ދުނިޔެ

މިސްރަށް ތުރުކީ އިން ލަސްތަކެއް ނުކޮށް ސަފީރަކު އައްޔަން ކުރާނެ: ފޮރިން މިނިސްޓަރު

މިސްރާއި ތުރުކީ ގުޅުން ކެނޑިފައި އޮންނަތާ އަހަރުތަކެއް ވެއްޖެ އެވެ. އެހެން ނަމަވެސް ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ވެފައިވަނީ ދެ ގައުމުގެ ގުޅުން އިސްލާހު ކުރުމަށް ދެ ގައުމަށް ވެސ ްލިބުނު ރަނުގެ ފުރުސަތަކަށެވެ.

ގަތަރު ވޯލްޑްކަޕް 2022 ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ދޯހާއަށް ވަޑައިގެން ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ މިސްރުގެ ރައީސް އަބްދުލް ފައްތާހް އައްސީސީއާ ބައްދަލުކުރައްވައި ސަލާމު ކުރައްވާފަ އެވެ.

މި ސަލާމު ކުރެއްވުމުގެ ފަހަތުތައި އޮތީ ދެ ގައުމުގެ ގުޅުން އެހެން މަރުހަލާއަކަށް -- ހެޔޮ ހާލަތަށް ބަދަލުކުރެއްވުން ކަމަށް ސީސީ ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި ތުރުކީން ވަނީ މިސްރާ އެކު ގުޅުން އާކުރާނެ ކަމަށް ބުނެފަ އެވެ.

ތުރުކީގެ ފޮރިން މިނިސްޓަރު މަވްލޫތު ޗަވްސޯލޫ ވިދާޅުވި ގޮތުގައި ލަސްތަކެއް ނުކުރައްވައި މިސްރަށް ތުރުކީ ސަފީރަކު އައްޔަން ކުރައްވާނެ އެވެ. އެއީ ދެ ގައުމުގެ ގުޅުން ހަރުދަނާކޮށް ސަރަހައްދީ ސިޔާސަތުގައި ދެ ގައުމުގެ ބައިވެރިވުން އިތުރުކުރުމަށް ކަމަށްވެސް ވިދާޅުވި އެވެ.

މިސްރާ އެކު ގުޅުން ބަދަހިކުރަން ތުރުކީ ވިސްނާ ގޮތަށް ސީރިއާ އާއެކު ގުޅުން ބަދަހިކުރައްވަން ވިސްނަންތޯ ނޫސްވެރިޔަކު ކުރި ސުވާލަަކަށް ފޮރިން މިނިސްޓަރު ވިދާޅުވީ ފުރަތަމަ ކަމަކަށް އޮތީ ޓެރަރިސްޓުންގެ އަތްދަށުން ސިރިއާ ސަލާމަތްކުރުން ކަމަށެވެ.

ސީރިއާ އާއެކު ވެސް ގާތް ގުޅުމެއް އޮންނަންވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެ މަވްލޫތު ޗަވްސޯލޫ ވިދާޅުވީ އަސަދުގެ ސަރުކާރާ އެކު އަންކާރާ މަޝްވަރާ ކުރާނެ ކަމަށެވެ. އަދި ސަރަހައްދީ ބައްދަލުވުންތަކުގައި ސީރިއާ ބައިވެރިކުރުމަށް ތުރުކީ ހުށަހަޅާނެ ކަމަށެވެ.

ސީރިއާއާ ގުޅުމާ މެދު ތުރުކީ އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ކެބިނެޓްގައި މަޝްވަރާ ކުރުމަށްފަހު ނަތީޖާއާ މެދު ސުވާލުކުރުމަށް ފުރުސަތު ދެއްވާނެ ކަމަށެވެ.

އަންކާރާ އާއި ގާހިރާއާ ދެމެދުގައި އޮތް ގުޅުން ކަނޑައިގެން ދިޔައީ 2013ގައި މިސްރުގެ އަސްކަރިއްޔާގެ ވެެރިއަކަށް އަބްދުލް ފައްތާހް އައްސީސީ ހުންނެވިއިރު -- މިސްރަށް ގެނައި އަސްކަރީ ބަޣާވާތަކާ ގުޅިގެންނެވެ.

މިސްރުގައި އެއިރު ވެރިކަމުގައި ހުންނެވި މުސްލިމް ބްރަދާހޫޑްގެ މުހައްމަދު މުރުސީ ވެރިކަމުން ދުރުކޮށް ސީސީ ވެރިކަމަށް ވަޑައިގަތުން ތުރުކީއަށް ވެފައި އޮތީ އެއްގޮތަކަށް ވެސް ގަބޫލުކުރެވޭ ވަރުގެ ކަމަކަށް ނޫނެވެ.