އެޗްޑީސީ

އާބަން އައިލް: ހުޅުމާލޭގައި ހިންގާ ޓޫރިޒަމް ބޮޑު މަޝްރޫއު

"އާބަން އައިލް"ގެ ނަމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތައާރަފްކޮށްފި އެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް "އާބަން އައިލް"ގެ ނަމުގައި މިއަދު ތައާރަފްކުރި މަޝްރޫއު އަކީ ބޮޑެތި ވިޔަފާރި ތަކުގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށްވެސް ބައިވެރިވެވޭ ގޮތަށް ރާވާފައި އޮތް މަޝްރޫއެކެވެ.

"ވަން އައިލެންޑް ވަން ރިސޯޓް"ގެ ކޮންސެޕްޓް ދަށުން ކުރިއަށް ގެންދާ މި މަޝްރޫއަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް އިންވެސްޓް ކުރުމުގެ ފުރުސަތު އެޗްޑިސީ އިން މިހާރު ވަނީ ހުޅުވާލާފަ އެވެ.

އެޗްޑީސީން ބުނީ "އާބަން އައިލް"ގެ މަޝްރޫއު ތަރައްގީކުރަނީ ދިވެހިންނާއި ބޭރު މީހުންނަށްވެސް ޗުއްޓީ ހޭދަކުރެވޭ ގޮތަށް ކަމަށެވެ. އަދި ވަކި ބަޖެޓެއް ކަނޑައަޅައިގެން ހަރަދު ކުޑަކޮށް ޗުއްޓީ ހޭދަކުރަން ބޭނުންވާ މީހުންނަށް ވެސް ރާއްޖެ އައިސް ހިތްފަސޭހަ މަންޒިލެއްގައި ޗުއްޓީ ހޭދަކުރެވޭ ގޮތަށް ކަމަށެވެ. ހުރިހާ ފަންތިއެއްގެ މީހުންނަށްވެސް ހިތްފަސޭހަ، ހިތްއެދޭ ގިނަ ހިދުމަތްތަކެއް އެ ސަރަހައްދުން ލިބިގެން ދާނެ ކަމުގެ ޔަގީންކަންވެސް އެޗްޑީސީން ދެ އެވެ.

މީގެ އިތުރުން "އާބަން އައިލް"ގައި އަޕްސްކޭލް ހޮޓެލް ތަކާއި މިޑްސްކޭލް ހޮޓެލްތަކުގެ އިތުރުން ސިޓީ ހޮޓެލްތައްވެސް ހެދުމަށް ހަމަޖެހިފައިވެ އެވެ. އަދި ސާވިސްޑް އެޕާާޓްމަންސްތަކާއި މުނިފޫހިފިލުވުމުގެ ފެސިލިޓީތައްވެސް "އާބަން އައިލް"ގައި ގާއިމުކުރުމަށް ނިންމާފައިވެ އެވެ. އަދި އެތަން ތަން ބިނާކުރާނެ ގޮތުގެ ކުރެހުމުގެ އިލަސްޓްރޭޝަނެއް ވެސް މިއަދު އާންމުކޮށްފައިވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކާ، އެ ސަރަހައްދުގައި ފަތުރުވެރިކަމުގެ ބޮޑު މަޝްރޫއެއް ހިންގަން އިއުލާން ކުރި އެވެ. ނަމަވެސް އެޗްޑީސީން މިއަދު ސޯޝަލްމީޑިއާގައި ހާމަކުރި މަޝްރޫއަކީ ސީދާ އެ މަޝްރޫއު ކަމެއް ނޭނގެ އެވެ.