ފިނިޕޭޖް

ބެޓްމޭންގެ ސުޕަވިލަން ޕެންގުއިންއަށް ޓީވީ ސީރީޒެއް

ޑީސީގެ "ދަ ބެޓްމޭން"ގެ ސުޕާވިލަން ޕެންގުއިންނަށް ސްޕިން-އޮފް ސީރީޒެއް ހަދަނީ އެވެ.

އެޗްބީއޯ މެކްސް އިން ހަދާ "ދަ ޕެންގުއިން" ސީރީޒްގައި ފެނިގެންދާނީ މެޓް ރީވްސް ޑައިރެކްޓް ކުރި "ދަ ބެޓްމޭން"ގެ ދުނިޔޭގައި އެ ފިލްމްގެ ފަހުން ވާ ކަންތައްތަކެވެ.

މި ސީރީޒްގެ ޕްލޮޓްގެ ތަފްސީލް ހާމަކޮށްފައި ނުވިނަމަވެސް، މައިގަނޑު ގޮތެއްގައި މި ފެނިގެންދާނީ އޮސްވޯލްޑް ކޮބްލްޕޮޓް ނޫނީ ޕެންގުއިން، ގޮތަމް ސިޓީގެ ކްރައިމް ވޯލްޑްގައި ކުރިއަރާ ތަނެވެ.

މި ސީރީޒްގައި ޕެންގުއިންގެ ރޯލް އަދާކުރަނީ "ދަ ބެޓްމޭން"ގައި ވެސް އެ ރޯލް އަދާކުރި ކޮލިން ފެރެލް އެވެ.

މީގެ ކުރިން ބެޓްމޭން ފިލްމުތަކުގައި މި ރޯލް ބާޖަސް މެރެޑިތް އާއި ޑެނީ ޑިވީޓޯ ކުޅެފައިވެ އެވެ. އަދި "ގޮތަމް" ސީރީޒްގައި މި ރޯލް ކުޅެފައިވަނީ ރޮބިން ލޯޑް ޓޭލާ އެވެ.

ކޮލިން ފެރެލްއާ އެކު މި ސީރީޒްގައި ލީޑް ރޯލް އަދާކުރާނީ ކްރިސްޓިން މިލިއޯޓީ އެވެ.

ކްރިސްޓިންގެ ރޯލަކީ ކްރައިމް ބޮސް ކާމައިން ފެލްކަންގެ ދަރިފުޅު ސޯފިއާ ފެލްކަން އެވެ. މި ދެ ތަރިންގެ އިތުރުން މި ސީރީޒްގައި ހިމެނޭ ތަރިންގެ ތަފްސީލް އަދި އެނގިފައެއް ނުވެ އެވެ.

މި ސީރީޒްގެ އިތުރުން އަދި އާކަމް އެސައިލަމް އަށާއި ގޮތަމް ޕޮލިސް ޑިޕާޓްމަންޓަށް ވެސް ސްޕިން-އޮފް ދެ ސީރީޒް އެޗްބީއޯ މެކްސް އިން ހަދާނެ ކަމަށް ހާމަކޮށްފައިވެ އެވެ. "ޕެންގުއިން"ގެ ޝޫޓިން ފަށާނީ އަންނަ އަހަރު އެވެ.