ތުރުކީގެ ރައީސް ރަޖަބް ތައްޔިތު އުރުދުޣާން މިސްރަށް ވަޑައިގެން އެ ގައުމުގެ ރައީސް އަބްދުލް ފައްޔާހް އައްސީސީއާ ބައްދަލުކުރައްވައިފި އެވެ. މިއީ 2012 އަށް ފަހު އުރުދުޣާން މިސްރަށް ކުރައްވާ ފުރަތަމަ ދަތުރެވެ.
އުރުދުޣާން މިސްރުގެ ވެރިރަށް ގާހިރާގައި ސީސީއާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާގައި ފަލަސްތީންގެ މައްސަލަތަކަށް ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވި އެވެ.
ފަލަސްތީން އަބާދުކުރަން މިސްރުން ކުރާ ކޮންމެ ކަމެއްގައި ތުރުކީ ބައިވެރިވާނެ ކަމަށްވެސް އުރުދުޣާން ސީސީއަށް ދެންނެވި އެވެ.
އުރުދުޣާން ވިދާޅުވީ ޣައްޒާ ހަނގުރާމައަށްފަހު އެ ސިޓީ ބިނާކޮށް އާބާދުކުރަން އަރަބި ދުނިޔެއިން ކުރާ މަސައްކަތްތަކުގެ އެއްކޮޅުގައި ތުރުކީ އޮންނާނެ ކަމަށެވެ. އަދި ހަނގުރާމައިގެ ތެރޭގައި ޣައްޒާއަށް އެހީވުމުގައިވެސް ތުރުކީ ދެމިއޮންނާނެ ކަމަށް ވިދާޅުވި އެވެ.
ސީސީއާ އެކު އޮތް ނޫސް ކޮންފަރެންސެއްގައި އުރުދުޣާން ވިދާޅުވީ ތުރުކީއަށް މިވަގުތު އޮތް އެންމެ ބޮޑު ކަމަކީ ޣައްޒާ މައްސަލަ ކަމަށާއި ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެންމެން އަތުގުޅާލަން ޖެހޭ ކަމަށެވެ.
އުރުދުޣާން މިސްރަށް ވަޑައިގަތުމުން ގާހިރާގެ ވައިގެ ބަނދަރުން މަރުހަބާ ދެންނެވީވެސް ރައީސް އަބްދުލް ފައްތާހް އައްސީސީ އެވެ.
ދެ ގައުމުގެ ދެމެދުގައި ބޭއްވި މަޝްރާތަކަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އުރުދުޣާން ވިދާޅުވީ ކުރު މުއްދަތެއްގެ ތެރޭގައި މިސްރުގައި 15 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަކަށް ތުރުކީ ތައްޔާރު ކަމަށެވެ.
މިސްރުގައި ކުރަން އޮތް އިންވެސްޓްމަންޓް އޮތީ ހޯމްވޯކް ހަދާ ނިމިފައި ކަމަށްވެސް އުރުދުޣާން ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އިގުތިސާދީ އަދި އަސްކަރީ އެއްބާރުލުމުގައި މިސްރާ އެކު ގާތް ގުޅުންތަކެއް އުފައްދަވާނެ ކަމަށެވެ.
މިސްރަކީ އަރަބި ދުނިޔޭގެ ދޮރޯށި ކަމަށް ވިދާޅުވެ އުރުދުޣާން ވިދާޅުވީ އަރަބި އިސްލާމީ ކޮންމެ މައުލޫއެއްގައި މިސްރު އޮންނަ ކަމަށެވެ.
ތުރުކީއާއި މިސްރުގެ ގުޅުން ހީނަރުވެގެން ދިޔައީ 2013 ގައި އޭރު ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު މުރުސީގެ ސަރުކާރު އަސްކަރިއްޔާ މެދުވެރިކޮށް ވައްޓާލުމާ ގުޅިގެންނއެވެ.
މިސްރުގެ އަސްކަރިއްޔާގެ މި އަމަލު ތުރުކީން ވަރަށް ބޮޑަށް ކުށްވެރިކުރި އެވެ. އަދި މުރުސީއަށްފަހު ސީސީ ވެރިކަމަށް ވަޑައިގަތުމުން -- ސީސީ ކަހަލަ ބޭފުޅަކާ މަޝްވަރާކުރެއްވުން ފަސޭހަ ނޫން ކަމަށް އުރުދުޣާން ވިދާޅުވި އެވެ.