ބޮލީވުޑް

"އާޕް ޖެއިސާ ކޮއި މޭރީ" ލަވައިގެ ރިމޭކް ބަލާފައި ފޭނުން ރަތަށް

ފިލްމު "ގުރުބާނީ"އަށް ނާޒިއާ ހަސަންގެ އަޑުން ކިޔައިދީފައިވާ "އާޕް ޖެއިސާ ކޮއި މެރެ" އަކީ 80ގެ އަހަރުތަކުގައި އެންމެ މަގުބޫލުވި އެއް ލަވަ އެވެ.

ޒީނަތު އަމަން ނަށާފައިވާ މި ލަވަޔަކީ ޕާކިސްތާނުގެ ލަވަކިޔުންތެރިޔާ ނާޒިއާ ބޮލީވުޑް ފިލްމަކަށް ކިޔައިދިން ފުރަތަމަ ލަވަ ވެސް މެއެވެ.
އަޔޫޝްމާން ކުރާނާގެ "އެކްޝަން ހީރޯ"ގައި މި ލަވައިގެ ރިމޭކް ލަވައެއް ހިމަނާފައި ވެއެވެ. މި ލަވައިގައި ހަރަކާތްތެރިވަނީ އަޔުޝްމާން އާއި މަލައިކާ އަރޯރާ އެވެ.

މި ލަވަ ރިލީޒްކުރުމާއެކު އިންޑިއާ އާއި ޕާކިސްތާނުގައި ތިބި މި ލަވައިގެ ފޭނުން ރުޅިގަދަވެ ސޯޝަލް މީޑީއާގައި ވަރަށް އަޑުގަދަކޮށްފައި ވެއެވެ.
"އަނެއްކާވެސް މާސްޓާޕީސް އެއް ބޮލީވުޑުން ކޮޕީކޮށްފި. އެކަމަކު އޮރިޖިނަލްގައި ދުވަހަކުވެސް އަތެއް ނުލެވޭނެ،" މީހަކު ރުޅިއައިސްގެން ކުރި ޓުވީޓެއްގައި ވެއެވެ.

"އާޕް ޖެއިސާ ކޮއި މެރީ" ރިމޭކް

މަޔަންކް މަދުރް ކިޔާ އިންޑިޔާ މީހަކު ކުރި ޓުވީޓެއްގައި ބުނެފައިވަނީ މި ލަވައިގެ ރިމޭކް އުފެއްދި ބޫޝަން ކުމާރާއި ތާނިޝް ބަގްޗީ ޖަލަށް ލާން ޖެހޭނެ ކަމަށެވެ.

ޕާކިސްތާނު މީހުންތައް ވެސް މި ލަވައިގެ ރިމޭކަށް ހިތްހަމަނުޖެހިގެން ޓުވީޓްތައް ކޮށްފައި ވެއެވެ.

"ޒީނަތު އަމާން އާއި ނާޒިއާ ހަސަން. ތި ދެ ފަންނާނުން ކުރިމަތީ އަހަރެމެން ފައިލްވެއްޖެ،" ޕާކިސްތާނު ފޭނެއްގެ ޓުވީޓުގައި ވެއެވެ.
އިތުރު މީހަކު ކުރި ޓުވީޓެއްގައި ސިފަ ކުރި ގޮތުގައި މިއީ "ތާރީޚީ ލަވައެއް ގަތުލުކުރުން" ކަމަށެވެ. އޭނާ މި ރިމޭކް ސިފަކުރީ އަގުބޮޑު ބިރިޔާނިއެއްގެ މައްޗަށް ނަޓެއްލާ އަޅައިގެން ކެއުން ފަދަ ކަމެއްގެ ގޮތުގަ އެވެ.

ގާލްބެރީމޭންގެ ނަމުގައި ޓުވީޓްކުރި މީހަކު ލިޔެފައިވާ ގޮތުގައި ނާޒިއާ ހަސަންގެ ލަވަތަކަކީ އޭނާއަށް ވަރަށް ޕާސަނަލް ސަބަބުތަކަކާ ހެދި ޚާއްސަ ލަވައެކެވެ. މިފަދަ ލަވަތައް ނޮޅައި ކުދިކުރުން ހުއްޓަން ޖެހޭ ކަމަށެވެ. ކުރީގެ ލަވައިގައި ހުރި ރީތިކަމާއި ފުރިހަމަކަން މި ލަވައިގައި ނެތް ކަމަށާއި ޓީ-ސީރީޒްކަހަލަ މިއުޒިކް ލޭބަލްތަކުން މިފަދަ ލަވަތައް ހަލާކުކުރުން ހުއްޓާލަން ޖެހޭކަމަށް އެމީހާ ލިޔެފައި ވެއެވެ.