ވެމްކޯ

ތިލަފުށީގެ ފަޅުތެރެ ކުނިން ފުރިފައި

ތިލަފުށީގެ ފަޅުތެރެއަށް އުކާލާފައި ހުރި ކުނިތަކުން މުލި ސަރަހައްދު ގޮނޑުވެއްޖެ އެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ވަނީ ތިލަފުށީގެ ފަޅުތެރޭގައި ވަރަށް ގިނަ އަދަދަކަށް ކުނި ޖަމާވެފައިވާ ކަން އެނގޭ ފޮޓޯތަކެއް އާންމުކޮށްފަ އެވެ.

ކަނޑުގެ އޮއިވަރު ބަދަލުވުމާ ގުޅިގެން ފަޅުތެރެއަށް ހުރިހާ ކުނިތަކެއް ޖަމާވެފައިވާއިރު ކުނިތައް ނަގާ ސާފުކުރުމުގެ މަސައްކަތް ވެމްކޯ އިން ވަނީ ފަށާފަ އެެވެ.

ތިލަފުށި ފަޅުތެރެއަށް ޖަމާވެފައިވާ ކުނީގެ ތެރޭގައި ޕްލާސްޓިކް ފުޅިއާއި ކޮތަޅުގެ އިތުރުން ލަކުޑިއާއި ފުޅިމަދު ފަދަ ކުނި ހިމެނެ އެވެ.

ވެހިކަލެއް ބޭނުންކޮށްގެން ކުނިތައް ނަގަމުންދާ މަންޒަރު ވެމްކޯ އިން އާންމުކޮށްފައިވާއިރު ވީހާވެސް އަވަހަށް ތިލަފުށީގެ ފަޅުތެރޭގައި އެއްވެފައި ހުރި ކުނިތައް ސާފުކުރުމުގެ މަސައްކަތް ނިންމާލެވޭތޯ ބަލަމުންދާ ކަމަށްވެސް ވެމްކޯ އިން ވަނީ ބުނެފަ އެވެ.