ކުޅިވަރު

ހިތްވަރާ އެކު އިކުއެޑޯ ބަލިކޮށް ސެނެގޯލް ދެވަނަ ބުރަށް

ފީފާ ވޯލްޑް ކަޕްގައި މިރޭ 2-1 އިން އިކުއެޑޯ ބަލިކޮށް ސެނެގޯލް ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފި އެވެ.

މި ގްރޫޕުގެ އެއްވަނަ ހޯދީ މިރޭ ގަތަރު 2-0 އިން ބަލިކުރި ނެދަލެންޑްސް އެވެ. އެޓީމަށް ހަތް ޕޮއިންޓް ލިބުނުއިރު ސެނެގޯލް ދެވަނަ ބުރު ކަށަވަރުކުރީ ހަ ޕޮއިންޓާ އެކު އެވެ. ހަތަރު ޕޮއިންޓާ އެކު އިކުއެޑޯ އަށް ތިންވަނަ ލިބުނުއިރު ފުލަށް ދިޔަ ގަތަރަށް ޕޮއިންޓެއް ނުލިބެ އެވެ.

ފުރަތަމަ މެޗުގައި ނެދަލެންޑްސް އަތުން ބަލިވި ނަމަވެސް ގަތަރާއި އިކުއެޑޯ މެޗު ސެނެގޯލުން ކާމިޔާބުކުރީ އެވެ. މިފަހަރުގެ މުބާރާތަށް އެޓީމު ނުކުތީ އަނިޔާގެ ސަބަބުން ކެޕްޓަން ސަޑިއޯ މާނޭ ނުލަ އެވެ. މާނެ ނެތިވެސް ގްރޫޕް ސްޓޭޖުގެ ތިން މެޗުގައި ސެނެގޯލް ރަނގަޅު ކުޅުމެއް ދެއްކި އެވެ.

މިރޭގެ މެޗުގައި ސެނެގޯލުން ފުރަތަމަ ލީޑު ނެގީ ލިބުނު ޕެނަލްޓީއަކުން 44 ވަނަ މިނެޓުގަ އެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ އިސްމާއިލާ ސާ އެވެ. އެކަމަކު ދެވަނަ ހާފުގައި އިކުއެޑޯ އިން ވަނީ ނަތީޖާ އެއްވަރުކޮށްފަ އެވެ. 68 ވަނަ މިނެޓުގައި މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ މޮއިސެސް ކައިސީޑޯ އެވެ. ކޯނަރެއްގައި ލިބުނު ބޯޅައެއްގައި ކައިސީޑޯ ގޯލަށް ވައްދާލީ ހުހަށް ހުރެ އެވެ.

އިކުއެޑޯ އިން ނަތީޖާ ހަމަހަމަ ކުރުމާ އެކު، ސެނެގޯލް އިތުރު ގޯލެއް ޖެހިޔަނުދީ ހިފަހައްޓާނެ ކަމަށް ބެލެވުނެވެ. އެކަމަކު އިކުއެޑޯގެ ގޯލަށް ތިން މިނެޓު ނުވަނީސް ސެނެގޯލުން ދެވަނަ ފަހަރަށް ލީޑު ނެގި އެވެ. މި ގޯލު ކާމިޔާބުކޮށްދިނީ ކަލިދޫ ކުލިބަލީ އެވެ. ޗެލްސީގެ ޑިފެންޑަރު މި ގޯލު ޖެހީ އިކުއެޑޯގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ލިބުނު ބޯޅަ އެއްފަހަރުން ޖަހައި ގޯލަށް ވައްދާލައިގެންނެވެ.

ދެވަނަ ބުރުގައި ނެދަލެންޑް އާއި ސެނެގޯލް ނުކުންނާނީ އިންގްލެންޑް ހިމެނޭ ގްރޫޕް ބީއާ ދެކޮޅަށެވެ. މި ގްރޫޕުގައި މިރޭ އިންގްލެންޑާއި ވޭލްސް ވާދަކުރާއިރު އީރާން ނުކުންނާނީ އެމެރިކާއާ ދެކޮޅަށެވެ. މި ދެ މެޗު ވެސް ފަށާނީ މިރޭ 12 ޖަހާއިރު އެވެ.