ބްރޫނޯ ފެނާންޑޭސް ކާމިޔާބުކުރި ދެ ގޯލާ އެކު ޕޯޗުގަލް ފީފާ ވޯލްޑް ކަޕްގެ ދެވަނަ ބުރު ޔަގީންކޮށްފި އެވެ.
ގްރޫޕް އެޗްގައި ހިމެނޭ ޕޯޗުގަލުން ވަނީ ފުރަތަމަ ދެ މެޗު ވެސް ކާމިޔާބުކޮށްފަ އެވެ. މީގެކުރިން އެޓީމަށް ގްރޫޕް ސްޓޭޖުގެ ފުރަތަމަ ދެ މެޗު ކާމިޔާބު ކުރެވުނީ 2006 ވަނަ އަހަރު އެވެ. އެފަހަރު އެޓީމު ވަނީ ސެމީ ފައިނަލުގައި ވާދަކޮށްފަ އެވެ.
ގްރޫޕް އެޗްގައި ޕޯޗުގަލް ހަ ޕޮއިންޓާ އެކު އެއްވަނައިގައި އޮތްއިރު ދެވަނައިގައި އޮތީ ތިން ޕޮއިންޓް ލިބިފައިވާ ގާނާ އެވެ. ތިން ވަނައިގައި އޮތް ދެކުނު ކޮރެއާ އާއި ފުލުގައި އޮތް އުރުގުއޭ އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.
ގްރޫޕުގެ ފަހު މެޗުގައި ދެކުނު ކޮރެއާއާ އެއްވަރުކޮށްލައިގެން ޕޯޗުގަލް އަށް އެއްވަނަ ލިބޭނެ އެވެ. ދެވަނަ ބުރުން ފުރުސަތު ހޯދަން އުރުގުއޭ ޖެހޭނީ ފަހު މެޗުގައި ގާނާ ބަލިކުރާށެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ގޯލު ޖަހާނެ އެންމެ ހުސް ފުރުސަތު ލިބުނީ އުރުގުއޭގެ ރޮޑްރީގޯ ބެންޓަންކުއާ އަށެވެ. އޭރިޔާ ތެރޭގައި ހުހަށް ހުރެ ބެންޓަންކުއާ އަށް ލިބުނު ބޯޅަ ފޮނުވާލުމުން ޖެހުނީ ކީޕަރުގެ ގައިގަ އެވެ.
ދެވަނަ ހާފުގައި ފެނާންޑޭސް ފުރަތަމަ ގޯލު ޖެހީ 54 ވަނަ މިނެޓުގަ އެވެ. އަރިމަތިން ކްރިސްޓިއާނޯ ރޮނާލްޑޯގެ ބޮލަށް ނަގައިދިން ހުރަސް ގޯލަށް ވަނީ ފެނުޖެހިފަ އެވެ. އެ ބޯޅައިގައި ރޮނާލްޑޯ ޖެއްސި ކަމަށް ބެލެވި އެންމެ ފުރަތަމަ ނިންމީ އެއީ ރޮނާލްޑޯގެ ގޯލެއް ކަމަށެވެ. ގޯލު ޖެހުނު ކަމަށް ހީކޮށް ރޮނާލްޑޯ ވަނީ އުފާފާޅު ވެސް ކޮށްފަ އެވެ. އެކަމަކު ފީފާ އިން ފަހުން ނިންމީ އެއީ ފެނާންޑޭސްގެ ގޯލެއް ކަމަށެވެ.
ދެވަނަ ގޯލު ފެނާންޑޭސް ޖެހީ މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ ހޯސޭ ހިމެނޭޒްގެ އަތުގައި ޖެހުމުން ވީއޭއާރުގެ އެހީގައި ރެފްރީ ދިން ޕެނަލްޓީއެކެވެ. ގާނާއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ޕޯޗުގަލް އަށް ވަނީ ޕެނަލްޓީއެއް ލިބިފަ އެވެ.
ވޯލްޑް ކަޕްގެ ފުރަތަމަ ދެމެޗުގައި ފެނާންޑޭސް ވަނީ ދެ ގޯލު ޖަހައި އިތުރު ދެ ގޯލު ޖަހަން އެހީތެރިވެދީފަ އެވެ.
ވޯލްޑް ކަޕްގައި މިރޭ ކުޅޭނީ ގްރޫޕް އޭ އާއި ގްރޫޕް ބީގެ ފަހު މެޗުތަކެވެ. އަށެއް ޖަހާއިރު ކުޅޭނީ ގްރޫޕް އޭގައި ހިމެނޭ އިކުއެޑޯ އާއި ސެނެގޯލް މެޗުގެ އިތުރުން ނެދަލެންޑްސް އާއި ގަތަރު މެޗެވެ. ދަންވަރު 12 ޖަހާއިރު އިންގްލެންޑް ވޭލްސްއާ ދެކޮޅަށް ނުކުންނައިރު އީރާން އާއި އެމެރިކާ ވާދަކުރާނެ އެވެ.
ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކާ ކުރިމަތިލާއިރު ދެވަނަ ބުރުން ފުރުސަތު ހޯދާފައިވަނީ ތިން ޓީމެކެވެ. ޕޯޗުގަލްގެ އިތުރުން ގަދަ 16 އަށް ދަތުރުކުރީ ބްރެޒިލް އާއި އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް އެވެ.