ކުޅިވަރު

16 އަހަރަށް ފަހު އޮސްޓްރޭލިއާ ދެވަނަ ބުރަށް، ޑެންމާކް ފުލަށް

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ޑީ އިން ފްރާންސާ އެކު ދެވަނަ ބުރުގެ ޖާގަ، އޭޝިއާ އަށް ނިސްބަތްވާ އޮސްޓްރޭލިއާ އިން ހޯދައިފި އެވެ.

މިރޭ އޮސްޓްރޭލިއާ އިން ދެވަނަ ބުރު ޔަގީންކުރީ 1-0 އިން ޑެންމާކް ބަލިކޮށްގެންނެވެ. މި ގްރޫޕުގެ އަނެއް މެޗުގައި ދުނިޔޭގެ ޗެމްޕިއަން ފްރާންސް ވަނީ 1-0 އިން ޓިއުނީޝިއާ އަތުން ބަލިވެފަ އެވެ.

މި ގްރޫޕުގެ އެއްވަނަ ލިބުނު ފްރާންސާއި ދެވަނައިގައި ނިންމާލި އޮސްޓްރޭލިއާ ހަ ޕޮއިންޓް ހޯދި އެވެ. ތިންވަނަ ލިބުނީ ހަތަރު ޕޮއިންޓް ހޯދި ޓިއުނީޝިއާ އަށެވެ. ފުލަށް ދިޔަ ޑެންމާކަށް ލިބުނީ އެއްމެ ޕޮއިންޓެކެވެ.

އޮސްޓްރޭލިއާ އަށް ވޯލްޑް ކަޕްގެ ދެވަނަ ބުރުން މީގެ ކުރިން ފުރުސަތު ލިބުނީ 2006 ވަނަ އަހަރު ޖަރުމަނުގައި އޮތް މުބާރާތުގަ އެވެ. އޭގެފަހުން ކުޅުނު ތިން ވޯލްޑް ކަޕްގައި ވެސް އެޓީމު ގްރޫޕް ސްޓޭޖުން ކެޓީ އެވެ. އެކަމަކު މިފަހަރުގެ މުބާރާތުގައި އޮސްޓްރޭލިއާ އިން ވަނީ ޓިއުނީޝިއާ އާއި ޑެންމާކް ބަލިކޮށްފަ އެވެ.

ޑެންމާކަކީ ފަހަކަށް އައިސް ޔޫރަޕްގައި ކުރިއެރުން ހޯދަމުން އައި ގައުމެކެވެ. އެންމެ ފަހުގެ ޔޫރޯ ސެމީ ފައިނަލުގައި ކުޅުނުއިރު ވޯލްޑް ކަޕް ކޮލިފައިންގައި ވެސް އެޓީމުގެ ނަތީޖާތައް ރަނގަޅެވެ. އެކަމަކު ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި ފްރާންސާއި އޮސްޓްރޭލިއާ އަތުން ބަލިވިއިރު އެއްވަރުކުރެވުނީ ޓިއުނީޝިއާއާ އެވެ. މީގެ ކުރިން ޑެންމާކް ގްރޫޕް ސްޓޭޖުން ކެޓީ 2010 ވަނަ އަހަރު އެވެ.

ޑެންމާކް އަތުން އޮސްޓްރޭލިއާ މޮޅުވި ގޯލު 60 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މެތިއު ކެލީ އެވެ. މި ގޯލަށް ފަހު ޑެންމާކްގެ އެޓޭކުތައް ހުއްޓުވައި އޮސްޓްރޭލިއާ އިން ލީޑުގައި އޮވެ މެޗު ނިންމާލި އެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ޑެންމާކުން މޮޅަށް ކުޅު ހަމަލާ ވެސް އުފެއްދި އެވެ. އެކަމަކު މި ވޯލްޑް ކަޕްގައި އެޓީމަށް ދިމާވީ ގޯލު ނުޖެހުމުގެ މައްސަލަ އެވެ. ތިން މެޗުގައި އެޓީމަށް ޖެހުނީ އެންމެ ގޯލެކެވެ.

ދެވަނަ ބުރު ޔަގީންވުމުން ފްރާންސް މިރޭގެ މެޗަށް ނުކުތީ ފުރަތަމަ އެގާރަ އަށް ނުވަ ބަދަލު ގެނެސްގެންނެވެ. ބަދަލުތަކާ އެކު ފްރާންސް ފެނުނީ އާދައިގެ ގޮތަކަށެވެ. މެޗުގައި މޮޅަށް ކުޅެ ޓިއުނީޝިއާ އިން ގިނަ ހަމަލާތަކެއް އުފެއްދި އެވެ. ޓިއުނީޝިއާގެ ހަމައެކަނި ގޯލު ދެވަނަ ހާފުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ވަބީ ކަޒްރީ އެވެ.

މެޗުގެ އިތުރު ވަގުތުގެ ފަހު މިނެޓުގައި ފްރާންސްގެ އޮންޓުއަން ގްރީޒްމަން ގޯލެއް ޖެހި އެވެ. އެކަމަކު އޭގެ އިރުކޮޅެއް ފަހުން ރެފްރީ ވަނީ ވީއޭއާރު ބެލުމަށް ފަހު އެއީ އޮފްސައިޑް ގޯލެއް ކަމަށް ނިންމައިފަ އެވެ.

ވޯލްޑް ކަޕުން ކެޓިޔަސް ދުނިޔޭގެ ޗެމްޕިއަން ބަލިކުރެވުމުން ޓިއުނީޝިއާގެ ސަޕޯޓަރުން ދަނޑުގައި އުފާފާޅުކުރި އެވެ. މިރޭ އޮސްޓްރޭލިއާ އާއި ޑެންމާކް މެޗު އެއްވަރުވި ނަމަ ޓިއުނީޝިއާ އަށް ދެވަނަ ބުރުގެ ޖާގައެއް ލިބުނީހެވެ.

މިރޭ 12 ޖަހާއިރު ކުޅޭނީ ގްރޫޕް ސީގެ ފަހު ދެމެޗެވެ. މި މެޗުތަކުގައި ބައްދަލުކުރާނީ އާޖެންޓީނާ އާއި ޕޮލެންޑުގެ އިތުރުން ސައުދީ އަރަބިއާ އާއި މެކްސިކޯ އެވެ.