އިންޑިއާއިން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ އެހީ ދީފި އެވެ.
މިއީ މިއަހަރުގެ އޮގަސްޓް މަހުގެ 1-4 އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާ ސަރުކާރާއި އެކު ކުރެވުނު މަޝްވަރާގެ ތެރެއިން ހަމަޖެހުނު މާލީ އެހީ އެކެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިންޑިއާއިން ރާއްޖެއަށް ދޭ 100 މިލިއަން ޑޮލަރުގެ މާލީ އެހީ ވަނީ ދިވެހި ސަރުކާރާ ހަވާލުކޮށްފަ އެެވެ.
މި ރަސްމިއްޔާތުގައި ރަމްޒީ ޗެކާ ހަވާލުވެ ވަޑައިގެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ޗެކް ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރް ވެސް މިރަސްމިއްޔާތުގައި ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވި އެވެ.
ފޮރިން މިނިސްޓްރީން ބުނީ 100 މިލިއަން ޑޮލަރުގެ މާލީ އެހީ އިންޑިއާ އިން ދިނުމަށް ހަމަޖެހިފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ ބްރާންޗް) އިން ދިވެހި ސަރުކާރުގެ ޓްރެޒަރީ ބޮންޑެއްގައި އިންވެސްޓްކޮށްގެން ކަމަށެވެ.