ލައިފްސްޓައިލް

ޝްރައްދާ މަރާލިގޮތަށް ދެމައިން ވެގެން ފިރިހެނަކު މަރާލައިފި

ދާދިފަހުން ފެންމަތިވެގެން އުޅޭ ޝްރަދާ ވޯކާ ކިޔާ ޒުވާން އަންހެނަކު މަރައި ކުދިކޮށް ކޮށާލި ހާދިސާއާ ދާދި އެއް ކަހަލަ ހާދިސާއެއް އިންޑިޔާގެ ދިއްލީގައި ހިނގައިގެން އެބައުޅެ އެވެ.

މިފަހަރުގެ ހާދިސާގައި އަންހެނަކު އޭނާގެ ފިރިމީހާ މަރާލައި ކުދިކޮށް ކޮށައި އެ ގޭގައި ހުރި ފްރިޖެއްގައި ބަހައްޓައިގެން އެކި ބައިތައް އެކި ދުވަސްމަތިން އެކި ތަންތަނަށް އުކާފައިވަނީ އޭނާގެ ފިރިހެން ދަރިއެއްގެ އެހީތެރިކަމާ އެކުގަ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އަންޖާން ދާސް ނަމަކަށް ކިޔާ ފިރިހެންމީހާ މަރާލިކަމަށް ޕޫނަމް އާއި އޭނާގެ ދަރި ދީޕަކް މިހާރު ވަނީ އެއްބަސްވެފަ އެވެ.

ފުލުހުން ކައިރީ ޕޫނަމް ބުނި ގޮތުގައި އޭނާގެ އަތުގައި ހުރި ރަނުގެ ގަހަނާތައް އޭނާއަށް ނޭނގި ދާސް ވަނީ ވިއްކާލާފަ އެވެ. އަދި އެ ތަކެތި ވިއްކާލައިގެން ލިބުނު ފައިސާތައް ބިހާރުގައި ދިރިއުޅޭ ދާސްގެ އަންހެނުންނާއި ދަރިންނަށް ފޮނުވާފައިވާކަމަށް ޕޫނަމް ބުނެ އެވެ. އަދި އޭނާއާ ކައިވެނިކޮށްގެން ހުރި ދާސް އެހެން އަންހެނެއް ކައިރިއަށް ދާކަން ޕޫނަމް އަށް ފަޅާ އަރާފައިވާ ކަމަށް ވެސް ފުލުހުން ކައިރީ ޕޫނަމް ބުނެފައި ވެއެވެ.

ޕޫނަމް އިތުރަށް ބުނެފައިވާ ގޮތުގައި ދާސް އޭނާއާ ކައިވެނިކުރިއިރު އެހެން އަންބެއް ހުރި ވާހަކައާއި އަށް ދަރިން ތިބި ވާހަކައެއް ނުބުނެ އެވެ. އެކަން އެނގުނީ ވެސް ކައިވެނިކުރި ފަހުންނެވެ.

މިދެމައިން މި ފިރިހެންމީހާ މަރާލައި ކުދިކޮށް ކޮށީ މިދިޔަ ޖޫން މަހު ކަމަށް ވެއެވެ. މި މައްސަލަވެސް ފަޅާއަރައިގެން އުޅެނީ އަދި ކިރިޔާ އެވެ.
ދިއްލީ ފުލުހުންނަށް ކަނޑާލާފައި އޮތް ބޮލަކާއި ހަށިގަނޑުގެ ބައިތަކެއް ޖޫން 5 ވަނަ ދުވަހު ވަނީ ފެނިފަ އެވެ. ނަމަވެސް މިހާތަނާ ޖެހެންދެން ވެސް އެއީ ކާކުކަން އޮތީ ދެނެގަނެވޭނެ ގޮތެއް ނެތިފަ އެވެ.

ފުލުހުން ކައިރީ ދީޕަކް ބުނި ގޮތުގައި ދާސް މަރާލަން އޭނާގެ މަންމައަށް އެހީތެރިވީ ދީޕަކްގެ އަންހެނުންނަށް ވެސް ދާސް ގޯނާ ކުރާތީ އޭނާ ދެކެ އައިސްފައި ހުރި ރުޅިންނެވެ.

ދިއްލީ ފުލުހުން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޑީސީޕީ (ކްރައިމް) އަމިތު ގޯއެލް ވިދާޅުވީ ދާސް ހަށިގަނޑުގެ ބައެއް ބައިތައް ފެނުނީ ރާމްލީލާ މައިދާނުން ކަމަށެވެ. އަދި އޭގެފަހުން ފާއިތުވީ ތިން ދުވަސް ތެރޭގައި ދެ ފަޔާއި ދެ ފަލަމަސްގަނޑު އަދި ބޮލާއި އަތުގެ މުލައްދަނޑިއެއް ފެނިފައި ވެއެވެ.

ފުރަތަމަ ފުލުހުން ހީކުރީ މި ބައިތަކަކީ ޝްރަދާ ވޯކާގެ ހަށިގަނޑުގެ ބައިތައް ކަމަށެވެ. ނަމަވެސް މި ބައިތައް ޓެސްޓްކުރުމުން މިއީ ފިރިހެނެއްގެ ހަށިގަނޑުގެ ބައިތައް ކަން ޔަގީން ކުރެވުނެވެ. އެހެންވެ ތަފާތު މައްސަލައެއްގެ ގޮތުގައި މި މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައި އެ މަސްގަނޑުތައް ފެނުނު ސަރަހައްދުގެ ސީސީޓީވީ ކެމެރާ ފުޓޭޖްތައް ބަލަން ފެށީ އެވެ.

ޕޫނަމް އާއި ދީޕަކް ރޭގަނޑު ދަންވަރު އެ ސަރަހައްދުގައި މާ ގިނައިން އުޅެނިކޮށް ފުލުހުންނަށް ފާހަގަ ކުރެވުނެވެ. އަދި ދީޕަކް ވަރަށް ބަރު ކޮތަޅެއް ހިފައިގެން ދާއިރު އޭނާގެ ފަހަތުން ޕޫނަމް ހިނގާފައި ދާތަން ފެނުނެވެ.

އެހިސާބުގަނޑުގެ ގޭގެޔަށް ވަކިވަކިން ގޮސް މީހުންނާ ކުރި ސުވާލުތަކުން އަންޖާން ދާސް ނަމަކަށް ކިޔާ މީހަކު ގެއްލިފައިވާތީ ހައެއް މަސް ދުވަސް ވެއްޖެކަން ފުލުހުންނަށް އެނގުނެވެ. އަދި އޭނާ ގެއްލުނު ކަމުގެ ރިޕޯޓު އެ އާއިލާއިން ކޮށްފައި ނުވާކަން އެނގުނެވެ. އަދި ޕޫނަމް އާއި ދާސް އާއި އޮތް ގުޅުން ވެސް އެނގުނެވެ. އެހެންވެ މި ދެ މައިންނާ މެދު ޝައްކު ކުރެވިގެން ހައްޔަރުކުރީ އެވެ.

ފުލުހުން ސުވާލުކުރުމުން ދެމައިން ވެސް ވަނީ ދާސް މަރާލައި އޭނާގެ ހަށިގަނޑު ބުރިބުރި ކުރިކަމަށް އެއްބަސްވެފައި ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ކައިރީ ޕޫނަމް އެއްބަސްވީ ގޮތުގައި ދާސް އަކީ އޭނާ ތިން ވަނަ ފިރިމީހާ އެވެ. އަދި ދާސްގެ އުޅުންހުރި ގޮތުން އޭނާދެކެ ރުޅިއައިސް ފޫހިވެފައިވާކަމަށް ޕޫނަމް ބުންޏެވެ.

"ޕޫނަމް ފުރަތަމަ ކައިވެންޏެއް ކުރީ އުމުރުން 13 ނުވަތަ 14 އަހަރުގައި. އޭނާގެ ފުރަތަމަ ފިރިމީހާ އޭނާ ދޫކޮށްލާފައި ދިއްލީއަށް ދިޔައީ. ޕޫނަމް ދިއްލީއަށް އައީ ފިރިމީހާ ހޯދަން ވެގެން. ނަމަވެސް ފިރިމީހާ ނުފެނިގެން ކައްލޫ ނަމަކަށް ކިޔާ ފިރިހެނަކާ ކައިވެނިކޮށްގެން އޭނާގެ ގޭގައި ދިރިއުޅެން ފެށީ. ކައްލޫ އާއި ޕޫނަމް އަށް ތިން ދަރިން ލިބިފައިވޭ. ދީޕަކް އަކީ އެ ތިން ދަރިންގެ ތެރެއިން އެކަކު. ކެންސަރު ޖެހިގެން ކައްލޫ ވަނީ މީގެ އެތައް އަހަރެއް ކުރިން މަރުވެފައި. ޕޫނަމް ދެން 2017ގައި ކައިވެނި ކުރީ އަންޖާން ދާސް އާ. ނަމަވެސް ކައިވެނިކުރިއިރު އޭނާ އެހެން ކައިވެންޏެއް ކޮށްގެން އުޅޭ ކަމާއި އަށް ދަރިން ތިބި ވާހަކައެއް ޕޫނަމް ކައިރީ ދާސް އެއް ނުބުނޭ،" އިތުރު ތަފްސީލް ދެމުން ފުލުހުންގެ އޮފިސަރު ބުނެފައި ވެއެވެ.

ދީޕަކް ފަހުން ބުނެފައިވާ ގޮތުގައި ދާސް އަބަދުވެސް އޭނާގެ އަންހެނުންނަށާއި އަންހެން ކޮއްކޮއަށް ގޯނާ ކުރެ އެވެ. އަދި އޭނާގެ މަންމަގެ ގަހަނާތައް ވަގަށް ނަގައިގެން ގެންގޮސް ވިއްކާލައި ގޭގައި ހުރި ފައިސާތައް ވަގަށް ނަގާ ހަދަ އެވެ.

އެހެންވެ ދާސް މަރާލަން މަންމަ ބޭނުންވުމުން މަންމައަށް އެހީތެރިވީ އެވެ. މި ދެ މައިން ދާސް މަރާލާފައިވަނީ އޭނާ ބޯން ގެންގުޅޭ ރާފުޅިއަށް ނިދާ ބޭސް އަޅައިގެން އެ ބޮއިގެން އޭނާ ޚަބަރު ހުސްވެފައި އޮއްވަ އެވެ.

"އެމީހުން ބުނީ ދާސް މަރާލާފައި ލޭތައް ފައިބާ ހުސްވަންދެން ގޭގައި އެއް ދުވަސްވަންދެން ބޭއްވީ ކަމަށް. އަދި އެއް ދުވަސްފަހުން ދާސްގެ ހަށިގަނޑު 10 ބުރިއަށް ބުރިކޮށް އެ އޭރިއާގެ އެކި ހިސާބުތަކަށް އުކާލުމުގެ މަސައްކަތް ކުރީ ކަމަށް. މިހާތަނަށް އަހަރުމެންނަށް ހޯދުނީ ހަ ބައި. އަނެއް ހަތަރު ބައި އަދި ނުފެނޭ." އިތުރު ތަފްސީލު ދެއްވަމުން ޕޮލިސް އޮފިސަރު ބުންޏެވެ.

ލިފްޓް އޮޕަރޭޓަރެއްގެ ގޮތުގައި މަސައްކަތްކުރި ދާސްގެ ހަށިގަނޑުގެ ބައިތަކުގެ ތެރެއިން ފެނުނު އެއްބައިގެ ތެރެއިން އޭނާ ލައިގެން ހުރި އަންނައުނާއި ގެންގުޅުނު މޯބައިލް ފޯނު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.