ޕާކިސްތާންގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވިދާޅުވި ގޮތުގައި ކުރިން ނިންމާފައި އޮތް ގޮތަށް އޯގަސްޓް 2023 އަށް ފަހު އާންމު އިންތިހާބު އޮންނާނެ އެވެ.
ބޮޑުވަޒީރު ވިދާޅުވި ގޮތުގައި އެ ތާރީޚަށް އަދި އެއްވެސް ބަދަލެއް ނުގެނެ އެވެ. ކުރިއަށް އޮތް އިންތިހާބު ބާއްވާ ތާރީޚަށް އެއްވެސް އޮޅުމެއް އަރާފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ތުރުކީއަށް ވަޑައިގެން ނޫސްވެރިގެ ސުވާލުތަކަށް ޝަހްބާޒް ޝަރީފް ދެއްވި ޖަވާބު ގޮސް ހުއްޓެނީ ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު -- އަދި ޕާކިސްތާން ތަހުރީކޭ އިންސާފު ޕާޓިގެ ލީޑަރު، އިމްރާން ޚާނަށެވެ.
އިމްރާން ވެރިކަމުން ދުރުކުރީއްސުރެ ސަޕޯޓަރުންނަށް ހިތްވަރުދެއްވައި މަގުތަކަށް އެއްވެ ދަނީ ސަރުކާރަށް ޕްރެޝަރު ކުރަމުންނެވެ. އެއީ އަވަސް އިންތިހާބެއް ބޭއްވުމަށެވެ.
އިމްރާން ދެކެވަޑައިގަންނަވާ ގޮތުގައި އަވަސް އިންތިހާބެއް ބާއްވައިފި ނަމަ މިހާރު އޮތް ސަރުކާރަށް ތާއީދެއް ނުލިބޭނެ އެވެ.
ޝަހްބާޒް ޝަރީފަށް ތާއީދު ކުރާ މަޖިލީސް މެމްބަރުން އިމްރާން ޚާން މަގާމުން ދުރުކުރީ ބޭރު ގައުމެއްގެ ނުފޫޒުގައި ޖެހިގެން ކަމަށް އިމްރާން ތުހުމަތުކުރައްވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ޕާކިސްތާންގައި މިހާރު އޮތީ ބޭރު ގައުމަކުން އިންދާފައި އޮތް ސަރުކާރެކެވެ.
ބޮޑުވަޒީރު ވިދާޅުވި ގޮތުގައި މިހާރު އޮތް ގައުމީ މަޖިލީސް އޯގަސްޓް 2023 ގައި ނިމުމަކަށް އަންނާނެ އެވެ. އެ ހިސާބުން ވަގުތީ ސަރުކާރެއް އެކުލަވާލުމަށް ފަހު އިންތިހާބެއް ބާއްވަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕާކިސްތާންގައި މިހާރު ވެރިކަންކުރާ ކޯލިޝަން ސަރުކާރުގައި، އިމްރާން ހާންގެ ޕާޓީ ނޫން ހުރިހާ ޕާޓީތައް ބައިވެރިވާ ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އިންތިހާބަކަށް ވުރެ މުހިންމެ ކިތަންމެ ކަމެއް ސަރުކާރަށް ކުރަން ޖެހިފައި އެބަ އޮތް ކަމަށެވެ. އެހެންނަމަވެސް އިމްރާން ގެންދަވަނީ ސަރުކާރަށް ޕްރެޝަރު ކުރެއްވުމަށް ސިޔާސީ ގޮތުން ތަފާތު އުކުޅުތައް ބޭނުންކުރައްވަމުންނެވެ. އެ ގޮތުން ތަހުރީކޭ ޕާޓީއަށް ނިސްބަތްވާ ހުރިހާ މެމްބަރުން ސަރުކާރާ މުއާމަލާތްކުރަން ޖެހޭ ވަޒީފާތައް ދޫކޮށްލުމަށްވެސް ވަނީ ނިންމާފަ އެވެ.