އަޔުޝްމާން ކުރާނާއަކީ ބޮލިވުޑްގެ އާއިލާއަކަށް ނިސްބަތްވާ އެކްޓަރެއް ނޫނެވެ. ބޮލީވުޑްގެ މީހުންނާ އެއްވެސް ގުޅުމެއް ނެތި ވެސް އޭނާ ވަނީ އަމިއްލަ ހުނަރާއި ބުރަ މަސައްކަތުން ފިލްމު އިންޑަސްޓްރީގައި ވަރަށް ރަނގަޅަށް ފައިތިލަ ސާބިތު ކޮށްފަ އެވެ. އަދި ފިލްމީ އާއިލާއަކާ ގުޅުން ނެތަސް ހުނަރު ހުރިނަމަ އަދި ބުރަކޮށް މަސައްކަތް ކޮށްފިނަމަ ކާމިޔާބު ހޯދި ދާނެކަން އަޔުޝްމާން ވަނީ މިސާލު ދައްކާފަ އެވެ.
ފިލްމު ކުޅެން ފެށުމުގެ ކުރިން އަޔުޝްމާން ކުރިޔަށް ދާން ބޭނުންވީ ލަވަކިޔުމުގެ ރޮނގުންނެވެ. ވަރަށް ރީއްޗަށް ގިޓާ ކުޅެ ލަވަ ކިޔަން އޭނާއަށް އެނގެ އެވެ.
ލަވަކިޔުމަށް ޝައުގުވެރިވީ ގޮތް ކިޔައިދެމުން އަޔުޝްމާން ދާދި ފަހުން ދިން އިންޓަވިއު އެއްގައި ބުނެފައިވަނީ އޭނާގެ ގުރޫ އަކީ ލަވަކިޔުންތެރިޔާ ކިޝޯރު ކުމާރު ކަމަށެވެ. އަދި ކިޝޯރުގެ ފަރާތުން ހިތްވަރު ލިބިގެން އޭނާ ލަވަކިޔަން ފެށި ކަމަށެވެ.
އަޔުޝްމާންގެ ހަޔާތާއި ކެރިއަރަށް ކިޝޯރުގެ ނުފޫޒު ފޯރާފައިވާލެއް ބޮޑުކަމަށް އަޔުޝްމާން ބުންޏެވެ. ކިޝޯރަކީ ވެސް ލަވަކިޔުމުގެ އިތުރުން ވެސް އެކްޓިން އާއި އެނޫން ވެސް ގިނަ ހުނަރުތަކެއް ހުރި ފަންނާނެކެވެ.
"ކިޝޯރަކީ ހަމައެކަނި ވަރުގަދަ ޝަހްސިއްޔަތެއް ނޫން. އައިކޯން އެއް އެކަންޏެއް ނޫން އޭނާއަކީ. ކިޝޯރަކީ ބޮޑު އިންސްޓިޓިއުޝަނެއް. އަހަރެންނަށް ލަވަކިޔަން ޝައުގުވެރިވީ އޭނާގެ ލަވަތައް އަޑުއަހައިގެން،" އަޔުޝްމާން ބުންޏެވެ.
ރީއްޗަށް ލަވަ ކިޔަސް އަޔުޝްމާން މިހާރު ގިނައިން ފެންނަނީ ބަތަލެއްގެ ގޮތުގައި ފިލްމުތަކުގައި މަސައްކަތް ކުރާތީ އެވެ.
އަޔުޝްމާންގެ އަށް ފލްމެއް ވިދިވިދިގެން ކާމިޔާބުވެ ބޮލީވުޑްގެ އެންމެ ހިނގާ އެއް އެކްޓަރަށް މިހާރު އޭނާ ވެފައި ވެއެވެ.
ޓައިމް މެގަޒިނުން 2019 ގައި ނެރުނު ދުނިޔޭގެ އެންމެ ނުފޫޒު ގަދަ މީހުންގެ ލިސްޓުގައި ހިމެނިފައިވާ އަޔުޝްމާން ބުނި ގޮތުގައި އޭނާގެ ހަޔާތުގައި އޮތީ އެންމެ ހިތާމަ އެކެވެ. އެއީ ދުވަހަކު ވެސް ކިޝޯރު ކުމާރާ ބައްދަލުވުމުގެ ފުރުސަތު ލިބިފައި ނެތުމެވެ. އޭނާގެ ހެޔޮ އެދުންތައް ލިބުނުނަމަ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނީސް ކަމަށް އަޔުޝްމާން ބުންޏެވެ.
ފިލްމީ ރޮނގުން ބަލާއިރު އަޔުޝްމާން މިހާރު ތިން ފިލްމެއްގެ މަސައްކަތް ކުރަމުން އެބަދެ އެވެ. "ޑޮކްޓަރު ޖީ" އާއި "އަނޭކް" އަދި ޗަންދީގަޅް ކަރޭ އާޝިގީ" އެވެ.