި ސާބިއާއާ އެއްވަރުކޮށްލައިގެން ސްވިޒަލެންޑަށް މި ގްރޫޕުން ދެވަނަ ބުރު ކަށަވަރު ކުރެވޭނެ އެވެ.