ކުޅިވަރު

ގަތަރު ބަލިކޮށް ނެދަލެޑްސް ގްރޫޕުގެ އެއްވަނަ ހޯދައިފި

ފީފާ ވޯލްޑް ކަޕްގައި މިރޭ މުބާރާތް ބާއްވާ ގަތަރު 2-0 އިން ބަލިކޮށް ނެދަލެންޑްސް އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުގެ ޖާގަ ހޯދައިފި އެވެ.

ނެދަލެންޑްސް އެއްވަނަ ހޯދީ ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. ފުރަތަމަ މެޗުގައި ސެނެގޯލް އަތުން މޮޅުވިއިރު ދެވަނަ މެޗުގައި އިކުއެޑޯއާ ވާދަކޮށް އެއްވަރުވީ އެވެ. ދެވަނަ ބުރާ އެކު ގްރޫޕުގެ އެއްވަނަ ކަށަވަރުކުރީ މިރޭ ގަތަރު އަތުން މޮޅުވެގެންނެވެ.

މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން ގަތަރަށް ލިބުނީ ދަށް ރެކޯޑެވެ. އެޓީމު ވެގެންދިޔައީ މިހާތަނަށް ވޯލްޑް ކަޕް ބޭއްވި ގައުމުތަކުގެ ތެރެއިން ފުރަތަމަ މެޗުގައި ބަލިވި ހަމައެކަނި ގައުމަށެވެ. އަނެއްކޮޅުން ގްރޫޕް ސްޓޭޖުގެ ތިން މެޗުން ވެސް އެޓީމު ބަލިވީ އެވެ. ތިން މެޗުގައި އެޓީމަށް ޖެހުނީ އެންމެ ގޯލެކެވެ.

މިރޭގެ މެޗުގައި މޮޅަށް ކުޅެ ނެދަލެންޑްސް އިން ވަނީ ގިނަ ހަމަލާތަކެއް އުފައްދައިފަ އެވެ. ކުރީ ދެމެޗުގައި ބެންޗުގައި އިން މެމްފިސް ޑިޕާއި މިރޭ ވަނީ ފުރަތަމަ އެގާރައިގައި ކުޅެފަ އެވެ. ކޯޗު ލުއީ ވެން ހާލް މިރޭ ބެންޗުކުރީ ސްޓީވެން ބާގްވައިން އެވެ.

މެޗުގައި ނެދަލެންޑްސްގެ ފުރަތަމަ ގޯލު 26 ވަނަ މިނެޓުގައި ޖެހީ ކޯޑީ ގަކްޕޯ އެވެ. އޭރިޔާ ބޭރުން ގަކްޕޯ އަށް ލިބުނު ބޯޅަ ވައްދާލީ ގޯލުގެ ތިރީ ކަނަށެވެ. ވޯލްޑް ކަޕްގައި ކުޅުނު ތިން މެޗުގައި ވެސް ގަކްޕޯ ވަނީ ލަނޑު ޖަހައިފަ އެވެ. ވޯލްޑް ކަޕްގައި އެންމެ ވިދުންގަދަ ޒުވާން ތަރިއަކީ ވެސް ގަކްޕޯ އެވެ.

ދެވަނަ ހާފު ފަށައިގެން ކުރީކޮޅު ނެދަލެންޑްސް އިން ލީޑު ފުޅާކުރި އެވެ. 49 ވަނަ މިނެޓުގައި މި ގޯލު ކާމިޔާބުކޮށްދިނީ ފްރޭންކި ޑި ޔޮން އެވެ. ޑިޕާއި ޖެހި ބޯޅަ ގަތަރުގެ ކީޕަރު ސޭވްކުރި ވަގުތު އެ ބޯޅަށް ލިބުނީ ހުސްކޮށް ހުރި ޑި ޔޮން އަށެވެ. އޭނާ ވަނީ ފަސޭހަކަމާ އެކު ގޯލަށް ބޯޅަ ވައްދާލާފަ އެވެ. މި ހާފުގައި ނެދަލެންޑްސްގެ ސްޓީވެން ބާގުއިސް ޖެހި ގޯލެއް ރެފްރީ ވަނީ ވީއޭއާރުގެ އެހީގައި ކެންސަލްކޮށްފަ އެވެ. އެއީ ބާގުއިސް އަށް ބޯޅަ ދިނުމުގެ ކުރިން ގަކްޕޯގެ އަތުގައި ބޯޅަ ޖެހުމުން ކެންސަލްކުރި ގޯލެކެވެ.

ނެދަލެންޑްސްއާ އެކު މިގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި އަނެއް ބުރަށް ދިޔައީ ސެނެގޯލް އެވެ. އެޓީމުން މިރޭ ވަނީ 2-1 އިން އިކުއެޑޯ ބަލިކޮށްފަ އެވެ. ސެނެގޯލަށް ހަ ޕޮއިންޓް ލިބުނުއިރު އިކުއެޑޯ އަށް ލިބުނީ ހަތަރު ޕޮއިންޓެވެ.

ވޯލްޑް ކަޕްގެ ދެވަނަ ބުރުން މިހާތަނަށް ޖާގަ ހޯދީ މި ދެޓީމުގެ އިތުރުން، ފްރާންސް، ބްރެޒިލް އަދި ޕޯޗުގަލް އެވެ.
މުބާރާތުގައި މިރޭ 12 ޖަހާއިރު ކުޅޭނީ ގްރޫޕް ބީގެ މެޗުތަކެވެ. ގްރޫޕުގެ ފަހު މެޗުގައި އިންގްލެންޑް ވޭލްސްއާ ދެކޮޅަށް ނުކުންނައިރު އެމެރިކާ އާއި އީރާން ވާދަކުރާނެ އެވެ.