ވެމްކޯ

ތިލަފުށީގެ ކުނި ނައްތާލަން 100 މިލިއަން ޑޮލަރުގެ މަޝްރޫއެއް!

ތިލަފުއްޓަށް ޖަމާކޮށްފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން 100 މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ވަރަށް އަވަހަށް ފަށަން ސަރުކާރުން ތައްޔާރުވަމުންދާ ކަމަށް ވޭސްޓްމެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ހާމަކޮށްފި އެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފުއާދު ވިދާޅުވީ، މާލެ ސަރަހައްދުގެ ކުނީގެ މައްސަލައަށް ވީހާވެސް އަވަހަށް ހައްލެއް ހޯދައި ދިނުމަކީ މިވަގުތު ސަރުކާރުން ވަރަށް އިސްކަންދޭ މަސައްކަތެއް ކަމަށާއި، އެ ކަމުގައި ވެމްކޯއިންވެސް އިސް ދައިރެއް އަދާކުރާ ކަމަށެވެ. އެގޮތުން ތިލަފުށީގައި ކުނި އެންދުމުގެ މަސައްކަތް ހުއްޓާލައި، މެނޭޖްކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމްކުރަން 100 މިލިއަން ޑޮލަރުގެ މަޝްރޫއެއް ފަށަން ތައްޔާރުވަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ، އެ މަޝްރޫއަށް ބޭނުންވާ ފައިސާ ހޯދަނީ ވޯލްޑް ބޭންކާއި، އޭޑީބީ އާއި އަދިވެސް އިތުރު ފަންޑިން އޭޖެންސީތަކަކާ ގުޅިގެން ކަމަށެވެ. އަދި ވިދާޅުވީ އެ މަޝްރޫއާއެކު، ކުރިއަށް އޮތް ދެ އަހަރެއްގެ ތެރޭގައި ތިލަފުށީގައި ހާމައަށް ކުނިއެންދުން ނިމުމަކަށް އަންނާނެ ކަމަށެވެ.

ފުއާދު ވިދާޅުވީ، ތިލަފުށީގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ގެންނަން ސަރުކާރުން ރާވާ މަޝްރޫއު ފަށަން އަދި ދުވަސްތަކެއް އޮތް ނަމަވެސް، މިހާރުވެސް ތިލަފުށީގައި ކުނި އެންދުން މަދުކުރަން ވެމްކޯ އިން މަސައްކަތް ކުރަމުން އަންނަ ކަމަވެ. ކުނި ރީސައިކަލް ކުރުމުގެ ބައި ވަރަށް ބޮޑަށް މިހާރު އިތުރުކޮށްފައިވާ ކަމަށާއި އޭގެ ސަބަބުން އަންދަން ޖެހޭބައި ވަރަށް ބޮޑަށް ކުޑަކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެން ޕޭޕާ ރިސައިކްލިންގެ މަސައްކަތް އެބަ ކުރިއަށްގެންދަން. އެއާއެކުގައި މާލޭގެ ހުރިހާ ސްކޫލްތަކެއްގަ ޑަސްބިން ބަހައްޓައިގެން ސްކޫލްތަކުގައި އުފެދޭ ކަރުދާސް އެބަ ނަގަން ހަފުތާއަކު އެއް ފަހަރު. އެއީ ވަރަށް ބައިވަރު ކަރުދާސް. އެއީވެސް މީގެ ކުރިން އަންދާ އެއްޗެއް، ނަމަވެސް މިހާޜު އެއީ އަންދާ އެއްޗެއް ނޫން. އެހެންވީމަ އެންދުން މަދުކުރަން ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރެވޭ،" ފުއާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކަރުދާސް އެންދުން މުޅިން ހުއްޓާލަން ރިސޯޓްތަކަށާއި އޮފީސްތަކަށް ކަރުދާހާއި އެނޫންވެސް އަލުން ބޭނުން ކުރެވޭ ފަދަ ސާމާނު ވަކިން ވެމްކޯއާ ހަމައަށް ގެންދަން އަންގާނެ ކަމަށާއި މި މަހުގެ ތެރޭގައި ހުރިހާ ރިސޯޓްތަކަށް އެގޮތަށް އަމަލުކުރަން އަންގާނެ ކަމަށެވެ.