މަލައިކާ އަރޯރާ އަކީ ކާކުކަން ހިންދީ ފިލްމު ބަލާ މީހުންނަށް އެނގުނީ މީގެ 24 އަހަރު ކުރިން ޝާހް ރުކް ޚާން އާއެކު ފިލްމު "ދިލް"ގެ 'ޗައްޔާ ޗައްޔާ' ކިޔާ ލަވައެއްގައި ރޭލެއްގެ މަތީގައި ނަށާ މަންޒަރު ފެނިގެންނެވެ. މި ލަވައިގައި މަލައިކާގެ ނެށުން ފަރިކަމުން ބެލުންތެރިން އާޝޯޚު ކޮށްލިއެވެ.
އެ ލަވަ ރިލީޒްކުރިތާ 24 އަހަރު ވީއިރުވެސް "ޗައްޔާ ޗައްޔާ ގާލް"ގެ ނަމުން ގިނަ ބަޔަކު މަލައިކާ ދަންނަނީ އެ ލަވައަށް ލިބުނު މަޝްހޫރު ކަމުންނެވެ.
މިއަދުވެސް އިންޑިއާގައި ބާއްވާ ގިނަ ޕާޓީތަކުގައި "ޗައްޔާ ޗައްޔާ"ގެ އަޑު ނީވެންޏާ އެ ޕާޓީއެއް ފުރިހަމަވީ ކަމަކަށް ނުބެލެވެ އެވެ. އެ ލަވަ ޖަހާލާފައި ޕާޓީއަށް ގޮސް ތިބި އެންމެން ވަރުގެ ކޮޅަށް ނަށާލުމުން ނޫނީ އެމީހުންނަށް ހިތްހަމަޖެހުމެއް ނުލިބެ އެވެ.
އޭގެ ފަހުން މަލައިކާއަށް މިކަހަލަ ވަރަށް ގިނަ އައިޓަމް ލަވަތަކަށް ނެށުމުގެ ފުރުސަތު ލިބުނެވެ. "މާހީ ވޭ"، "އަނާރްކަލީ ޑިސްކޯ ޗަލީ"، "މުންނީ ބަދުނާމް ހުއީ" އަދި "ހޯންޓް ރަސީލޭ" އަކީ މި ލަވައިގެ މަގްބޫލުކަމުން މަލައިކާއަށް ނަށަން ލިބުނު ލަވަ ތަކެކެވެ.
ނަމަވެސް މި ލަވަ މަލައިކާ އަށް ލިބުނީ އޭރު ބޮލީވުޑްގައި މަސައްކަތްކުރަމުންދިޔަ މަޝްހޫރު ބަތަލާއިންގެ ތެރެއިން ފަސް އެކްޓަރަކު އެ ލަވަ ކުޅެދޭން އެއްބަސް ނުވީމަ އެވެ.
މި ލަވަ ފުރަތަމަ ހުށަހެޅުނީ ޝިލްޕާ ޝެޓީ އަށެވެ. އޭނާ އެއްބަސް ނުވީމަ ޝިލްޕާ ޝިރޯދްކަރް އަށެވެ.
މި ވާހަކަ ހާމަކުރީ މަލައިކާގެ އޮންލައިން ޝޯ "މޫވިން އިން ވިތު މަލައިކާ"ގައި ބައިވެރިވެ ވާހަކަ ދައްކަމުން "ޗައްޔާ ޗައްޔާ"ގެ ކޯރިއޮގްރާފަރު ފަރާ ޚާން އެވެ.
ފަރާ ބުނި ގޮތުގައި "ޗައްޔާ ޗައްޔާ"އަކީ މަލައިކާގެ ނަސީބު ރަނގަޅުކަމުން އޭނާއަށް ލިބުނު ލަވަ އެކެވެ. ސަބަބަކީ އޭނާއަށް އެ ލަވަ ލިބުނީ ފަސް ބަތަލާއަކު ނޫނެކޭ ބުނީމަ ކަމަށް ވާތީ އެވެ.
"އެއްބައި ބަތަލާއިން ނޫނެކޭ ބުނީ ރޭލެއްގެ މަތީގައި ނަށަން ޖެހޭތީ ގަންނާކުރެއްވި ބިރުން. އޭރު މަލައިކާއެއް އެއްވެސް މީހެއްގެ ރާޑަރަކަށް ނާރާ. އަހަރެމެން ޝިލްޕާ ޝެޓީ އާއި ޝިލްޕާ ޝިރޯދްކަރް ކައިރިން ވެސް މި ލަވަ ކުޅެދޭން އެދުނިން. އެދި އެނޫންވެސް 2-3 ބަތަލާއަކަށް މި ލަވަ ހުށަހެޅިން. އެންމެން ވެސް ބުނީ ރޭލެއް މައްޗަށް އަރާކަށް ނުކެރޭނޭ. ދެން މި ލަވަ ކުޅެދޭނެ ބަތަލާއަކާ މެދު ވިސްނަނިކޮށް މޭކަޕްކަން ކޮށްދޭ މީހަކު އެތާ ހުރެފަ ބުނީ މަލައިކާ އަކީ ވެސް ވަރަށް މޮޅު ނެށުންތެރިއެކޭ،" މަލައިކާ މި ލަވައަށް ހޮވި ގޮތް ކިޔައިދެމުން ފަރާ ބުންޏެވެ.
ފަރާ ބުނި ގޮތުގައި މަލައިކާ ހުރީ އެ ލަވަ ކުޅެދޭން ތައްޔާރަށެވެ. އަދި އޭނާ ރޭލު މައްޗަށް ޖެހިލުމެއް ނެތި އެރުމުން ވެސް ރޭލު މަތީގައި ހުރެ ނެށިދާނެ ކަމާ މެދު ފަރާ މެންނަށް ވެސް ޝައްކުވި އެވެ. ނަމަވެސް އެންމެން ހައިރާން ކޮށްލާފައި މަލައިކާ ވަނީ އޭނާގެ ފަރި ނެށުން ދުއްވަމުންދިޔަ ރޭލު މަތީގައި ނަށާފަ އެވެ.
މަލައިކާ ބުނި ގޮތުގައި ރޭލު މަތީގައި ނަށަނިކޮށް އޭނާ އެތައް ފަހަރަކު ރޭލު މައްޗަށް ވެއްޓުނެވެ. ސަބަބަކީ އެ ވަގުތު ވައި ވެސް ވަރަށް ގަދަވީމަ އެވެ. އެހެންވެ އެންމެ ފަހުން އޭނާގެ އުނަގަނޑުގައި ވާ ގަނޑެއް ބައްދައި އެ ވާގަނޑު ރޭލުގައި ބަނދެފައި އޮތް ކަމަށާއި އެތަން ފޮރުވާފައިވަނީ އޭނާގެ ސްކާޓުން ކަމަށް މަލައިކާ ކިޔައިދިނެވެ.
އެންމެ ފަހުން ލަވަގެ ޝޫޓިން ނިމުނުއިރު މަލައިކާގެ އުނަގަނޑުގައި ވާ ބައްދާފައި ހުރި ތަން ވަރަށް ބޮޑަށް ކަނޑަކަނޑައިގެން ގޮސްފައި ހުރިކަމަށް އޭނާ ބުންޏެވެ.