ވެމްކޯ

ތިލަފުށި ޑިސްޕޯސަލް ސައިޓް ފުރި، ހިދުމަތް ދިނުމަށް ދަތިތަކެއް!

ތިލަފުށި ޑިސްޕޯސަލް ސައިޓް ފުރި، ހިދުމަތް ދިނުމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފި އެވެ.

ވެމްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނިން ތިލަފުށީގައި ހިންގަމުންދާ ޑިސްޕޯސަލް ސައިޓަކީ ރާއްޖޭގައި އުފެދޭ ކުނީގެ ބޮޑު ބައެއް ޖަމާކުރަމުންދާ ސަރަހައްދު ކަމަށާ އެފަދައިން ޖަމާކުރެވޭ ކުނި ރައްކާތެރި ގޮތުގައި މެނޭޖް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. ނަމަވެސް ގިނަ އަހަރުތަކެއް ވަންދެން ޖަމާކޮށްފައިވާ ކުނީގެ ސަބަބުން ތިލަފުށި ޑިސްޕޯސަލް ސައިޓް ފުރި، ޖާގައިގެ ދަތިކަން އިންތިހާއަށް ދިމާވެފައިވާ ކަމަށެވެ.

މީގެ އިތުރުން ވެމްކޯއިން ތިލަފުށީގައި ބޭނުންކުރަމުންދާ ވެހިކަލްތައް މަރާމާތުކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާ ތިލަފުށި ޑިސްޕޯސަލް ސައިޓް ސަރަހައްދުގެ ބަދަރާއި ތޮށިގަނޑު މަރާމާތު ކުރުމުގެ މަސައްކަތްވެސް ފެށިފައިވާ ކަމަށެވެ. އަދި މޫސުން ތަން ނުދިނުމުގެ ސަބަބުން އެ މަސައްކަތްތައް ނުނިމި ގިނަ ދުވަސްތަކެއް ފާއިތުވެފައިވުމުން ތިލަފުށީގައި ވެމްކޯއިން ދެމުންގެންދާ ބައެއް ހިދުމަތްތަކަށް އެންމެ ފުރިހަމަ ގޮތުގައި ދިނުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ.

ނަމަވެސް ތިލަފުށިން އެ ކުންފުނީގެ ހިދުމަތް ހޯދާ ފަރާތްތަކަށް އެންމެ ރަނގަޅު ހިދުމަތެއް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށާ އެކަމަށްޓަކައި ވެހިކަލްތައް ހޯދުން ފަދަ ކަންކަން ކުރަމުން ގެންދާ ކަމަށް ވެމްކޯން ވަނީ ބުނެފައެވެ.

އަދި ހިދުމަތް ހޯދާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މައާފަށް އެދިފައެވެ.