ރައީސް ޔާމީންގެ ޝަރީއަތް

އާރަށް މައްސަލަ: 3.4 މިލިއަން ޑޮލަރު ނަގައިދޭން އެދިއްޖެ

ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި 3.4 މިލިއަން އެމެރިކާ ޑޮލަރު ދައުލަތަށް ނަގައިދޭން ދައުލަތުން ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތީ މައްސަލައިގެ ހުލާސާ ބަޔާން އިއްވުމެވެ.

މި މައްސަލައިގައި ދައުލަތުން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑްރިން ދައުވާ އެވެ. މިމައްސަލައިގައި ދައުލަތުން ދެން ދައުވާ އުފުލާފައިވަނީ ކުރީގެ މަޖިލިސް މެމްބަރު ޔޫސުފް ނައީމްގެ މައްޗަށެވެ. ޔޫސުފް ނައީމަށް ކުރަނީ ރިޝްވަތު ދިނުމުގެ ދައުވާ އެވެ.

ހުލާސާ ބަޔާނުގައި ދައުލަތުން ވަނީ ދައުވާގެ ސީގާގައި ދައުލަތުން އެދިފައިވާ ގޮތަށް ޔާމީން ލޯންޑާކުރި ކަމަށް ތުހުމަތުކުރެވޭ އެއް މިލިއަން އެމެރިކާ ޑޮލަރާއި އެ ފައިސާއަށް އެއްކޮށްފައިވާ 2،413،230 އެމެރިކާ ޑޮލަރު، ޖުމްލަ 3،413،230 އެމެރިކާ ޑޮލަރު އިންވެސްޓްކޮށްގެން އަބްދުﷲ ޔާމީން ލިބިފައިވާ ފައިސާ ދައުލަތަށް ނަގައިދިނުމަށް އަމުރުކޮށްދިނުމަށް އެދިފަ އެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ ކުށުގެ އެ އަމަލު ހިނގިއިރު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވީ ދައުވާ ލިބޭ ޔާމީން ކަމަށާއި މަންފާއަކީ ގާނޫނު ހުއްދަ ނުކުރާ މަންފާ އެއް ކަމަށެވެ.

ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އާމްދަނީ ލިބޭ އެހެން ކަމެއް ކޮށްގެން ނުވާނެ ކަމަށާއި މާލީ އެއްވެސް މަސްލަހަތެއް ބާއްވައިގެން ނުވާނެކަން ގާނޫނު އަސާސީގައި ބަޔާންކުރާކަން ވަކީލު ފާހަގަކުރެއްވި އެވެ.

ޔާމީންއަކީ ހާދިސާ ހިނގިއިރު އެއްވެސް ވިޔަފާރިއެއް ހިންގޭނެ ފަރާތެއް ނޫން ކަމަށް ވިދާޅުވި އެވެ.

ޔޫސުފް ނައީމްއަކީ ދައުލަތާއި މުއާމަލާތްކޮށް ރިސޯޓެއް ހެދުމަށް މަސައްކަތް ކުރަމުންދިޔަ ފަރާތެއް ކަމަށާއި އެފަދަ ކަމަކަށް އެދިގެން އުޅޭ މީހަކާ މަންފާއެއް ހޯދުމަށް މަސައްކަތް ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

އަބްދުﷲ ޔާމީން އެއް މިލިއަން ޑޮލަރު ބައްލަވައިގަތުމަށް އެދިވަޑައިގަތުމުން ޔާމީނަށް 15.42ރ. ގެ ރޭޓުން ޑޮލަރު ވިއްކާނެ ކަމަށް ޔޫސުފް ނައީމް ވިދާޅުވި ކަމަށް ދައުވާ ލިބޭ ފަރާތްތަކުން ހުށަހެޅި ހެކިން ވަނީ ޝަރީއަތުގައި ހެކިބަސްދީފަ އެވެ.

ޔޫސުފް ނައީމް އާއި އަބްދުﷲ ޔާމީންއާ ދެމެދު ހިނގީ ޑޮލަރު ގަނެ ވިއްކުމުގެ މުއާމަލާތެއް ކަމަށް އެ ފަރާތްތަކުން ބުނި ނަމަވެސް އެފަދަ މުއާމަލާތެއް ހިނގިކަން ސާބިތުކުރެވޭނެ އިތުބާރު ކުރެވޭ ހެކި ހުށަހެޅިފައިނުވާކަން ފާހަގަކުރި އެވެ.

މާލީ ލިޔެކިޔުންތަކުން ޔޫސުފް ނައީމްގެ އެކައުންޓުން އަބްދުﷲ ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވިކަން އެނގެން ނެތް ކަމަށް ވިދާޅުވި އެވެ.

ހާދިސާ ހިނގި ދުވަސްވަރު ޔާމީންގެ އެކައުންޓުން އެ އަދަދަށް ފައިސާ ނެގިކަން ބޭންކްތަކުން އެނގެން ނެތް ކަމަށެވެ. އިތުރު އެކައުންޓެއްގައި ފައިސާ ހުރި ނަމަ ނުވަތަ އިތުރު ގޮތަކުން ފައިސާ ހުރިނަމަ އެކަން ދައުވާ ލިބޭ ފަރާތުން ހާމަކުރީ ކަމަށް ވިދާޅުވި އެވެ. އަދި ޔާމީން އޮޑިޓާ ޖެނެރަލަށް ޔާމީން ހުށަހެޅުއްވި މާލީ އަހަރީ ބަޔާންތަކުގައިވެސް ނަގުދު ފައިސާގެ ގޮތުގައިވެސް ގޭގައިވެސް ފައިސާ ހުރިކަން އެނގެން ނެތްކަން ދައުލަތުން ވަނީ ފާހަގަކޮށްފަ އެވެ.

ވަކީލު ވިދާޅުވީ ޔޫސުފް ނައީމަށް އެ އަދަދަށް ދިވެހި ފައިސާ ލިބުނުކަން އެނގެން ނެތް ކަމަށެވެ.

ވ. އާރަށުގެ މުއާމަލާތް އަވަހަށް ހިނގުމަކީ އިއްތިފާގެއް ކަމަށާއި ޑޮލަރުގެ ސައްހަ މުއާމަލާތް ކުރާ އެތައް ބަޔަކު ތިއްބާ ޔޫސުފު ނައީމު ޑޮލަރު ވިއްކުމަކީ އިއްތިފާގެއް ކަމަށް ދައުލަތުން ފާހަގަކުރި އެވެ.