ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ބީގެ އެއްވަނަ އިންގްލެންޑް ހޯދިއިރު، ވާދަވެރި އީރާން ކަޓުވާލުމަށް ފަހު އެމެރިކާ އިން ދެވަނަ ބުރުން ޖާގަ ހޯދައިފި އެވެ.
ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ބީގެ އެއްވަނަ އިންގްލެންޑް ހޯދިއިރު، ވާދަވެރި އީރާން ކަޓުވާލުމަށް ފަހު އެމެރިކާ އިން ދެވަނަ ބުރުން ޖާގަ ހޯދައިފި އެވެ.
ރޭ އިންގްލެންޑް މޮޅުވީ ވޭލްސްއާ ވާދަކޮށް 0-3 އިންނެވެ. އެމެރިކާ ވަނީ 1-0 އިން އީރާން ބަލިކޮށްފަ އެވެ.
ގްރޫޕުގެ އެއްވަނަ އިންގްލެންޑް ހޯދީ ހަތް ޕޮއިންޓާ އެކު އެވެ. އެޓީމުން ވަނީ ވޭލްސް އާއި އީރާން ބަލިކޮށް އެމެރިކާއާ އެއްވަރުކޮށްފަ އެވެ. ގްރޫޕުގެ ދެވަނަ އެމެރިކާ އަށް ލިބުނީ ފަސް ޕޮއިންޓާ އެކު އެވެ. އެމެރިކާ އަށް މޮޅެއް ލިބުނީ ހަމައެކަނި އީރާން އަތުންނެވެ. ވޭލްސް އާއި އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވީ އެވެ. އީރާނަށް ތިންވަނަ ލިބުނީ ތިން ޕޮއިންޓާ އެކު އެވެ. އިންގްލެންޑާއި އެމެރިކާ އަތުން ބަލިވިއިރު ވޭލްސް އަތުން ފަހުވަގުތު އީރާން މޮޅުވި އެވެ. ފުލަށް ދިޔަ ވޭލްސް އަށް ލިބުނީ އެއް ޕޮއިންޓެވެ.
ރޭގެ މެޗަށް އިންގްލެންޑް ނުކުތީ އާއްމުކޮށް ފުރަތަމަ އެގާރައިގައި ހިމެނޭ ބައެއް ކުޅުންތެރިން ނުހިމަނަ އެވެ. އޭގެތެރޭގައި ރަހީމް ސްޓާލިން އާއި ބުކަޔޯ ސަކާ އަދި މޭސަން މައުންޓް ހިމެނެ އެވެ. ބަދަލުގައި ކުޅުނީ މާކަސް ރަޝްފާޑް އާއި ފިލް ފޯޑެން އަދި ޖޯޑެން ހެންޑަސަން އެވެ.
މެޗުގެ ތިން ގޯލު ވެސް ފެނުނީ ދެވަނަ ހާގުގަ އެވެ. ދެވަނަ ހާފު ފެށިގެން ފަސް ވަނަ މިނެޓުގައި އިންގްލެންޑަށް ލީޑު
ނަގައިދިން ލަނޑު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ ރަޝްފާޑް އެވެ. އޭގެ މިނެޓެއް ފަހުން ފޯޑެން ވަނީ ދެވަނަ ގޯލު ޖަހައިފަ އެވެ. މިއީ ހެރީ ކޭންގެ އެހީތެރިކަމާ އެކު ކޭން ޖެހި ގޯލެކެވެ. ދެ ގޯލުގެ ލީޑެއް ލިބުމުން އިންގްލެންޑުން ބެންޗުގައި ތިބި ބައެއް ކުޅުންތެރިންނަށް ފުރުސަތުދީފަ އެވެ.
މެޗުގެ ފަހު ގޯލު ވެސް ކާމިޔާބުކޮށްދިނީ ރަޝްފާޑް އެވެ. މިއީ ރަޝްފާޑް ވޯލްޑް ކަޕްގައި ކާމިޔާބުކުރި ތިންވަނަ ގޯލެވެ. ދެ މެޗުން ޖެހި ތިން ގޯލާ އެކު ރަޝްފާޑް އޮތީ ލަނޑު ލިސްޓުގެ އެއްވަނައިގަ އެވެ. އެނާއާ އެކު ތިން ގޯލު ޖެހި ކުޅުންތެރިންނަކީ ކިލިއަން އެމްބާޕޭ އާއި އިކުއެޑޯގެ އެނާ ވެލެންސިއާ އެވެ.
ދިގުދެމިގެންދާ ސިޔާސީ ވާދަވެރިކަން އޮތް ދެގައުމުގެ ކުރިމަތިލުން އެމެރިކާ އިން ކާމިޔާބުކުރީ ފުރަތަމަ ހާފުގައި ޖެހި ގޯލުންނެވެ. ސާޖިއޯ ޑެސްޓްގެ އެހީތެރިކަމާ އެކު މި ގޯލު ކާމިޔާބުކޮށްދިނީ ޗެލްސީންގެ ވިންގް ކްރިސްޓިއަން ޕުލިސިޗް އެވެ.
ދެވަނަ ބުރުގައި އިންގްލެންޑް ނުކުންނާނީ ގްރޫޕް އޭގެ ދެވަނަ ހޯދި ސެނެގޯލްއާ ދެކޮޅަށެވެ. އެމެރިކާ ވާދަކުރާނީ ގްރޫޕް އޭގެ އެއްވަނަ ހޯދި ނެދަލެންޑްސްއާ އެވެ.
ވޯލްޑް ކަޕްގައި މިރޭ ކުޅޭނީ ގްރޫޕް ސީ އަދި ޑީގެ ފަހު މެޗުތަކެވެ. ގްރޫޕް ސީގައި އޮސްޓްރިއާ އާއި ޑެންމާކް ކުޅޭ މެޗާއި ޓިއުނީޝިއާ އާއި ފްރާންސް ކުޅޭ މެޗު ފަށާނީ މިރޭ އަށެއް ޖަހާއިރު އެވެ. ރޭގަނޑު 12 ޖަހާއިރު ކުޅޭނީ އާޖެންޓީނާ އާއި ޕޮލެންޑް މެޗާއި ސައުދީ އަރަބިއާ އާއި މެކްސިކޯ މެޗެވެ.