ބޮލީވުޑް

އިބްރާހީމްގެ ފުރަތަމަ ފިލްމުގައި ކާޖޮލް އާއި ޕްރިތުވީރާޖް

ސައިފް އަލީ ޚާން އާއި އަމްރިތާ ސިންގްގެ ދެ ދަރިންގެ ތެރެއިން ހަގު ފިރިހެން ދަރިފުޅު އިބްރާހީމް އަލީ ޚާން ފިލްމީ ދުނިޔެއަށް ތައާރަފްވާން ތައްޔާރުވެއްޖެ އެވެ.

އިބްރާހިމްގެ ފުރަތަމަ ފިލްމު ވެފައިވަނީ ވަރަށް ގިނަ ގޮތްގޮތުން ޚާއްސަ ފިލްމަކަށެވެ. މި ފިލްމުގެ ވާހަކަ ފަލަ ސުރުޚީގައި ލިޔެވެމުންދާތާ ގިނަ ދުވަސްތަކެއް ވެފައި ވެއެވެ.

މި ފިލްމު ޚާއްސަވާ އެއް ސަބަބަކީ ފިލްމުގައި ކުޅަދާނަ ބަތަލާ ކާޖޮލް ވަރަށް މުހިއްމު ރޯލެއް ކުޅޭތީ އެވެ. ދެ ވަނައަށް ފިލްމު ޚާއްސަވާ ސަބަބަކީ ޕްރިތުވީރާޖް ސުކްމަރަން ވެސް މި ފިލްމުގައި ބައިވެރިވާތީ އެވެ. ކާޖޮލް އާއި ޕްރިތުވީރާޖް އެކުގައި މި ފިލްމުން ފެނުމަކީ ވެސް ޚާއްސަ ކަމެކެވެ. ސަބަބަކީ މި ދެ ތަރިން އެކުގައި މީގެ ކުރިން ފިލްމެއް ކުޅެފައި ނުވާތީ އެވެ.

ކަޔޯޖް އިރާނީ ޑައިރެކްޓްކުރާ މި ފިލްމު ބިނާކޮށްފައިވަނީ ކަޝްމީރުގެ ޓެރަރިޒަމް އަށެވެ. އިންޑިޔާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި މުޅި ފިލްމު ބިނާކޮށްފައިވަނީ ކާޖޮލް އާއި އިބްރާހިމް އަދި ޕްރިތުވިރާޖް ކުޅޭ ކެރެކްޓާތަކުގެ ހަޔާތުގައި ދިމާވާ ހާދިސާ ތަކަކަށެވެ. ޕްރިތުވިރާޖް އާއި ކާޖޮލް ކުޅެނީ ދެމަފިރިންގެ ރޯލު ކަމަށް ވެއެވެ. ނަމަވެސް އިބްރާހީމް ކުޅެނީ އެ ދެ މީހުންގެ ދަރިއެއްގެ ރޯލު ކަމެއް ނުވަތަ އެ ނޫން ކެރެކްޓާއެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

އަންނަ ޖެނުއަރީ މަހު ޝޫޓިންގް ފަށަން ހަމަޖެހިފައިވާއިރު އޭގެ ކުރިން ކާޖޮލް އާއި އިބްރާޙީމް މި ފިލްމުގެ ސްކްރިޕްޓް ކިޔައި ފިލްމަށް ޚާއްސަކޮށް މަހެއްހާ ދުވަހުގެ ތަމްރީނުތަކެއް ހަދާނެއެވެ. އަދި ފިލްމު ފެށުމުގެ ކުރިން ތިން މީހުން އެކުގައި ގިނަ ވަގުތު ހޭދަކޮށް އެކަކު އަނެކަކާ އޮތް ގުޅުން ބަދަހިކުރަން މަސައްކަތް ކުރާނެ އެވެ.

އިބްރާހިމް މިހާރު ގެންދަނީ ބޮލީވުޑަށް ނުކުތުމަށްޓަކައި ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ. ފުރިހަމަ އެކްޓަރަކަށް ވުމަށްޓަކައި އެކްޓިން ވޯކްޝޮޕްތަކުގައި ވެސް އޭނާ ގެންދަނީ ބައިވެރިވެ ތަމްރީނުތައް ހޯދަމުންނެވެ.

އިބްރާޙިމް ތައާރަފްވާ ފިލްމުގެ ޕްރޮޑިއުސަރަކީ ކަރަން ޖޯހަރެވެ. އެހެންގޮތަކަށް ބުނާނަމަ އިބްރާޙިމް ތައާރަފްކުރުމުގެ ޒިންމާ ކޮނޑުގައި އަޅާފައިވަނީ ކަރަން އެވެ.

ޑައިރެކްޓަރެއްގެ ގޮތުގައި ކަރަން މިހާރު މަސައްކަތް ކުރަމުންދާ އާލިއާ ބަޓް އާއި ރަންވީރު ސިންގްގެ "ރޮކީ އައުރު ރާނީ ކީ ޕްރޭމް ކަހާނީ"ގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި އިބްރާހިމް މަސައްކަތް ކޮށްފައި ވެއެވެ.