ފިނިޕޭޖް

ޖޭމްސް ބޮންޑް ފިލްމެއް ދެން ނުކުޅޭނަން: ޑެނިއަލް

ޖޭމްސް ބޮންޑުގެ ރޯލް އެންމެ ފަހުން އަދާކުރި ޑެނިއަލް ކްރޭގް، ދެން ޖޭމްސް ބޮންޑް ފިލްމެއް ކުޅެން ބޭނުން ނުވާ ކަމަށް ބުނެފި އެވެ.

އުމުރުން 54 އަހަރުގެ ޑެނިއަލް ވަނީ 15 އަހަރު ތެރޭގައި ޖޭމްސް ބޮންޑް ފިލްމް ފްރެންޗައިޒްގެ ފަސް ފިލްމު ކުޅެފަ އެވެ.

ލޮސް އެންޖަލަސް ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ޑެނިއަލް ބުނީ "ނޯ ޓައިމް ޓު ޑައި" ގައި ޖޭމްސް ބޮންޑް ކެރެކްޓާ މަރުވުމުން، އެ ފްރެންޗައިޒް އާއި އޭނާގެ ކެރިއާ ރިސެޓްކުރުން މުހިއްމު ކަމަށެވެ.

"އަހަރެން ދެ ވާހަކައެއް ފާހަގަކޮށްލަން ބޭނުން. އަހަރެންނާއެކު ބޮންޑުގެ ކެރެކްޓާ ރީސްޓާޓްކުރި ފަދައިން، އަހެންގެ ބޮންޑް ކެރެކްޓާ މަރާލާފައި، އެހެން ޖޭމްސް ބޮންޑަކާއި ވާހަކައެއް ހޯދަންވީ. އަނެއް ކަމަކީ އަހަރެން ބޭނުން ކުރިއަށް ދާން. އަނބުރާ އެ ރޯލަށް ދާކަށް ބޭނުމެއް ނޫން. އެ ފިލްމުގައި ބޮންޑް ގުރްބާން ވަނީ ލޯތްބަށްޓަކައި. އަދި އެއަށްވުރެ ބޮޑު ގުރުބާނީއެއް ނެތް. އެހެންވީމާ އެ ހިސާބުން ނިންމާލުމަކީ ރަނގަޅުކަމެއް ކަމުގައި ފެނޭ،" ޑެނިއަލް ކްރޭގް ބުންޏެވެ.

އޭނާގެ ނަސީބު ރަނގަޅު ކަމުން ކެރިއަރުގައި މިހާރު ހުރި ހަރުފަތުގައި އޭނާ ބޭނުންވާ ޕްރޮޖެކްޓްތަކުގައި މަސައްކަތް ކުރުމަށް ހިޔާރުކޮށް، ބޭނުން ނުވާ ޕްރޮޖެކްޓްތައް ދޫކޮށްލެވޭ ކަމަށް ޑެނިއަލް ބުންޏެވެ.

ޖޭމްސް ބޮންޑް 007 އަކީ 1953 ގައި އިޔާން ފްލެމިން ލިޔުނު ވާހަކަ ސީރީޒްއަކަށް ހެދި ކެރެކްޓާ އެކެވެ.

ޖޭމްސް ބޮންޑަކީ އިނގިރޭސި ވިލާތުގެ ސީކްރެޓް ސާވިސް އޭޖެންޓެކެވެ. ޑެނިއަލްއަކީ މި ރޯލްކުޅޭ ހަވަނަ އެކްޓަރެވެ. ޑެނިއަލްގެ ކުރިން ޝޯން ކޮނަރީ، ރޮޖަ މޯ، ޖޯޖް ލަޒެންބީ، ޓިމޮތީ ޑެލްޓަން އަދި ޕިއާސް ބްރޮސްނަން ވަނީ މި ރޯލް އަދާކޮށްފަ އެވެ.

މި ރޯލް އެންމެ ކުޑަ މުއްދަތަކަށް އަދާކޮށްފައިވަނީ ޖޯޖް ލަޒެންބީ އާއި ޓިމޮތީ ޑެލްޓަން އެވެ.

ދާދި ފަހުން ޑެނިއަލްއަށް ވަނީ އިނގިރޭސި ޝާހީ އާއިލާގެ ފަރާތުން ޕްރިންސަސް އޭން، "ދި އޯޑާ އޮފް ސެއިންޓް މައިކަލް އެންޑް ސެއިންޓް ޖޯޖް"ގެ ޝަރަފް ވެސް އަރުވާފަ އެވެ.

ޑެނިއަލްގެ އެންމެ ފަހު ފިލްމް "ގްލާސް އަނިއަން: އަ ނައިވްސް އައުޓް މިސްޓްރީ" އަކީ ނެޓްފްލިކްސް އިން ހަދާ ފިލްމްތަކުގެ ތެރޭގައި އެމެރިކާގެ އެންމެ ބޮޑު ތިން ސިނަމާ ޗެއިންތަކުގައި އަޅުވާ ފުރަތަމަ ފިލްމެވެ. މި ފިލްމް ވަނީ ބޮކްސް އޮފީހުގައި ވަރަށް ބޮޑު ކާމިޔާބީއެއް ހޯދާފަ އެވެ. އަދި މި ފިލްމު މާދަމާ ސިނަމާތަކުން ދެއްކުން ހުއްޓާލުމަށްފަހު ކުރިއަށް އޮތް ޑިސެމްބަރު 23 ވަނަ ދުވަހު ނެޓްފްލިކްސްގައި ސްޓްރީމްކުރަން ފަށާނެ އެވެ.