ބޮލީވުޑް

ކޯރިއޯގްރާފަރު ގަނޭޝް 100 ވަރަކަށް ކިލޯ ހިއްކާލައިފި

ބޮލީވުޑްގެ ވަރަށް ގިނަ ފިލްމުތަކުގެ ލަވަތަކަށް ނެށުން ތައްޔާރުކޮށްދީފައިވަނީ މަޝްހޫރު ކޯރިއޯގްރާފަރު ގަނޭޝް އަޗާރިޔާ 100 ވަރަކަށް ކިލޯ ލުއިކޮށްލައިފި އެވެ. ދާދިފަހުން ގަނޭޝް ވަނީ ސޮނީ ޓީވީގެ މަޝްހޫރު ކޮމެޑީ ޝޯ 'ދަ ކަޕިލް ޝަރުމާ ޝޯ'ގައި އިތުރު ދެ ކޯރިއޮގްރާފަރުން ކަމަށްވާ ގީތާ ކަޕޫރާއި ޓެރެންސް ލުވިސް އާއެކު ބައިވެރިވެފަ އެވެ.

މި ޝޯގައި ބައިވެރިވާން އެތަނަށް ގަނޭޝް ދިއުމާއެކު އޭނާ ހުރި ސިފަ ފެނިފައި އެންމެންނަށް ލިބުނީ ބޮޑު ހައިރާން ކަމެކެވެ. ކުރިން އިންތިހާއަށް ފަލަކޮށް ހުރި ގަނޭޝް ކުއްލިއަކަށް އެހާ ބޮޑަށް ހިކިކޮށް ފިޓްކޮށް ހުއްޓާ ފެނުނީމަ އެވެ.

ގަނޭޝް އެހާ ބޮޑަށް ހިކިފައި ހުއްޓާ ފެނުމުން އެކަމާ ގުޅޭ ގޮތުން ކަޕިލް ސުވާލުކުރުމުން ގަނޭޝް ބުނީ ގާތްގަނޑަކަށް 100 ވަރަކަށް ކިލޯ ލުއިވެއްޖެ ކަމަށެވެ.

"ކުދިކުދި ޝަހަރުތަކުގައ 46 ކިލޯގެ މީހުން އުޅޭ. އޭގެ ތެރެއިން ދެ މީހުން ކަލޭ ތި ގެއްލުވާލީ،" ގަނޭޝް އަށް ޖޯކް ޖަހަމުން ކަޕިލް ބުންޏެވެ.

ހިންދުސްތާން ޓައިމްސް އަށް 2017 ގައި ދިން އިންޓަވިއު އެއްގައި ގަނޭޝް ވަނީ ހިކެން މަސައްކަތް ފަށައިގެން އުޅޭކަމަށް ބުނެފަ އެވެ.
"ދޮޅު އަހަރެއްހާ ދުވަސް ވެއްޖެ ހަށިގަނޑު ހިއްކަން މަސައްކަތްކުރާތާ. އަހަރެން 2015 ގައި ކުޅުނު "ހޭ ބްރޯ" ކިޔާ ފިލްމަކަށް 30-40 ކިލޯ ބަރު ކުރިން. އޭރު ބަރުދަން 200 ކިލޯއަށް އެރި. މިހާރު މި މަސައްކަތްކުރަނީ އެ ހުރިހާ ބަރެއް ލުއިވޭތޯ،" ގަނޭޝް މި ޝޯގައި ބުނެފައި ވެއެވެ.

ގަނޭޝް ބުނި ގޮތުގައި މީހުންނަށް އަބަދުވެސް ފެނިފައި ވަނީ އާދަޔާޚިލާފަށް ފަލަކޮށް ހުރި ގަނޭޝް އެކެވެ. އެހެންވީމާ އެ ސިފަ ބަދަލުކޮށްލަން އޭނާ ބޭނުންވީ އެވެ.

ބަރުދަން ލުއިކޮށްލުމަށްފަހު ފިލްމެއްގެ ލީޑް ރޯލު ކުޅެން ގަނޭޝް ވަނީ ތައްޔާރުވެފަ އެވެ. "ދެހާތީ ޑިސްކޯ" ނަމަކަށް ކިޔާ މި ފިލްމަކީ އެހެން ހިންދީ ފިލްމުތަކަށް ވަރަށް ތަފާތު ފިލްމެއް ކަމަށް އޭނާ ބުންޏެވެ. މީގެ ކުރިން އޭނާ ކުޅެފައިވަނީ މުޅިން ވެސް ކޮމިކް ރޯލުތައް ނަމަވެސް މި ފިލްމުގައި ކުޅެނީ ސީރިއަސް ރޯލެއް ކަމަށާއި އެކްޝަން އާއި ޑާންސް ވެސް ފިލްމުގައި ހިމެނޭ ކަމަށް އޭނާ ބުންޏެވެ.

"އަހަރެން އެ ފިލްމުގައި ކުޅެނީ 10 އަހަރުގެ ކުއްޖެއްގެ ބައްޕައެއްގެ ބައި. މިއީ ހިންދުސްތާނުގައި އޮތް ނެށުމުގެ ވައްތަރެއްގެ ދައްކުވައިދޭ ފިލްމެއް. އަހަރެން މީގެ ކުރިން ބައެއް ފިލްމުތައް ޑައިރެކްޓްވެސް ކޮށްފައި ވާނެ. އެހެންވީމާ އެ ތަޖުރިބާތަކުގެ އަލީގައި އެކްޓް ކުރެވޭތޯ މިމަސައްކަތް ކުރަނީ،" ގަނޭޝް ބުންޏެވެ.

ކޯރިއޮގްރާފަރެއްގެ ހައިސިއްޔަތުން މިހާރުވެސް ގަނޭޝް ދަނީ ގިނަ ފިލްމުތަކެއްގައި މަސައްކަތް ކުރަމުންނެވެ. އެގޮތުން އަކްޝޭ ކުމާރުގެ "ބެލްބޮޓަމް"، "ލަކްޝްމީ"، ވަރުން ދަވަންގެ "ކޫލީ ނަންބަރު 1" އަދި "ބޫޖް" އާއި "ތޫފާން"ގެ ނެށުންތައް ކޯރިއޮގްރާފްކުރަނީ ގަނޭޝް އެވެ.