މޯލްޑިވްސް ޕޮލިސް ސާވިސް

119 ކިލޯގެ ޑްރަގްސް މައްސަލައިގައި ހިމެނޭ މީހަކު ދޫކޮށްލައިފި

Nov 29, 2022

މާލެ އާއި ހުޅުމާލޭގައި ފުލުހުން މިދިޔަ އަހަރު ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހިމެނޭ މީހަކު ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.

ކްރިމިނަލް ކޯޓުން ދޫކޮށްލީ ގދ. ހޯނޑެއްދޫ، އަލޯރާ، އަހުމަދު މުޖާހިދު (29އ) އެވެ. ކޯޓުން އޭނާ ދޫކޮށްލީ މައްސަލަ ބަލާ ސެކްޝަންގައި ދާއިމީ ފަނޑިޔާރަކު ނެތި މައްސަލަ ލަސްވާ ކަމަށް ބުނެ އެވެ.

މުޖާހިދު ދޫކޮށްލީ ޝަރުތުތަކަކާއެކު އެވެ. އެގޮތުން ދައުލަތުގެ ހެކިންނާއި މުއާސަލާތު ނުކުރުމާއި ހެއްކަށް ނުފޫޒު ނުފޯރުވުމާއި ކޯޓުން އަންގާ ގޮތެއްގެ މަތިން ކޯޓަށް ހާޒިރުވުން ހިމެނެ އެވެ. އޭގެ އިތުރުން ދިރިއުޅުމުގެ އަސާސީ ކަންކަން ފުއްދުމަށް ނޫން ގޮތަކަށް ގެއިން ބޭރަށް ނުދިއުން ހިމެނެ އެވެ.

އަހުމަދު މުޖާހިދުގެ އިތުރުން މަސްތުވާތަކެތީގެ އެ މައްސަލައިގައި ހައްޔަރުކުރި މީހުންނަކީ ގދ. ހޯނޑެއްދޫ، އަލޯރާ، އަރުޝަދު ހާލިދު (26އ) އާއި ގދ. ހޯނޑެއްދޫ، އިރުމަތީގެ، އަހްމަދު ސުނައިނު (25އ) އާއި ގދ. ހޯނޑެއްދޫ، ގުލޭނޫރަންމާގެ، އަލީ ޒުބައިރު (52އ) އަދި ގދ. ހޯނޑެއްދޫ، ދޯދި، މުހައްމަދު އަކްރަމް އަބްދުލް ހަންނާން (31 އ) އެވެ.

ފުލުހުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ފުރަތަމަ މަސްތުވާތަކެތީ ހޯދީ މާލޭގެ ބުރުމަގުން ދުއްވާފައި ދިޔަ ކާރެއް ހުއްޓުވުމަށްފަހު އެެވެ. އެ ތަނުން ފުލުހުން ހައްޔަރުކުރި ދެ މީހުންނަކީ އަހްމަދު ސުނައިނު އާއި އަލީ ޒުބައިރު އެވެ.

މި ދެ މީހުން ހައްޔަރުކޮށް ޓެކްސީ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ވަނީ ފެނިފަ އެވެ.

ފުލުހުން މީގެ ކުރިން ބުނި ގޮތުގައި އެ މަސްތުވާތަކެއްޗަނީ ޑިސެމްބަރު 12، 2021 ވަނަ ދުވަހުގެ ފަތިހު "ބަންގާ" ނަމަކަށް ކިޔާ ލޯންޗަކުން މާލެއަށް އެތެރެކޮށްފައިވާ ތަކެއްޗެވެ. އެކަމުގައި އުޅުނީ އަލީ ޒުބައިރު އާއި އަކްރަމް އަބްދުލް ހަންނާން އާއި އަހުމަދު މުޖާހިދު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ މީހުންނާ ގުޅުންހުރި ކާރަކުން މަސްތުވާތަކެތި ހުރި 86 ރަބަރު ޕެކެޓާއި ސައިކަލެއްގެ މަޑިދަށުން ފަސް ރަބަރު ޕެކެޓު ހޯދުނު ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.