ޝްރަދާ ވޯކާ ނަމަކަށް ކިޔާ 27 އަހަރުގެ ޒުވާން އަންހެނަކު މަރާލައި އޭނާގެ ހަށިގަނޑު ކޮށާކުދިކުރިކަމުގެ ތުހުމަތުގައި އިންޑިޔާގެ މުމްބައިގެ ފުލުހުން މިހާރު ހައްޔަރުކޮށްފައިވާ އާފްތާބް އަމީން ޕޫނާވާލާގެ މިހާރު ލޯބިވެގެން އުޅެނީ ނަފްސާނީ ޑޮކްޓަރަކާ ކަން ހާމަވެއްޖެ އެވެ.
އަދި ޝްރަދާ މަރާލީ އާފްތާބް ކަން އެނގުމުން މި ޑޮކްޓަރަށް ވަނީ ބޮޑު ޝޮކެއް ލިބިފަ އެވެ. އޭނާ ބުނެފައިވާ ގޮތުގައި އާފްތާބަކީ އެ ކަހަލަ މީހެއް ކަމަކަށް އޭނާ އެއްގޮތަކަށް ވެސް ހިޔެއް ނުކުރެ އެވެ. އަދި އާފްތާބްގެ އަނިޔާވެރިކަމާއި ބިރުވެރިކަން އެނގި އެކަމާ ގަންނާ ކުރެއްވި ބިރުން ކައުންސެލިން ނަގަމުންދާ ކަމަށް ވެސް ސައިކޭޓްރިސްޓެއްގެ ގޮތުގައި މަސައްކަތްކުރާ މި ޑޮކްޓަރު ބުނި ކަމަށް އިންޑިޔާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.
އާފްތާބް އޭނާ އާ ލޯބީގެ ގޮތުން ގުޅިގެން އެގެއަށް ދައުވަތު ދީގެން ގެންގޮސްފައިވަނީ ކުރީގެ ލޯބިވެރިޔާގެ ހަށިގަނޑުގެ ބައިތައް ފްރިޖްގައި ހުއްޓާކަން އެނގުމުން މިހާރު ވަރަށް ބިރުގަންނަ ކަމަށް ވެސް އާފްތާބްގެ ފަހުން ލޯބިވީ އަންހެން ޑޮކްޓަރު ބުނެފައި ވެއެވެ.
ދިއްލީ ފުލުހުން ވަނީ މި ޑޮކްޓަރު ވެސް ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށް ސުވާލުކޮށް އޭނާގެ ބަޔާންވެސް ނަގާފަ އެވެ.
ފުލުހުން ކައިރީ ޑޮކްޓަރު ބުނި ގޮތުގައި އޭނާ އާ ގުޅުނު ފަހުން އާފްތާބްގެ ކިބައިން އެއްވެސް ކަހަލަ މައްސަލައެއް އޭނާއަށް ފާހަގަ ކުރެވިފައި ނުވާކަމަށެވެ. އެއްވެސް ވަރަކަށް ދެރަވެ ހިތާމަކުރުމުގެ އަލާމާތްތަކެއް ވެސް ނުފެންނަ ކަމަށާއި އަދި ބިރުން އުޅޭތީ ވެސް ނުފެންނަ ކަމަށް ޑޮކްޓަރު ބުނެފައި ވެއެވެ.
އޭނާއަކީ ސައިކޭޓްރިސްޓަކަށް ވެފައި މީހުންގެ ސިކުނޑީގައިވާ ކަންތައްތައް ވަރަށް ރަނގަޅަށް ދެނެގަންނަން އެނގުނު ނަމަވެސް އާފްތާބް އޭނާއަށް ފެނުނީ ވަރަށް ނޯމަލް މީހެއްގެ ގޮތުގައި ކަމަށް އޭނާގެ މިހާރުގެ ލޯބިވެރިޔާ އަދި ޑޮކްޓަރު ބުންޏެވެ.
މި ސައިކޭޓްރިސްޓަށް ވެސް އާފްތާބް އާ ދިމާވީ ޑޭޓިން ޕްލެޓްފޯމަކުންނެވެ. އަދި އާފްތާބް އާއި ޝްރަދާ ދިރިއުޅުނު ގެއަށް މިދިޔަ އޮކްޓޯބަރު މަހު ވެސް ދެ ފަހަރަކު އޭނާ ވަނީ އާފްތާބް ދައުވަތު ދީގެން ގޮއްސަ އެވެ.
ފުލުހުން ކައިރީ އާފްތާބް މިހާރު އެއްބަސް ވެފައިވާ ގޮތަށް ޝްރަދާގެ ހަށިގަނޑުގެ ބައިތައް އޭރުވެސް ފްރިޖުގައި ހުރި ނަމަވެސް އާފްތާބްގެ ލޯބިވެރިޔާ އަށް އެއްގޮތަކަށް ވެސް އެކަން ނޭނގޭ ކަމަށް އޭނާ ބުނެފައި ވެއެވެ.
އާފްތާބްގެ މިހާރުގެ ލޯބިވެރިޔާ ފުލުހުންނަށް ދީފައިވާ ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި މިދިޔަ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު އާފްތާބް އޭނާއަށް އަނގޮޓިއެއް ހަދިޔާ ކޮށްފައި ވެއެވެ. މިއީ ވަރަށް ފޭންސީ ނަމަވެސް އާޓިފިޝަލް އަނގޮޓިއެކެވެ. ޑޮކްޓަރު މިހާރު ލަފާ ކުރަނީ މިއީ ޝްރަދާ މަރާލިއިރު އޭނާގެ އިނގިލީގައި އޮތް އަނގޮޓިއެކެވެ. ޝްރަދާގެ ހަށިގަނޑު ކޮށާ ކުދިކުރިއިރު އާފްތާބް އެ އަނގޮޓި ނަގާފައި އޭނާއަށް ފަހުން ހަދިޔާ ކުރީ އެވެ.
އާފްތާބްގެ އަތުގައި މީރުވަސްދުވާ ސެންޓާއި ޑިއޮޑްރަންޓްސްގެ ވަރަށް ގިނަ ވައްތަރުތައް ހުރި ކަމަށާއި އޭގެ ތެރެއިން ބައެއް ސެންޓާއި ޑިއޮޑްރަންޓްސް އޭނާއަށް ހަދިޔާއަކަށް ދީފައިވާ ކަމަށް ވެސް އޭނާގެ މިހާރުގެ ލޯބިވެރިޔާގެ ބަޔާނުގައި ވެއެވެ.
އާފްތާބް ދުވަހަކުވެސް ކަމަކާ ބިރުން ހާސްވެގެން ނޫޅޭ ކަމަށާއި އޭނާއަށް ފެނުނީ ވަރަށް އޯގާތެރި އާފްތާބެއް ކަމަށް ވެސް ލޯބިވެރިޔާ ބުނެފައި ވެއެވެ. އަދި އާފްތާބް ވަރަށް ގިނައިން އަމިއްލައަށް ދުންފަތް އަނބުރައިގެން ސިނގިރޭޓް ހަދައިގެން ބޯ ކަމަށާއި ސިނގިރޭޓް ބުއިން ހުއްޓާލަން މަސައްކަތްކުރާ ކަމަށް ލޯބިވެރިޔާ ކައިރީ އާފްތާބް ބުނިކަމަށް ވެއެވެ.
އަދި އާފްތާބަކީ ވަރަށް މީރު ކާނާ ކެއުމަށް ލޯބިކުރާ މީހެއް ކަމަށާއި ނަން މަޝްހޫރު އެކި ރެސްޓޯރަންޓްތަކުން ކާއެއްޗެތި އޯޑަރުކޮށްގެން ވަރަށް ގިނައިން ގެނެސް ކައި އުޅޭކަމަށް ވެސް އޭނާގެ މިހާރުގެ ލޯބިވެރިޔާ ބުނެފައި ވެއެވެ.
ދިއްލީ ފުލުހުން ބުނެފައިވާ ގޮތުގައި ޝްރަދާ މަރާލުމަށްފަހު އާފްތާބް ލޯބީގެ ވާހަކަ ދެއްކި ފުރަތަމަ މީހަކީ މި ސައިކޭޓްރިސްޓެއް ނޫނެވެ. ޝްރަދާ މަރާލިތާ 12 ދުވަސް ފަހުން މޭ 30 ވަނަ ދުވަހު ވެސް އާފްތާބް އަންހެންކުއްޖަކަށް ގުޅާފައި ވެއެވެ. އަދި އޭގެ ފަހުން ފާއިތުވީ ދުވަސް ތަކުގައި އެކި ޑޭޓިން ސައިޓް ތަކުން 15 ނުވަތަ 20 ވަރަކަށް އަންހެންކުދިންނާ ލޯބީގެ ވާޙަކަތައް އޭނާ ދައްކާފައި ވާކަމުގެ ހެކި ހުރިކަމަށް ދިއްލީ ފުލުހުން ބުނެ އެވެ.
މިއީ އާފްތާބްގެ ވަޓްސްއަޕް، ފޭސްބުކް، އިންސްޓަގްރާމް، ގޫގުލް އަދި ގޫގުލްޕޭ އިން ފުލުހުން ހޯދި މައުލޫމާތެވެ.
ޝްރަދާ މަރާލީ އާފްތާބް މިހާރު ބުނެފައިވާ ގޮތަށް ކުއްލިއަކަށް އައި ރުޅީގައި ކަމަށް ފުލުހުން ގަބޫލެއް ނުކުރެ އެވެ. ދިއްލީ ފުލުހުން ބުނެފައިވަނީ އާފްތާބް މިކަން ކޮށްފައިވަނީ ދުރާލާ ރާވައިގެން ކަމަށެވެ. ޝްރަދާ މަރާލަން އާފްތާބް ބޭނުންވީ ސަބަބަކީ އޭނާގެ އަނިޔާވެރިކަމަށް ކެތް ނުވެގެން ޝްރަދާ އޭނާއާ ވަކިވާން ނިންމައި އެ ވާހަކަ ބުނުމުން ކަމަށް ވެއެވެ.