ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޗައިނާގެ ކުރީގެ ލީޑަރު ޖިއަން އަވަހާރަވުމުން ރައީސްގެ ތައުޒިޔާ

Nov 30, 2022
1

ޗައިނާގެ ކުރީގެ ރައީސް ޖިއަން ޒިމިން އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ޗައިނާގެ ރައީސް ޝީ ޖިންޕިން އަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތައުޒިޔާގެ މެސެޖުގައި، ޗައިނާގެ ކުރީގެ ރައީސް ޖިއަން ޒިމިން އަވަހާރަވުމާ ގުޅިގެން މުޅި ޗައިނާ ހިތާމަ ފާޅުކުރަމުންދާ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި އެންމެހާ ދިވެހި ރައްޔިތުންގެ ނަމުގައި ތައުޒިޔާ ފޮނުއްވާފައިވެ އެވެ.

ރައީސްގެ މެސެޖުގައި ވިދާޅުވީ ޗައިނާގެ ކުރީގެ ރައީސް ޖިއަން ޒިމިން އަކީ ދުރު ވިސްނުމާއެކު އެ ގައުމުގެ ރައްޔިތުންނަށް އިޖުތިމާއީ އަދި އިގްތިސާދީ ފުދުންތެރިކަން ހޯއްދަވައިދެއްވި ލީޑަރެއް ކަމަށެވެ. އަދި ޖިއަން އަކީ ބައިނަލްއަގްވާމީ މައިދާނުގައި ޗައިނާ އަކީ ފާހަގަކޮށްލެވޭ ފަދަ މުހިއްމު ދައުރެއް އަދާކުރާ ގައުމަކަށް ހެދުމަަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވި ލީޑަރެއް ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސްގެ މެސެޖުގައި ހިތާމައިގެ މިދަނޑިވަޅުގައި ޗައިނާގެ ކުރީގެ ރައީސް ޖިއަން ޒިމިންގެ އާއިލާއަށް ތައުޒިޔާ ރައްދުކޮށްދެއްވުމަށް ވެސް އެދިވަޑައިގެންފައިވެ އެވެ.

ޖިއަން ޒިމިން ޗައިނާގެ ރައީސް ކަން ކުރެއްވީ 1993 އިން 2003 އަށެވެ. އުމުރުފުޅުން 96 އަހަރުގައި އޭނާ މިއަދު އަވަހާރަވީ އާލާސްކަންފުޅާ ގިނަ ދުވަސްތަކަކު އުޅުއްވުމަށްފަހު އެވެ.